ކުށްކުރިތާ ހަތް އަހަރު ފަހުން އުމުރަށް ޖަލަށްލި މީހާ ސުޕްރީމް ކޯޓުން މިނިވަންކޮށްފި
މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި ކުށްކުރިތާ ހަތް އަހަރު ފަހުން، އެ ކުށްކުރި މީހާ އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް އެ ހުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓުން އިއްޔެ އޭނާ މިނިވަންކޮށްފި އެވެ. މއ. މާޖެހިވިލާ އަބްދުﷲ ހާދީ އުމުރަށް ޖަލަށްލާން 2010 ގައި ޖިނާއީ ކޯޓުން ހުކުމްކުރީ 2002 ވަނަ އަހަރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތި ގެންގުޅުމުގެ މައްސަލައަކާ ގުޅިގެންނެވެ. އެ ހުކުމް ހާދީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން 2011 ގައި އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. ހައި ކޯޓުގެ ހުކުމް ހާދީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން އިއްޔެ ވަނީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ހާދީއާ ދެކޮޅަށް ދަށު ކޯޓުގައި ހެކިބަސްދީފައި ވަނީ ފުލުހުން ކަމަށް ވާއިރު، އެ ފުލުހުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް އޭރުގެ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނިންމުމުން، އެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކޮށްފައިވާތީ، އެ މީހުން ހާދީއާ ދެކޮޅަށް ދިން ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ހާދީ އަތުން ފެނުނު ކަމަށް ބުނާ މަސްތުވާތަކެތި ތަހުލީލުކޮށްފައި ވަނީ އެފަދަ ކަމެއް ކުރުމުގެ ހުއްދަ ގާނޫނުގައިވާ ގޮތަށް ލިބިފައިވާ ފަރާތެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ. ހާދީ ހައްޔަރުކޮށްފައި ވަނީ އޭނާ ފުވައްމުލަކަށް ގޮސް އުޅެނިކޮށް، އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން އެ ރަށުންނެވެ. އެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓައި އެތަކެތި ފުލުހުންނަށް ދެއްކީ ވެސް ހާދީ އަމިއްލަ އަށް ކަމަށް ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ