ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް މައުމޫން ގޮވާލައްވައިފި

ބައިނަލްއަގްވާމީ ފަރާތްތަކާއި ރާއްޖެއިން ގުޅުން ބަދަހިކުރަން ޖެހޭނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫ ނާރާނެފަދަ ގޮތަކަށް ކަމަށާއި އެހެންކަމުން ކޮމަންވެލްތުން ރާއްޖެވަކިވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޕީޕީއެމް ކޯލިޝަންގެ "އެއްވާނަކަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫނު ވިދާޅުވީ، ރާއްޖޭގެ ހަމަޖެހުން ގާއިމް ކުރަންކަމަށް ބުނެ ބޭރުގެ ޖަމާއަތްތަކުން ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހި ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެގޮތުން ކޮމަންވެލްތު ފަދަ ޖަމާއަތްތަކުން ރާއްޖެއައިސް ދިވެހިން ދާހިލީ ކަންކަމާއި ބެހި ވަކި މީހަކަށް ވެރިކަން ހޯދައިދީ މިގައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރަމުންދާތަން ފެންނަމުންދާ ކަމަށެވެ.
މައުމޫނު ވިދާޅުވީ ކޮމަންވެލްތުގައި ރާއްޖެއިން ބައިވެރިވީ އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެއަށް އެކިކަންކަމުގައި ފައިދާ ހޯދައި އެހީތެރިކަން ހޯދައިދިނުމަށް ކަމަށާއި، އެހެންނަމަވެސް މިއަދު ކޮމަންވެލްތުން ރާއްޖެއަށް ލިބެމުންދާ މާބޮޑު ފައިދާއެއް ނެތް ކަމަށެވެ.
ކޮމަންވެލްތުން މިހާރު ގެންދަނީ ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހެމުން ކަމަށާއި، އެކަމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް މައުމޫނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވެގެން އޮތުމުގެ ބޭނުމެއް ނެތް ކަމަށާއި، އެހެންކަމުން ދެން އިންތިހާބުވާ ރައީސަކު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މިއަދު ހާލަތު މުޅިން ބަދަލުވެއްޖެ. އަޅުގަނޑުމެންނަށް ކޮމަންވެލްތުން ލިބޭ މާ ބޮޑު ފައިދާއެއް ނެތް. ކޮމަންވެލްތުން އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކާ ބެހެނީއޭ. އަޅުގަނޑުމެންގެ ސިޔާސަތުތަކާ ކުޅެނީއޭ. އެކި ފަރާތްތަކަށް އެހީތައް ދީގެން ރާއްޖޭގައި ހަމަނުޖެހުން ހިންގަނީއޭ. މިއަދު އަޅުގަނޑު އެދެމޭ ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވާން" މައުމޫން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިއަދު ރައީސް ޑރ.ވަހީދާއިއެކު ބޭއްވި ބައްދަލުވުމުގެ ތަފުސީލް ދެއްވަމުން މައުމޫނު ވިދާޅުވީ ރައީސް ޑރ.ވަހީދު މަގާމުން އިސްތިއުފާ ދިނުމަށް އެދި ބޭރުގެ ފަރާތްތަކުން ރައީސް ވަހީދަށް ބިރުދެއްކެވި ކަމަށާއި، އެހެންނަމަވެސް ދިވެހި ރައްޔިތުންގެ ހައްގުގައި ރައީސް ޑރ. ވަހީދު ބޭރުގެ ފަރާތްތަކުގެ ބަސް ގަބޫލު ނުކުރެއްވީ ކަމަށެވެ.
ރައީސް ވަހީދު ގައުމަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވަމުން މައުމޫނު ވިދާޅުވީ ވަރަށް އޮމާންކަމާއި ހިތްވަރާއެކު ސާބިތު ކަންމަތީ މިދިޔަ 21 މަސްދުވަހުގެ ތެރޭގައި ރައީސްގެ މަގާމު އަދާކުރައްވައި ވަރަށް ރީތި މިސާލެއް ރައީސް ޑރ.ވަހީދު ދައްކުވައިދީފައިވާ ކަމަށެވެ.
މީގެ އިތުރުން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ ޖުމުހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމެވީވެސް ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ. ގާސިމަކީ ރައްޔިތުންގެ ލޯތްބާއި ގަދަރު ހޯއްދަވާފައިވާ ބޭފުޅެއް ކަމަށާއި، ގާސިމް ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމެވީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށްވެސް މައުމޫނު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި މައުމޫނު ވަނީ ޕީޕީއެމްއަށް ތާއީދުކޮށް ގުޅިވަޑައިގެންނެވި ހުރިހާ ޕާޓީތަކަށާއި، އުމަރު ނަސީރުގެ ޓީމަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
މީގެ އިތުރުން މައުމޫނު ވިދާޅުވީ ބޮޑު މުބާރާތެއް ފެށި މުބާރާތުގެ ފައިނަލް މެޗް ކުޅެން ޖެހިފައިވާއިރު، މެޗް ކާމިޔާބުކޮށް ގައުމީ ތަށި ހޯދަން ޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމްދީން ދަމަހައްޓަން ބޭނުންނަމަ އިންތިހާބު ކާމިޔާބު ކުރަންޖެހޭ ކަމަށާއި، މިޒަމާނުގައި ތަރައްގީގެ އިގުތިސޯދަކީ އެގައުމެއްގެ މައި ބިންގާ ކަމަށާއި، ދިވެހި އިގްތިސޯދު ދިވެހިންގެ އަތްމަތީގައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށްވެސް މައުމޫނު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ކުރީގެ ރައީސް މައުމޫނު ވަނީ، އެއްވާނަކަށް އެންމެ ގުޅިގެން ދިވެހި ގައުމާއި އިސްލާމް ދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ