ކެނދިކުޅުދޫ ބައި އިލެކްޝަން: ބޮޑު ތަފާތަކުން އެމްޑީޕީގެ މައްޗަށް އެމްޑީއޭ ކުރިހޯދައިފި

ނ. އަތޮޅު ކެނދިކުޅުދޫ ރަށު ކައުންސިލްގެ ގޮނޑިއަށް ވާދަކުރެއްވި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް(އެމްޑީއޭ) ކެންޑިޑޭޓް، އަހްމަދު ރިޒްލީން "އެންމެ ބޮޑު ސިޔާސީ ޕާޓީ" އެމްޑީޕީގެ ކެންޑިޑޭޓްގެ މައްޗަށް ކުރި ހޯއްދަވައި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކުރައްވައިފި އެވެ.
މިއަދު އެ ރަށުގެ ދެ އަވަށާއި މާލޭގައި ނެގި ވޯޓުގައި އެމްޑީއޭގެ ކެންޑިޑޭޓް އެ އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓު ދިން މީހުންގެ 64 ޕަސެންޓް ހޯއްދަވައިގެންނެވެ. "އެންމެ ބޮޑު ސިޔާސީ ޕާޓީ" އެމްޑީޕީގެ ކެންޑިޑޭޓް، އުމަރު މޫސާ އަށް ލިބިވަޑައިގަތީ 34 ޕަސެންޓް ވޯޓެވެ.
އެންމެ ފަހުން ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ، އެމްޑީއޭ އިން ވާދަކުރި ފުރަތަމަ އިންތިހާބުގައި، ކެނދިކޮޅު ފޮށިން އެމްޑީއޭގެ ކެންޑިޑޭޓް 200 ވޯޓު ހޯއްދެވި އިރު، އެ ރަށު އަނެއް އަވަށް، ކުޅުދޫ އަވަށުން 224 ވޯޓު، އަދި މާލޭ ފޮށިން 27 ވޯޓް ހޯއްދެވި އެވެ. އެމްޑީޕީ ކެންޑިޑޭޓަށް ލިބިވަޑައިގަތީ، ކުޅުދޫ އަވަށުން 90 ވޯޓު، ކެނދިކޮޅު އަވަށުން 124 ވޯޓު އަދި މާލެ އިން 28 ވޯޓެވެ.
މުޅި އިންތިހާބުގައި ބާތިލު ވޯޓުގެ އަދަދަކީ 14 އެވެ.
ރިޒްލީނަށް ތާއީދު ހޯދުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ކެނދިކުޅުދޫގައި ބޭއްވި އެމްޑީއޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެފައި ވަނީ ބޮޑު ތަފާތަކުން އެމްޑީއޭ އިން އެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"މި ޕާޓީގެ ތާރީހުގައި ވެސް އަޅުގަނޑުމެން އެންމެ ފުރަތަމަ ވާދަކުރާ އިންތިހާބަކީ ކެނދިކުޅުދޫ ދާއިރާގެ ބައި-އިލެކްޝަން. އަޅުގަނޑުމެންގެ ކެންޑިޑޭޓް ވާދަކުރައްވަން ޖެހެނީ އެމްޑީޕީގެ ކެންޑިޑޭޓާ. އެމްޑީޕީއަކީ ކިތަންގެ ބޮޑު ޕާޓީއެކޭ ބުންޏަސް، ކެނދިކުޅުދޫގެ ރައްޔިތުން މި ތިއްބެވީ މިގޮތުގައި ކަމަށްވާ ނަމަ، ﷲގެ ރަހުމަތްފުޅުން އިރާދަކުރެއްވިޔާ މި ބައި-އިލެކްޝަންގައި ބޮޑުތަފާތަކުން އަޅުގަޑުމެން އެމްޑީޕީ ބަލިކުރާނަން،" އެމްޑީއޭގެ ލީޑަރު އެރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ