ޖޫން މަހުގެ ކަރަންޓު ބިލުން ފެނަކައިންވެސް 40 ޕަސެންޓް ޑިސްކައުންޓް ދެނީ

ޖޫން މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުންވެސް ނިންމައިފިއެވެ. ފެނަކައިން ކަރަންޓު ބިލްތަކުން 40 ޕަސެންޓް ދޭން ނިންމީ ކީއްވެކަމެއް ހާމައެއް ނުކުރެއެވެ. އެކަމާ ގުޅޭގޮތުން ފެނަކައިގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އެ ކުންފުނިން ޑިސްކައުންޓް ދޭން ނިންމިއިރު ޖޫން މަހުގެ ބިލުންވެސް 40 ކަނޑާލަން ސްޓެލްކޯއިންވެސް މިހާރު ވަނީ ނިންމައިފައެވެ. ސްޓެލްކޯގެ ބިލްތަކުން ޑިސްކައުންޓް ދޭން ނިންމިއިރު މިދިޔަ މަހުގެ ބިލްތައް އާދަޔާ ހިލާފަށް ބޮޑުކަމަށްބުނެ އާންމުންގެ ޝަކުވާތައް ވަނީ ފުނިޖެހިފައެވެ. ނަމަވެސް ފެނަކައިގެ ކަރަންޓު ބިލްތައް މިދިޔަ މަހު ބޮޑުވިކަމަށް ސާފެއް ނުވެއެވެ. ކޮވިޑާ ގުޅިގެން ސްޓެލްކޯއެކޭ އެއްގޮތަށް ފެނަކައިންވެސް ކަރަންޓު މީޓަރުގެ ރީޑިން ނަގައިފައިވަނީ ކަސްޓަމަރުން ފޮނުވި ފޮޓޯތަކުގެ މައްޗަށް ބަލައިގެންނެވެ. ރީޑިންގެ ފޮޓޯ ނުލިބޭ ތަންތަނުގެ ބިލު ހެދީ އެވްރެޖު ބިލެއް ކަމަށާއި އެގޮތުން އޭގެ ކުރީ ތިންމަހުގެ އެވްރެޖު ބަލައި، ބިލު ހެދި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ނަމަވެސް ފޮޓޯ ނުލިބޭ ތަންތަނުގެ ބިލުތައް ފެނަކައިން ހެދީ ކިހިނެއްކަމެއް އަދި ނޭނގެއެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ފެނަކައިން މިހާރުވެސް 145 އަށް ވުރެ ގިނަ ބްރާންޗްތަކުން ދަނީ ހިދުމަތް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ