ރާއްޖެ ހޯދާ ތަރައްޤީ ބައިނަލްއަޤްވާމީ މުޖުތަމައު ބަލައިގަނޭ- ޙާލާ

ބައިނަލްއަޤްވާމީ ގޮތުން ގޮންޖެހުންތަކެއް ހުއްޓަސް، ރާއްޖެއިން ހުރިހާ ރޮނގަކުން ހޯދަމުންދާ ތަރައްޤީ ބައިނަލްއަޤްވާމީ މުޖުތަމައު ބަލައިގަންނަކަމަށް ޖެނީވާގައި ހުންނަ އދ.ގެ އޮފީހުގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ޙާލާ ޙަމީދު ވިދާޅުވެއްޖެއެވެ. 
ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޙާލާ ވިދާޅުވީ، ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތައް ދުނިޔޭގެ ޤައުމުތަކުން ގިނަ ފާޑުކިއުންތަކެއް އަމާޒުވާކަމަށެވެ. އެހެންނަމަވެސް އެ ފާޑުކިއުންތަކަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް އަމާޒުވާ ފާޑުކިއުންތަކެއް ކަމަށާއި، މަރުގެ ޙުކުމް ތަންފީޒުކުރުން ފަދަ ސަރުކާރުގެ ސިޔާސަތުތަކަކީ ރާއްޖެއަށް ލިބިދޭ ސިޔާދަތީ ބާރުގެ ތެރެއިން ތަންފީޒުކުރެވެންޖެހޭނެ ސިޔާސަތުތަކެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. 
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އަހަރުތެރޭގައި ބާއްވާ ހުރިހާ ސެޝަނެއްގައިވެސް އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތައް ޙިއްޞާ ކުރަމުންދާކަން ހާލާ ފަހަގަ ކުރެއްވިއެވެ. އަދި އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގައި ރާއްޖެއާ ގުޅޭގޮތުން ހުށަހެޅޭ ކޮންމެ މައްސަލައަކަށް އެކަށީގެންވާ ޖަވާބެއް މިހާތަނަށް ދެއްވާފައިވާނެކަމަށް ހާލާ ވިދާޅުވިއެވެ. ދިވެހިރާއްޖެއިން ކަޑައްތުކުރަމުންދަނީ ޅަފަތުގައި އޮންނަ ޑިމޮކްރަސީތަކުން ކަޑައްތުކުރާ މަރުޙަލާތަކެއްކަމަށާއި، މިއީ ހަމައެކަނި ރާއްޖެއަށް ޚާއްޞަ ކަމެއް ނޫންކަމަށް އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލައް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ވިދާޅުވިއެވެ. 
މީގެ އިތުރުން ޑރ.ޙާލާ ހަމީދު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވާ ފާޑުކިއުންތަކަކީ ބައިނަލްއަޤްވާމީ މުޖުތަމައުން ރާއްޖެ ބަލައިގަންނަކަން ހާމަވާ ކަމެއްކަމަށާއި، އެފަދަ ފާޑުކިއުންތަކީ ހެޔޮ ފާލެއްކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ