އެޗްއާރުސީއެމްގެ މެމްބަރުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަރުގަދަ ސުވާލުތަކެއް ކުރައްވައިފި
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް) އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓުން ހިންގާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ކޮމިޝަންގެ މެމްބަރުންނާ ވަރުގަދަ ސުވާލުތަކުގެ ކުރިމަތި ކުރައްވައިފި އެވެ. އެޗްއާރްސީއެމްއާ ދެކޮޅަށް ސުޕްރީމް ކޯޓުގެ އިސް ނެގުމަށް ހިންގާ ސުމޯޓޯ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެންމެ ގިނަ ސުވާލުތައް އެ ކޮމިޝަނާ ކުރިމަތި ކުރެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނެވެ. ފާއިޒު ވިދާޅުވި ގޮތުގައި އެޗްއާރުސީއެމް ޖަވާބުދާރީ ނުކުރެވޭނީ ހެޔޮ ނިޔަތުގައި ކުރާ ކަންކަމާ ގުޅިގެން ކަމަށާއި ނަމަވެސް ނުބައި ނިޔަތެއްގައި ކަމެއް ކޮށްފި ނަމަ އެކަމަށް އެ ކޮމިޝަން ޖަވާބުދާރީ ކުރުވޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އެންމެ ފުރަތަމަ ސުވާލު ކުރެއްވީ ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައި އެ އޮތް އޮތުމާ މެދު އެވެ. އެ ސުވާލުގެ ޖަވާބުގައި އެ ކޮމިޝަންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ނުރަނގަޅު ނުފޫޒެއް ފޯރުވި ކަމަށް އެ ރިޕޯޓުގައި ނޯންނާނެ ކަމަށެވެ. ޝަރުއީ ދާއިރާއިން އެ ކޮމިޝަނަށް އެއްބާރުލުން ނުދިނީ ކޮން ކަމަކަށްތޯ އުއްތަމަ ފަނޑިޔާރު ކުރެއްވި ސުވާލަކާ ގުޅިގެން ކޮމިޝަންގެ ރައީސާ މަރިޔަމް އަޒްރާ ވިދާޅުވީ އެ ކޮމިޝަނުން ހިންގާ އެކިއެކި ތަހުގީގުތަކުގައި ކޯޓުތަކުން މައުލޫމާތު ހޯދުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ކޯޓުތަކާ ގުޅޭގޮތުން އެ ކޮމިޝަނުން ހިންގަން އުޅުނު މަޝްރޫއަކަށް މައުލޫމާތު ލިބުމުގައި ދަތިތަކެއް ދިމާވި ކަމަށް ވެސް އަޒުރާ ވިދާޅުވި އެވެ. އެގޮތަށް އަޒުރާ ވިދާޅުވުމުން އުއްތަމަ ފަނޑިޔާރު ފާއިޒު ވަނީ ކޯޓުތައް މޮނީޓާ ކުރުމަށް އެޗްއާރުސީއެމަށް ބާރު ލިބެނީ ކޮން ހަމައަކުންތޯ ސުވާލު އުފައްދަވައިފަ އެވެ. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށާއި ބަންޑާރަ ނައިބުގެ ޚިޔާލަށް އެ ރިޕޯޓް ފޮނުވި ކަމަށް އެޗްއާރުސީއެމުން ބުނެފައިވާތީ ފަނޑިޔާރު އާދަމް މުހައްމަދު ސުވާލު ކުރެއްވީ ޚިޔާލު ހުށަނޭޅުމަކީ ބޭނުންވާހާ ގޮތަކަށް ރިޕޯޓްތައް ނެރެވިދާނެ ސަބަބެއް ކަމަށް ކޮމިޝަނުން ގަބޫލުކުރަނީތޯ ކަމަށެވެ. ޖަވާބުގައި ވަކީލް މައުމޫން ވިދާޅުވީ އެގޮތަށް އެ ކޮމިޝަނުން ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް ކޮމިޝަނުން ބުނެފައިވާނީ ބަންޑާރަ ނައިބާއި ޑީޖޭއޭއަށް އެ ރިޕޯޓް ފޮނުވުމުން ވެސް އެއްވެސް މައްސަލައެއް ފާހަގަކޮށްފައި ނުވާތީ އެ ވާހަކަ ކަމަށެވެ. މީގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ އެޗްއާރުސީއެމާ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވައިފަ އެވެ. އެގޮތުން ދަށު ކޯޓުތަކުގެ ބާރު ސުޕްރީމް ކޯޓުން ހަނިކުރާ ކަމަށް ލިޔެފައި އޮތީ ކީއްވެގެންތޯ ފަނޑިޔާރު އަބްދުﷲ ސައީދު ސުވާލު ކުރެއްވި އެވެ. ޖަވާބުގައި މައުމޫން ވިދާޅުވީ އެގޮތަށް އެ އޮތީ ދަށު ކޯޓުގައި ހުރި ބައެއް މައްސަލަތައް ސުޕްރީމް ކޯޓަށް ނަގަމުންދާތީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ގެބްރިއާލާ ނައުލްގެ ރިޕޯޓުގައި ވެސް އެ ވާހަކަތައް ފާހަގަކޮށްފައިވާތީ ކަމަށެވެ. ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިފައިވާ ކަމަށް ލިޔެފައި އޮތީ ކޮން އަސާސަކަށް ބިނާކޮށްގެންތޯ ފަނޑިޔާރު އަބްދުﷲ ސައީދު ސުވާލު ކުރެއްވުމުން މައުމޫން ވިދާޅުވީ އެގޮތަށް އޮތީ ކުރިން ކޮށްފައިވާ ސާވޭއެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އިސްލާމް ދީނުގައި ހައްދުތައް ކަނޑައަޅަނީ ގާޒީން ކަމަށް ދޭހަވާ ގޮތަށް އެ ރިޕޯޓުގައި އޮތް ކަމަށް ވިދާޅުވެ ފަނޑިޔާރު ސައީދު ސުވާލު ކުރެއްވި ނަމަވެސް މައުމޫން ވިދާޅުވީ އެގޮތަށް ރިޕޯޓުގައި ނޯންނާނެ ކަމަށެވެ. ނަމަވެސް ގާނޫނުލް އުގޫބާތުގެ ވާހަކަ އެ ރިޕޯޓުގައި އޮންނާނެ ކަމަށް ވިދާޅުވި އެވެ. ފަނޑިޔާރުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކޮމިޝަންގެ ރައީސާއި ނައިބު ރައީސަށް ވެސް ޖެހިވަޑައިގަތެވެ. މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެކަން ނުވަތަ ނޫންކަން ވެސް އިއުލާން ކުރުމެއް ނެތި އެވެ. އެޗްއާރްސީއެމުން ނެރުނު ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައިވާ ގޮތުން ސުޕްރީމް ކޯޓުން ދަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި، ދަށު ކޯޓުތަކުގެ ބާރު ހަނި ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ