ތުޅާދޫ ދާއިރާގެ މެންބަރަށް ބިރު ދެއްކުމުގެ ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދަށް ބިރު ދައްކާ އިންޒާރު ދިނުމުގެ ކުށުގައި ދައުލަތުން ދައުވާ ކުރި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ހުކުމްކޮށްފި އެވެ.
މިމައްސަލާގައި ދައުލަތުން ދައުވާ ކުރީ ހ. ބްލޫމީޑް މުހައްމަދު ރާއިފްގެ މައްޗަށެވެ. ނާޒިމަށް ބިރު ދެއްކުމުގެ ކުށުގައި ފުލުހުންގެ ތަހުގީގަށް ރާއިދު ހައްޔަރުކުރީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ.
ކްރިމިނަލް ކޯޓުން ބުދަ ދުވަހު އިއްވި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ ގައިގައި ޖަހާނެ ކަމަށާއި ވަޅި ހަރާނެ ކަމަށް ބުނުމުން ރާއީދުގެ މައްޗަށް ދައުވާކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން އެކަން ސާބިތު ނުވާ ކަމަށެވެ. އަދި ރާއިފް ވެސް ދައުލަތުން ކުރާ ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށް ހުކުމްގައިވެ އެވެ. އެގޮތުން ނާޒިމް ރަޝާދުގެ ގައިގައި ޖަހާ މާރާމާރީ ހިންގާފައިނުވާނެ ކަމަށާއި އަދި ނާޒިމް ރަޝާދުއާ ދިމާލަށް "އަދިވެސް ޖަހާނަމޭ ދެން ކަރަށް ވަޅިއޭ ހަރާނީ ބުނެ" ބިރުދައްކާ އިންޒާރުދީފައި ނުވާނެ ކަމަށް ބުނެ ދައުވާއަށް ރާއިފް އިންކާރުކޮށްފައިވާ ކަމަށް ހުކުމްގައިވެ އެވެ.
ނިމިގެންދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ތުޅާދޫ ދާއިރާގެ މެންބަރު ކަން ކުރައްވާފައިވާ ނާޒިމް ރަޝާދު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ނަމަވެސް އޭނާ މިހާރު ވަނީ ޕީޕީއެމަށް ސޮއިކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ