ތަޖުރިބާހުރި ކަމަށް ބުނެ އެއްވެސް ބޭފުޅަކާ ވެރިކަން ހަވާލު ކުރުމަކީ ހެޔޮވާވަރުގެ ކަމެއްނޫން: ގާސިމް

ތަޖުރިބާކާހުރި ކަމަށް ބުނެ އެއްވެސް ބޭފުޅަކާ ވެރިކަން ހަވާލުކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި ވޯޓްދޭއިރު ރައްޔިތުން އެދޭފަދަ ތަސައްވުރެއް ގެންގުޅުއްވާ ބޭފުޅަކަށް ނޫނީ ވޯޓް ނުދެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ހއ. ކެލާ އެ އަތޮޅު ފިއްލަދޫގެ ބައެއް ފަރާތްތައް ޖުމްހޫރީ ޕާޓީއާ ގުޅެން ރޭ ބޭއްވި ރަސްމިއްޔާތަކަށްފަހު ވީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޤާސިމް ވިދާޅުވީ މިއީ ތަޖްރިބާ ކުރުމަށް ކޮންމެ ކޮންމެ މީހަކާ ވެރިކަން ހަވާލު ކުރަންވީ ވަގުތެއް ނޫން ކަމަށެވެ.
"ރާއްޖޭގެ ވެރިކަމަށް ދެން ގެންނަ ބޭފުޅަކީ ރައްޔިތުން އެދޭ ތަސައްވުރު ހިތުތެރޭގައި އޮތް އެ ތަސައްވުރުގެ ނަތީޖާ ނެރެދީފައިވާ ތަޖްރިބާކާރު ބޭފުޅަކަށް ވާންޖެހޭނެ،" ގާސިމް ވިދާޅުވި އެވެ. "މިފަދައިން ޢަމަލު ނުކޮށްފިނަމަ މިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުން ހުއްޓި ޤައުމުގެ ހާލަތު ހީވެސްނުކުރާހާ ދަށު ދަރަޖައަކަށް ވެއްޓިގެން ހިގައިދާނެ،"
ޤާސިމް ވިދާޅުވީ ވޯޓަކީ ދައްކާ ފޮނިވާހަކައަކުން ނުވަތަ ލިބޭ ވަގުތީ މަންފާއަކުން ގަނެލެވޭނެ އެއްޗަކަށް ވެގެންނުވާނެ ކަމަށާއި އަތޮޅުތަކުގެ ތަރައްޤީއަށް މަސައްކަތްކޮށްދޭނެ ލީޑަރަކަށް ނޫނީ މިފަހަރު ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
ޤާސިމް ވަނީ ރާއްޖޭގެ ޖުޑިޝަރީއާއި ގުޅޭގޮތުންވެސް ރޭ ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީ މިއަދު އޮތް މިހާލަތުގައި އޮތީ އެ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ނުވަތަ ފަނޑިޔާރުގެތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ސަބަބުން ނޫން ކަމަށާއި ޖުޑިޝަރީ މިހާލަތުގައި އޮތީ އެ ނިޒާމް ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން ކުރަންޖެހޭ ކަންކަން ނުކޮށް އިހްމާލްވެފައިވާތީކަމަށެވެ.
ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީސް ވެސް ތަމްސީލްކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ ކޯޓްތަކަށް ޖާގައިގެ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާއިރު ކޯޓް އިމާރާތެއް ހެދުމަށް ބިމެއް ހަމަނުޖެހި އެތައް އަހަރުތަކެއް ފާއިތުވުމަކީ ހިތާމަ ކުރަންޖެހޭ ކަމެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ