އިގްތިސާދީ ސަރަހައްދުގެ ބޭރުން، ކަނޑު އަޑީގެ ފަސްގަނޑުން ބައެއް ހޯދަން ރާއްޖެއިން ކުރާ ދައުވާއަށް އެއްވެސް ގައުމަކުން ހުރަހެއް ނާޅާ:ޑރ. ޝަހީދު

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޭރުން ކަނޑު އަޑީގެ ފަސްގަނޑުން ބައެއް ހޯދުމަށް ރާއްޖެއިން އދ ގައި ކުރާ ދައުވާއަށް އެއްވެސް ގައުމަކުން ހުރަސް ނާޅާ ކަމަށާއި، ކަނޑައެޅިފައިވާ ގޮތަށް އަންނަ އަހަރުގެ މާޗް މަހު މި މައްސަލަ އދ ގައި ކުރިއަށްދާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.އޯއައިސީ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން ރަސްމީ ފާލަމުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަހީދު ވިދާޅުވީ، ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން ދެ ކަމެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސީބެޑް ބޮޑު ކުރުމުގެ މައްސަލަ އާއި، އީއީޒެޑްގެ މައްސަލަ ހިމެނޭ ކަމަށް ޝަހީދު ވިދާޅުވި އެވެ. އަދި މިފަދަ މައްސަލަ ތަކުގައި އެއްވެސް ގައުމެއްގެ ހިތްހަމަ ނުޖެހުމެއް ވާނަމަ އެ ހިތްހަމަނުޖެހޭ މައްސަލައެއް ހައްލުވަންދެން އެކަމެއް ބާއްވަނީ ކަމަށާއި، ނަމަވެސް ރާއްޖޭގެ މައްސަލަ ހިނގާ ގޮތަށް އޮތުމަކީ އެއްވެސް ބައެއްގެ ހިތްހަމަނުޖެހުން އެކަމުގައި ނެތުން ކަމަށެވެ.ޑރ.ޝަހީދު މިހެން ވިދާޅުވި ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޭރުން ކަނޑު އަޑީގެ ފަސްގަނޑުން ބައެއް ހޯދުމަށް ރާއްޖެއިން އދ ގައި ކުރާ ދައުވާއަށް އިނގިރޭސިވިލާތުން ހުރަސްއަޅާނެ ކަމުގެ އިޝާރާތް އެގައުމުގެ ހާރިޖިއްޔާއިން ވަނީ ދީފަ އެވެ.މަޝްހޫރު ގާޑިއަން ނިއުސް ވެބްސައިޓްގައި ބުނެފައި ވަނީ، ރާއްޖޭގެ 200 މޭލުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ނުވަތަ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބޭރުން ލިބެން ޖެހޭނެ ކަމަށް ބުނެ ދިވެހި ސަރުކާރުން ދައުވާކުރާ 168000 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދަކީ، އިނގިރޭސީންގެ ބާރު އޮންނަ ޗާގޯސް އައިލެންޑްސްގެ އީއީޒެޑްއާ ފުށުއަރާ ސަރަހައްދެއް ކަމަށް އިނގިރޭސި ހާރިޖިއްޔާއިން ބުނެފައިވާ ކަމަށެވެ.ގާޑިއަން ނޫހުގައި އިތުރަށް ބުނެފައި ވަނީ، މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އިނގިރޭސިވިލާތުން އދ ގެ ކަނޑުތަކާ ބެހޭ ކޮމިޓީ އަށް ސިޓީ ހުށަހަޅާފައިވާ ކަމަށާއި އެ ސިޓީގައި ރާއްޖޭގެ ދައުވާ ދިވެހި ސަރުކާރުން ތައްޔާރު ކުރިއިރު، ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ 200 މޭލުގެ އިގްތިސާދީ ސަރަހައްދާ ފުށުއަރާތޯ ބަލާފައިނުވާ ކަމަށެވެ.އިނގިރޭސި ފޮރިން އޮފީހުން ބުނީ، ރާއްޖެއަށް ހައްގުވާ ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރާ ދައުވާއަށް އެގައުމުން ދެކޮޅު ނަހަދާ ކަމަށާއި ނަމަވެސް ކޮންމެ ގައުމަކުންވެސް އެފަދަ ދައުވާއެއް ކުރުމުން، އެކަމާ ގުޅޭ މަސްލަހަތު އޮންނަ އެހެނިހެން ގައުމުތަކަށް ފެންނަ ގޮތް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެގައުމުން ސިޓީ ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖެއިން ދައުވާ ކުރާ ސަރަހައްދުގައި ފުށުއެރުންތަކެއްވާކަން އދ ގެ ސަމާލުކަމަށް ގެނެސް ދިނުން ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން، ރާއްޖެއާއި އިނގިރޭސިވިލާތަކީ ގާތް ގުޅުމެއް އޮންނަ ދެގައުމު ކަމަށްވާތީ، ވީ އެންމެ އަވަސް ފުރުސަތެއްގައި މިކަމާ ގުޅޭ ގޮތުން ދެގައުމުގެ މެދުގައި މަޝްވަރާކޮށް، އިން ވަކިކުރުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނެ ކަމަށް ވެސް އެ ސިޓީގައި ހިމަނާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ