ދިރާސާ ކުރުމަކީ ސިއްހީ ދާއިރާގެ ކުރިއެމަށް ވަރަށް މުހިއްމު ކަމެއް: ހެލްތު މިނިސްޓްރީ

ދިރާސާ ކުރުމަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ވަރަށް މުހިއްމު މަސައްކަތެއް ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސިއްހީ ދާއިރާއިން ރާއްޖޭގައި ދިރާސާ ކުރަން ބޭނުންވާ މީހުންނަށް ބޭނުންވާ މުހިއްމު މައުލޫމާތު ތަކެއް ދިނުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ބޭއްވި ވޯކްޝޮޕް ހުޅުއްވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތަކާއި އެ މައްސަލަތަކުގެ ހައްލު ހޯދޭނީ ވެސް އެކަންކަމާ ބެހޭ ގޮތުން ދިރާސާކޮށް ފުރިހަމަ މައުލޫމާތު ހޯދިގެން ކަމަށެވެ.
"... ސިއްހީ ދާއިރާގައި ރިސާޗުގެ މަސައްކަތަކީ މިދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާނެ މަސައްކަތެއް. ރާއްޖޭގައި ތަފާތު ބަލިތައް ފެތުރެމުންދާ މިންވަރާއި ހެލްތު އިންޑިކޭޓާސްތަކަށް އަންނަ ބަދަލުތަކާއި ތަފާތު އުމުރުތަކުގެ މީހުންނަށް އެކި ބަލިތަކުގެ އަސަރުކުރާ މިންވަރާއި ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ހިދުމަތް ދިނުމުގައި ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެހިދުމަތްތައް ފޯރުކޮށްދޭ ދިނުމުގައި ހުރި ހުރަސްތަކާއި އެ ހުރަސްތައް ނައްތައިލުމަށް ކުރެވޭނެ މަސައްކަތްތަކަށް ސައިންޓިފިކް އެވިޑެންސް އާއި އެކު އެކަށީގެންވާ މައުލޫމާތު ލިބިގެންދާނީ ފުރިހަމަ ގޮތުގައި މިކަންތައްތަކާ ބެހޭ ގޮތުން ދިރާސާ ކުރެވިގެން،" އޭނާ ވިދާޅުވި އެވެ.
މިއަދު ކުރިއަށްދާ ވޯކްޝޮޕްގެ ބޭނުމަކީ ރާއްޖޭގައި ދިރާސާކުރަން ބޭނުންވާ ފަރާތްތަކުން ދިރާސާ ޕްރޮޕޯސަލްތައް ހެލްތު މިނިސްޓްރީން ކަނޑައަޅާ ފެންވަރެއްގައި ބެހެއްޓުމާއި ދިރާސާކުރުމުގެ މެތޮޑޮލޮޖީ އާއި ހުނަރުތައް ދަސްކޮށްދިނުމާއި އެތިކަލް އަދި ސައިންޓިފިކް ރިވިއުކުރުމުގައި ކުރިއެރުން ހޯދައި ދިނުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ