ދީބާޖާއަށް ތިން ދުވަހު ތެރޭގައި ފައިސާދައްކަން ކޯޓުން ދައުލަތަށް އަންގައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ތިން ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން ދައުލަތަށް އަންގައިފި އެވެ. ދީބާޖާއަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދިނުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ފެށީ 12 މޭ 2019 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި މިއަދު ސިވިލް ކޯޓްގައި ބޭއްވި އަޑުއެހުމާ ގުޅޭ ގޮތުން ދީބާޖާ ކުންފުނީގެ ބައެއް ޑިރެކްޓަރުން "ސަން"އަށް ވިދާޅުވީ، މިއަދު ކޯޓުން ނިންމީ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައި ރަސްމީ ތިން ދުވުގެ ތެރޭގައި ދެއްކުމަށެވެ. އެއީ 116 މިލިއަން ރުފިޔާ އެވެ. ސިވިލް ކޯޓުގެ މި އެންގުމާ އެއްގޮތަށް އަމަލުކުރާ ނަމަ ފެށޭ ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން އެފައިސާ ދީބާޖާއަށް ސަރުކާރުން ދައްކަން ޖެހޭނެ އެވެ. އެގޮތަށް ކޯޓުން އަންގާފައިވަނީ އެކަމަށް އެހެން ހައްލެއް އޮތް ކަމަށް ދައުލަތަށް ދެއްކިފައި ނެތުމުން ކަމަށް ދީބާޖާގެ ޑިރެކްޓަރުން ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނ. ރ. ބ. އަދި ޅ އަތޮޅަށް ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުންޏާ ގުޅޭ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ދައުލަތުން އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރީ މުއްދަތު ހަމަވިފަހުން ކަމަށެވެ. ހައިކޯޓުގެ ގަވާއިދުގައި ބުނެފައިވާގޮތުން މުއްދަތު ހަމަވާ ފަހުން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް ބަލައިގަންނަންވާނީ އަމިއްލަ ބާރު ނުފޯރާ ފަދަ މަގުބޫލު ސަބަބެއް މެދުވެރިވާ ހާލަތުގައި އެކަންޏެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން އިސްތިއުނާފަށް ހުށަހެޅި ސަބަބުތަކަކީ ހައިކޯޓުގެ ގަވާއިދުގައި ބުނެފައިވާ ފަދަ އަމިއްލަ ބާރު ނުފޯރާ ފަދަ މަގުބޫލު ސަބަބުތަކެއް ކަމަށް ބަލަންޖެހޭ ޝަރުއީ އަދި އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައި ވަނީ އެ މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ