މައުމޫން ހަމީދަށް ރުހުން ނުލިބޭ ފަދަ ގޮތަކަށް އަމަލުކޮށްފައިވާ މައްސަލަ ބަލަން މައުމޫން އެދިވަޑައިގެންފި
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްޔަންކުރެއްވުމަށް ހުށަހަޅުއްވާފައިވާ ދެ ބޭފުޅުންގެ ތެރޭން މައުމޫން ހަމީދަށް ރުހުން ނުލިބޭނެ ފަދަ ގޮތަކަށް، އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމީޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރުން އަމަލުކުރައްވާފައިވާތީ އެ ކަން ބެލުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސަައިން މަނިކަށް މިދިޔަ އާދިއްތަދުވަހު ފޮނުއްވި ސިޓީގައި ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޕީޖީގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައުމޫނާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް މުހުސިންއާ އިންޓަވިއުކުރުމަށް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ ކޮމިޓީތައް ހިންގުމުގެ ގަވާއިދާއި އިޖުރާއަތްތަކާ ހިލާފަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ކަންތައްތަކަކީ، މައުމޫން ފާހަގަކުރެއްވި ގޮތުގައި، "އަޝްރާއީ" ގޮތަކަށް ކޮމިޓީގެ މުގައްރިރު އަމަލުކުރެއްވުމާއި ކޮމިޓީން ފާސްނުކޮށް މައުމޫނާއި މުހުތާޒް ހާޒިރުކުރުމާއި މާކްސް ދޭނެ މިންގަނޑު ފާސްކޮށްފައި ނުވުމާއި މާކްސް ޝީޓުތައް މެމްބަރުންގެ ހާޒިރުގައި ޓެލީކޮށްފައި ނުވުމެވެ. މައުމޫން ވިދާޅުވި ގޮތުގައި މުހުތާޒަށް ޕީޖީ ކަމަށް ކުރިމަތިލެއްވި ދާނެ ކަމާ މެދު، މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ބުރާސްފަތިދުވަހުގެ ރޭގެ ބައްދަލުވުމުގައި ސުވާލު އުފެއްދެވި ނަމަވެސް އެ ކަމަަށް މުގައްރިރު ޖަވާބު ދެއްވާފައެއް ނުވެ އެވެ. އަދި ވިދާޅުވީ ފަނޑިޔާރުންގެ ހުރިހާ ވަގުތެއް ހާއްސަކުރަންވާނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ސިޔާސީ މަގާމަކަށް ފަނޑިޔާރަކު ކުރިމަތިލައްވައިފި ނަމަ ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާނެ ކަމަށް ފަނޑިޔާރުންގެ ގާނޫނު ބުނާ ކަމަށެވެ. "އެހެން ނަމަވެސް، މުހުތާޒް މުހްސިން ގާނޫނުއަސާސީ އާއި ޕްރޮސެކިއުޓަ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވާފައިވާއިރު، އޭނާ ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފައި ނުވާކަން ފާހަގަކުރަމެވެ. އަދި ހަމަ އެހެންމެ، މީގެ ކުރިން ޖިނާއީ ކޯޓާއި މަދަނީ ކޯޓުގެ އިސް ގާޒީކަން ކުރެއްވި ބޭފުޅުން އެ މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ފަހު ވަކާލާތުކުރެއްވުމަށް ކޯޓުތަކަށް ވަޑައިގެންނެވޭނީ ދެ އަހަރު ފަހުން ކަމުގައި ކަނޑައެޅިފައިވާ ގާނޫނީ އާދަކާދައެއް ދިވެހިރާއްޖޭގައި ގާއިމްވެފައިވެ އެވެ،" ސިޓީގައިވެ އެވެ. ".... އެއްވެސް ބޭފުޅަކު ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވާފައި ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ." ޕީޖީގެ މަގާމަށް އައްޔަންކުރުމަށް މަޖިލީހަށް ހުށަހެޅުއްވި މައުމޫން ހަމީދު (ކ) އާއި މުހުތާޒް މުހުސިން: އެ ދެ ބޭފުޅުންނަށް ވެސް ރުހުން ދޭން ނުފެންނަ ކަމަށް ކޮމިޓީން ވަނީ ނިންމާފައި.-- ފޮޓޯ: ރައީސް އޮފީސް ޕީޖީގެ މަގާމަށް ޕީޕީއެމުން އައްޔަންކުރަން ބޭނުންވަނީ، އެ މަނިކުފާނާއި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ކަން ރައީސް ޔާމީން އާއްމުކޮށް އިއުލާންކުރައްވައި އޭނާ އަށް ޕީޕީއެމްގެ މެމްބަރުން ވޯޓު ދެއްވުމަށް އެދިވަޑައިގެންފައިވާ ކަން މައުމޫން ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް، ރައީސް ޔާމީންގެ އެ އެދިވަޑައިގަތުން ހާސިލްކުރުމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ކޮމިޓީގައި ތިއްބަވާ ޕީޕީއެމްގެ މެމްބަރުން ނިންމަވާފައިވާތީ އެ ކަމަށް އެ މެމްބަރުން ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. "އެހެންކަމުން، ޕްރޮސެކިއުޓަ ޖެނެރަލް ހޮވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ދިޔުމުގެ ކުރިން، މި ސިޓީގައި ދަންނަވާފައިވާ ކަންތައްތައް މަނިކުފާނު ރަނގަޅަށް ބައްލަވާފައި އެ ކަންކަން ހިނގާފައިވާ ގޮތުގެ ފުރިހަމަ ބަޔާނެއް އަޅުގަނޑަށް ފޮނުއްވައިދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ. މައުމޫން މި ސިޓީ ފޮނުއްވާފައިވަނީ، މައުމޫނާއި މުހުތާޒްއާ އިންޓަވިއުކުރުމަށް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ފަހު އެވެ. އޭގެ ފަހުން، ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ 33 ޕޮއިންޓް ލިބުނު މައުމޫނާއި 67 ޕޮއިންޓް ލިބުނު މުހުތާޒަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. އެހެން ނަމަވެސް، ޕީޖީގެ މަގާމަށް އައްޔަންކުރެއްވުމަށް ރުހުން ދޭނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. އެގާރަ މެމްބަރުން ހިމެނިވަޑައިގަންނަވާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ކޮންޓްރޯލްކުރަނީ ޕީޕީއެމުންނެވެ. އެ ކޮމިޓީގެ މުގައްރިރަކީ ވެސް އެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ