ގާސިމް ހަރަދުގައި ނިލަންދޫގެ ބިން ހިއްކަން ފަށައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަވާރިކުރާ އެއް ކުންފުނި ކަމަށްވާ ވިލާގެ ވެރިޔާ ގާސިމް އިބްރާހީމްގެ ހަރަދުގައި ފ. ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ. ނިލަންދޫ ކައުންސިލްގެ ރައީސް އަބްދުލްޖަލީލު އަހުމަދު ވިދާޅުވީ މިހާރު ހަދާފައި އޮތް ބަނދަރު ކައިރިން 0.9 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަށާފައިވާ ކަމަށާއި އެ މަސައްކަތް 15 ވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުން ހިއްކާ ބައި 4.3 ހެކްޓަރަށް ބޮޑުކުރުމަށް ރައްޔިތުން ބޭނުންވެގެން ގާސިމަށް ހުށަހެޅުމުން އެކަން ކޮށްދެއްވަން އެއްބަސްވެވަޑައިގެންފައިވާތީ އެ ކަމަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "މަސް މާރުކޭޓާ ކައިރީގައި މަސް ކައްކާ ހިއްކުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އާބާދީއާ [މީހުން ދިރިއުޅޭ ސަރަހައްދާ] މާ ކައިރީގައި އެކަންކުރާތީ ކޯޓު އަމުރެއްގެ ދަށުން އެ ސަރަހައްދުގައި އެކަންކުރުން ހުއްޓުވުމުން އެ ފަރާތްތަކަށް ގޮތެއް ހޯދައިދިނުމަށް މާކުރިން ވެސް ގެންގުޅުނު ޕްލޭނެއް މިއީ. ދެން ހިއްކޭނެ ގޮތެއް އޮތްތޯ ބަލަމުން ގޮސް ރައްޔިތުންގެ މަޝްވަރާގެ މަތިން ނިންމީ ގާސިމަށް މިކަން ހުށަހަޅަން. މިދިޔަ އަހަރުގެ ޖޫން ޖުލައި ހިސާބުގައި އަޅުގަނޑުމެން ގާސިމްގެ އަރިހަށް ގޮސް ހުށަހެޅުމުން ކޮށްދެއްވަން ނިންމެވީ،" ޖަލީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 2،000 މީހުންގެ އާބާދީއެއް އޮތް އެ ރަށުގައި ބިން އެބަ އޮތް ކަމަށާއި ނަމަވެސް މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި މަސް ކައްކާ ހިއްކުން ކޯޓުން މަނާކުރުމުން ދެން އެކަންކުރަން ދާންޖެހެނީ މީހުން ދިރިއުޅޭ ހިސާބާ ދުރަށް ކަމަށެވެ. އަވަށާ މާ ދުރުގައި މަސައްކަތްކުރަން ޖެހުމާއި މަސް މާރުކޭޓާ ވެސް ދުރުވުމުން އެކަންކުރާ ފަރާތްތަކަށް އުނދަގޫތަކެއް ކުރިމަތިވާތީ ބިން ހިއްކައިގެން އެ ފަރާތްތަކަށް ގޮތެއް ހޯދައިދޭން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ. "ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ހަރަދަކަށް ބައްލަވާ ބޭފުޅެއް ނޫން ގާސިމަކީ. ކިތަންމެ ބޮޑު ހޭދައެއް ދިޔަޔަސް މިކަން ކޮށްދެއްވަން ގާސިމް ނިންމެވީ. އެހެންވެ ޕްރޮޖެކްޓަށް ހޭދަވާ ވަރެއް ވެސް އަޅުގަނޑުމެން ނުބަލަން،" ޖަލީލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ