ޝަހީދު އާދަމް ހަލީމަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ދެއްވައިފި

މި މަހުގެ 22 ވަނަ ދުވަހު ކ. ކާށިދޫގައި ވަޅިން ހަމަލާދީ މަރާލި ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ހަލީމަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެލާއި މަގާމުގެ ކުރިއެރުން މިއަދު ދެއްވައިފި އެވެ. އާދަމް ހަލީމްގެ ހަނދާން އާކުރުމަށްޓަކައި މިއަދު މިރަށުގައި ބޭއްވި ތައުބީނުގެ ޖަލްސާގައި އާދަމް ހަލީމަށް ދެއްވި މެޑެލް، ރައީސް މުހައްމަދު ވަހީދު ހަވާލުކޮށް ދެއްވީ އޭނާގެ ބައްޕަ އަހްމަދު ހަލީމާއެވެ. އަދި ލާންސް ކޯޕްރަލްކަމުގެ މަގާމުން، ސާޖެންޓްގެ މަގާމަށް އާދަމް ހަލީމް ބަދަލު ކުރެއްވި ކަމުގެ ލިޔުމާއި އާދަމް ހަލީމަށް ލިބޭ އިނާޔަތްތަކުގެ ލިޔުމާއި ފުލުހުންގެ ފެމެލީ އެސޯސިއޭޝަނުން ދޭ ރަމްޒީ އެހީވެސް ހަވާލުކޮށްދެއްވީ އާދަމް ހަލީމްގެ ބައްޕައާ އެވެ. މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ވަރަށް މުހިންމު ހިދުމަތެއް ކަމަށާއި އަޅުގަނޑުމެންނަށް ސަލާމަތްކަންމަތީ ތިބެވެނީ ފުލުހުންނާއި ސިފައިން ވަރަށް ބޮޑު ޖިހާދެއް ކޮށްގެން ކަމަށެވެ. ނަމަވެސް "އެވަރު ނުދަންނަ ބަޔަކު ވެސް އުޅޭ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ފުލުހުންނާއި ސިފައިންނަށް ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށާއި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި ބަޔަކު މަސައްކަތްކުރާ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. ކޮންމެ ރަށެއްގައި ވެސް ފުލުހުންނާއި ސިފައިންނާ ދިމާކޮށް ހަދަމުންދާ ކަމަށާއި އެއީ ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ "ކުރެވިގެންވާނެ ކަމެއް ނޫން" ކަމަށާއި "އެއީ ގާނޫނު ވެސް ތަންދީގެން ވާނެ ކަމެއް ނޫން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އަމަން އަމާންކަން ގާއިމުކުރުމަށް އުފެދިފައިވާ އެންމެ ވަރުގަދަ މުހިންމު މުއައްސަސާތައް ސިފައިންނާއި ފުލުހުންނަކީ. އެކަމަކު މިއަދު އެ މުއައްސަސާތަކާ ދެކޮޅަށް މަސައްކަތް ކުރަމުންދާއިރު އެއާ ދޭތެރޭގައި އެކަށީގެންވާ ފިޔަވަޅެ ނޭޅޭކަމީ އެއީ އަޅުގަނޑު ހިތާމަކުރާ ކަމެއް،" ވަހީދު ވިދާޅުވި އެވެ. "ގާނޫނުގައި އެކަންކުރެވޭނެ ގޮތެއް ނެތިއްޖާ ގާނޫނުތައް އެބަޖެހޭ ބަދަލުކުރަން. ބަދަލުނުކޮށް، އަޅުގަނޑުމެންނަށް އެ މުއައްސަސާތަކަށް ދޭންޖެހޭ ބާރާއި އަޅުގަނޑުމެން ބޭނުންވާ ޔަގީންކަމެއް ނުލިބޭނެ." ސިފައިންގެ މީހަކަށް އަދި ފުލުހަކަށް ދެވޭ ހަމަލާއަކީ މުޅި ދައުލަތަށް ދެވޭ ހަމަލާއެއް ކަމަށާއި އާދަމް ހަލީމަށް ދިން ހަމަލާއަކީ ވެސް ފުލުހުންނާމެދު ނަފުރަތު އުފެއްދުމަށް ބަޔަކު ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް ގަބޫލުކުރައްވާ ކަމުގައި މިއަދު ރައީސް ވަހީދު ވިދާޅުވި އެވެ. މިއަދުގެ ޖަލްސާގައި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އާދަމް ހަލީމަކީ ޑިއުޓީގައި އުޅެނިގެން މަރުވި ފުލުހުންގެ ތިން ވަނަ މީހާ ކަމަށެވެ. އަދި 2008 ވަނަ އަހަރު ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން ޔުނިފޯމުގައި މަރުވި ފުރަތަމަ ފުލުސް ކަމަށް ރިޔާޒު ވިދާޅުވި އެވެ. އޭނާގެ ހަނދާންތަކާއި އަޒުމަކީ ދުވަހަކު ވެސް ނިމިގެންދާނެ ކަމެއް ނޫން ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި "ޕޮލިސް މެމޯރިއަލް ޑޭގެ ގޮތުގައި" އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޖުލައި 23 ވަނަ ދުވަސް ފާހަގަ ކުރަން ނިންމަވާފައިވާ ކަން ރިޔާޒު އިއުލާން ކުރެއްވެވި އެވެ. އާދަމް ހަލީމް މަރުވީ ޖުލައި 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އާދަމް ހަލީމަކީ ހިތްވަރު ގަދަ ޒުވާނެއް ކަމަށާއި މުރާލިކަމުގެ ނަމޫނާއެއް އަދި ވަރަށް ވަރުގަދަ އަޒުމެއްގެ ވެރިއެއް ކަމަށެވެ. ގައުމު ބޭނުންވަނީ އެފަދަ ދަރިންނަށް ކަމަށާއި އެފަދަ ދަރިން ތިބި ނަމަ ފެބްރުއަރީ 8 ގައި އައްޑޫގައި ތިނަދޫ ގައި ހިންގި އުޅުޖެހުމުގެ ހާދިސާތައް ނުހިނގާނެ ކަމަށް ވިދާޅުވި އެވެ. މިއަދުގެ ޖަލްސާގައި ކާށިދޫގެ ގިނަ ބަޔަކު ބައިވެރިވި އެވެ. އާދަމް ހަލީމް މަރާލި މީހާ ވަނީ އޭނާ އަށް ހަމަލާދިން ކަމަށް ޝަރީއަތުގައި އެއްބަސްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ