އަޖޭގެ "ރެއިޑް"ގެ ސީކުއަލެއް

ދެހާސް އަށާރަވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ރެއިޑް"ގެ ސީކުއެލެއް ހަދަން ނިންމައިފިއެވެ. ޕްރޮޑިއުސަރު ބުޝަން ކުމާރު ބުނީ ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔަ އަޖޭ ދޭވްގަން އާއެކު ފިލްމުގެ ސީކުއަލެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ރެއިޑް އަކީ ފާހަގަކޮށްލެވޭ ވަރުގަދަ ފްރެންޗައިޒަކަށްވާނެކަމަށެވެ. ފިލްމުގެ ދެވަނަ ބައިގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށާއި ފިލްމަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ޚަބަރުތައް ބުނާގޮތުގައި ރެއިޑްގެ ސީކުއަލް ވެގެންދާނީ ފިލްމުގެ ފުރަތަމަ ބައެކޭވެސް އެއްގޮތަށް ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަކަށެވެ. ފިލްމުގެ ސްކްރިޕްޓްގެ މަރުހަލާ މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުތެރޭ ކަމަށް ޚަބަރުތައް ބުނެއެވެ. ރެއިޑް ފިލްމަކީ 1980 ގެ ތެރޭގައި އިންޑިއާގައި ކުރިއަށް ގެންދިޔަ ވަރުގަދަ ރެއިޑަކަށް ބިނާކޮށް ތައްޔާރުކުރި ފިލްމެކެވެ. ފިލްމުގައި އަޖޭ ފެނިގެންދިޔައީ އަމޭ ޕާޓަކް ކިޔާ ޖެހިލުންކުޑަ އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލުންނެވެ. އެ ފިލްމުގައި އަޖޭ އާއެކު ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދިޔައީ އިލީނިއާ ޑިކުރޫޒް، ޝޯރަބް ޝުކްލާ އަދި ސާނަންދު ވަރްމާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ