ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ބަންދުން ދޫކޮށްލުމަށް ކުރި ޝަރުތުތަށް ބާތިލުކުރުމަށް، ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
މި މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ގާސިމް ދޫކޮށްލީ، ހަތް ޝަރުތެއް ކުރުމަށްފަހުއެވެ.
އެޝަރުތުތަކަކީ ތަހުގީގަށް އެއްބާރުލުން ދެއްވުމާއި ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުމަށާއި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުމަށާއި ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެެއް ނުކުރެއްވުމަށާއި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމާއި ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ގާސިމްއަށް ތުހުމަތުކުރާ މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނެތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިނުވާނެ ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލާގައި ޖިނާއީ ދައުވާކޮށްދިނުމަށް ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް މި މަހުގެ ނުވަ ވަނަ ދުވަހު ފޮނުވާފައިވާ ކަމާއި، ނަމަވެސް ހެކި ނެތުމުން އެ މައްސަލަ މި މަހުގެ 10 ވަނަ ދުވަހު އަނބުރާ ފުލުހުންގެ އިދާރާއަށް ފޮނުވާލާފައިވާކަން، ގާސިމްގެ ވަކީލުންނަށް ލިޔުމުން ޕީޖީ އޮފީހުން އަންގާފައިވާކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ކަނޑައެޅިގެން ދޮގު ހަދާފައިވާތީ އެކަމާ ގާސިމް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި، ޝަރުތުތަކާއެކު ގާސިމް ބަންދުން ދޫކޮށްލުމަށް ކުރި އަމުރު ބިނާކޮށްފައިވަނީ ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ދިން ދޮގު މައުލޫމާތުތަކެއްގެ މައްޗަށްކަން ކަށަވަރުވާ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"އަދި އެ އަމުރު ނެރުނު އިރުވެސް އެ މައްސަލައިގައި ދައުވާ ކުރެވެން ނެތްކަން ޕީޖީ އޮފީހުން ދެއްވި ލިޔުމުން އެނގެން އޮންނާތީ ގާސިމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޝަރުތުތަށް ބާތިލުކުރުމަށް މިހާރު ވަނީ އެ ކޯޓުގައި އެދިފައެވެ" ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވެއެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ގާސިމް ދެވަނަ ފަހަރަށް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން، "ގަވާއިދާ ހިލާފަށް" މަސައްކަތްކުރެއްވުމާއި ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތުގައެވެ.
ގާސިމް ދޫކޮށްލާފައިވާއިރު އޭނާ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއެއްގެ ޝަރީއަތް މިހާރު ވަނީ ފެށިފައެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
ގާސިމް ބަންދުން ދޫކޮށްލުމަށް ކުރި ޝަރުތުތަށް ބާތިލުކުރަން ކޯޓުގައި އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ