ރައްޔިތުން ބޭނުން ވަނީ ގާސިމް ފަދަ ލީޑަރެއް: ޑރ. ދީދީ

ދިވެހި ރައްޔިތުން މިއަދު ބޭނުން ވަނީ ނަނާ ހުވަފެން ދެއްކުމުގެ ބަދަލުގައި އިހުލާސްތެރިކަމާއެކު ޤައުމަށް ހިދުމަތް ކޮށްދޭނެ އަމަލީ ތަޖުރިބާހުރި ލީޑަރަކު ވެރިކަމަށް ގެނައުމަށް ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެފަދަ ހަމައެކަނި ކެންޑިޑޭޓަކީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ކަމުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. ދީދީ މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕެރަޑައިސް އައިލެންޑް ރިސޯޓްގެ މުވައްޒަފުން ތާއިދު ކުރަނީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. ހަސަން ސައީދުއަށް ކަން ހާމަ ކޮށްދިނުމަށްޓަކާ ރޭ ޕެރަޑައިސްގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ. ދީދީ ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަކީ ތަރައްޤީ ކުރައްވާނެ ކަމަށް ހަމައެކަނި ވިދާޅުވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނަކީ އަމަލުން އެކަން ސާބިތުކޮށް ދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
ދީދީ ވިދާޅުވީ ތައުލީމީ ދާއިރާއިން މީހުން ބިނާ ކުރުމާއި، ދިވެހިންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހޯދައިދިނުމާއި، ސިއްހީ ގޮތުން ވެދެއްވާ އެހީތެރިކަމާއި ހުރިހާ ދާއިރާއަކަށް ބެލިނަމަވެސް އެމަނިކުފާނު ކޮށްދެއްވާފައިވާ ގިނަގުނަ ހިދުމަތް ތަކަކީ މިއަދު ވިސްނާ ފިކުރު ކުރަންޖެހޭ ހިދުމަތްތަކެއް ކަމަށެވެ. އަދި ހާއްސަކޮށް ޤާސިމް އިބްރާހިމަކީ ޒިންމާދާރު މަޤާމުތައް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމުގެ ބަދަލުގައި ދިވެހިންނަށް އެފުރުސަތު ހޯއްދަވާ ދެއްވާ ބޭފުޅެއް ކަމަށްވެސް ޑރ. ދީދީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިން ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ކަންމަތީ ފިހާރައިގެ ދަރަނި ކަނޑުއްވައި ދެއްވާނަމޭ ވިދާޅުވި ނަމަވެސް ދަރަނިފަތި މިހާރު ބޮޑުވެ އަތްނުފޯރާ ފަށަށްގޮސް އަނގަޔާއި އަތާ ދިމާނުވާ ދަރަޖައަށް ގޮސްފައިވާ ކަމަށާއި 10 ރުފިޔާއަށް ތިރި ކުރަން ބުނި ޑޮލަރުގެ އަގު ބޮޑުވެގެންގޮސް ޑޮލަރު ބޮޑު އަގުގައި ގަންނަންވެސް ނުލިބޭވަރަށް އިޤްތިސޯދީ ހާލަތު ގޯސްވެފައިވާ ކަމަށެވެ.
ދީދީ ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ފަދަ ބޭފުޅަކާ ވެރިކަން ހަވާލުކުރަން ބޭނުންވާ ރައްޔިތުން ގިނަވެ ޖުމްހޫރީ އޮޑި ފުރި ބާރުވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި ގައުމުގެ މުސްތަޤުބަލް ބިނާ ކުރުމަށްޓަކާ ލިބޭ ގާނޫނީ ފުރުސަތުގެ ބޭނުން ރައްޔިތުން ހެޔޮގޮތުގައި ހިފުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދީދީ އިތުރަށް ވިދާޅުވީ ޖުމްހޫރީ ގުޅުމުންނާއި އަދި ޖުމްހޫރީ ޕާޓީން އެއްވެސް ފަރާތަކަށް ޤާނޫނު އަސާސީއާ ޤާނޫނު ތަކާއި ޚިލާފަށް އެއްވެސް ކަމެއް ކުރަން ނުބުނާނެ ކަމަށާއި، ޖުމްހޫރީ ގުޅުމުން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި މިބައްދަލުވުމުގައި މުވައްޒަފުން ބުނީ އެމީހުން ތިބޭނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ގުޅުމުން ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ފަހަތްޕުޅުގައި ކަމަށާއި، އެމަނިކުފާނަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއްވެސް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ