ރާއްޖޭގެ ސުޕްރީމް ކޯޓަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ މައްސަލައާ މެދު ވިސްނާލުމުން ހިތަށް ވަދެގެން ދަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ނިއު ޔޯކް ޓައިމްސްގައި ޝާއިއުކުރި އެމެރިކާގެ އެކްޓަރު/ ޑައިރެކްޓަރު/ލިޔުންތެރިޔާ ކާލް ރެއިނާގެ ސިޓީ އެވެ. އުމުރުން 95 އަހަރުގެ ރެއިނާގެ ސިޓީ އެޑްރެސްކުރީ އެމެރިކާގެ ސުޕްރީމް ކޯޓުގެ އެންމެ ދުވަސް ވީ އެއް ފަނޑިޔާރު އެންތަނީ ކެނެޑީ އަށެވެ.
ލިއުންތެރިޔާ އެދުނީ އެންމެ ކަމަކަށެވެ؛ މި ހާލަތުގައި ރިޓަޔަނުކުރައްވާ، ފަނޑިޔާރުކަމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށެވެ. އޭގެ ސަބަބަކީ ބައެއް މައްސަލަތަކުގައި އޭނާގެ ނިންމެވުންތަކުގެ މުހިންމުކަން ބޮޑުވުމެވެ. އެހެންކަމުން އުމުރުން 81 އަހަރުގައި، އަންނަ އަހަރު، ރިޓަޔަކުރައްވަފާނެކަމުގެ އަޑުތައް އެރުމުން، ރެއިނާގެ ސިޓީގައި ކެނެޑީއަށް ދެންނެވީ އެ އުމުރުގައި އަދި މަސައްކަތް ވަރުގަދަކޮށްލައްވަންވީ ކަމަށެވެ. ނަމޫނާއެއްގެ ގޮތުގައި ދެއްކީ ރެއިނާ އެ އުމުރުގައި ކުރި އަދި މިހާރު ވެސް ކުރަމުން އަންނަ މަސައްކަތްތަކެވެ.
ރެއިނާ ބުނި ގޮތުގައި އޭނާގެ އުމުރުން 81 އަހަރު ވީ އިރު ކުޅެ ނިންމާލީ "އޯޝަންސް އިލެވަން" އެވެ. ތައްޔާރުވަމުން ދިޔައީ "އޯޝަންސް ޓުވެލް" އަށެވެ. (ފިލްމު ބަލާ ދިވެއްސަކަށް މި ފިލްމު ސީރީޒް އޮޅިފައެއް ނޯންނާނެ އެވެ.) ރެއިނާގެ މުޅި ސިޓީގެ މަގުސަދަކީ އޭނާ އާއި އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަމާ އެކު ކަންކަން ކުރެވެނީ ކެނެޑީ ކަހަލަ ފަނޑިޔާރުން ގައުމުގެ ގާނޫނުއަސާސީ ހިމާޔަތްކުރައްވަން ދެއްވާ ސަމާލުކަމޭ ބުނުމެވެ.
ރެއިނާގެ ސިޓީން މި ކޮލަމް މި ފެށީ ސަބަބެއް އޮވެގެންނެވެ. އަޅުގަނޑު ނަޒަރު ހުއްޓާލައިގެން މިހާރު މި ހުންނަނީ ރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކުރިފުޅުމަތީގައި މިހާރު އޮތް މައްސަލައާ މެދު ވިސްނާލަމާ ހެއްޔެވެ؟ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އުސޫލުތަކެއް ކަނޑައަޅަން ސަރުކާރުން ދިޔައީ ސުޕްރީމް ކޯޓަށެވެ. އަޅުގަނޑަކީ ގާނޫނީ މީހެއް ނޫނެވެ. އެކަމަކު ދިވެހިން ލިއެފައި ހުންނަ އެއްޗެހި ކިޔަން އެނގޭ، ދިވެހި ބަހުން ލިޔަން އެނގޭ މީހެކެވެ.
ސުޕްރީމް ކޯޓަށް އެ މައްސަލަ ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވުމުން، ދެން ބަލާލަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ އަށެވެ. އޭޖީ އެދިވަޑައިގެންފައި އޮތީ، ނިސްބަތްވާ ޕާޓީ ބަދަލުކޮށްފި ނަމަ، ޕާޓީން ކަނޑާލައިފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ގޮތަށް ގާނޫނުއަސާސީ މާނަކޮށްދިނުމަށެވެ.
ދިވެހި ދައުލަތުގެ ގާނޫނު ހެދުމުގެ ބާރު ލިބިގެންވާ، ގައުމުގެ އެންމެ ބިޔަ އެއް މުއައްސަސާއާ ބެހޭ ބާބު އެއްކޮށް، އެތައް ފަހަރަކު، ކިޔާ ނިންމާލި އިރު ވެސް ސިޔާސީ ޕާޓީއަކާ ބެހޭ އެއްވެސް ވާހަކައެއް، ލަފުޒެއް ވެސް ނުފެނުނެވެ. މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ހަތަރު ސަބަބުގެ ތެރޭގައި ވެސް، ސިޔާސީ ޕާޓީއަކާ ގުޅޭ ކަމެއް ނެތެވެ.
ގާނޫނުއަސާސީ މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލިހުގެ ކޮންމެ މެމްބަރަކީ ސިޔާސީ ޕާޓީއަކާ އެއްވެސް ގުޅުމެއް ނެތް މުޅިން މިނިވަން ބައެކެވެ. ގާނޫނުއަސާސީން ލިބިދޭ ސިޔާސީ މަސައްކަތްކުރުމުގެ ހައްގުގެ ބޭނުންކޮށް، ސިޔާސީ ޕާޓީއަކާ ގުޅުމަކީ އަދި އެހެން ކަމެކެވެ. ސިޔާސީ ޕާޓީ ދޫކޮށްލެވޭނެ އަދަދެއް، މިއަދު ގެންގުޅުނު ފިކުރު މާދަމާ ބަދަލުކޮށްގެން ނުވާނޭ ކަމަށް ކަނޑައަޅާފައި އޮތް ޝަރުތެއް، ގާނޫނުއަސާސީއަކުން ނުފެނުނެވެ.
ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޕީޕީއެމް ދޫކުރައްވާ ނުވަ މެމްބަރަކު ކުއްލިއަކަށް ވަޑައިގަތުމުން މަޖިލިހުގައި ގެއްލުނު މެޖޯރިޓީ ހޯދާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު، ސަރުކާރު ކޯލިޝަނުން ކާމިޔާބުކުރާނީ ކޮން މަގަކުން ހެއްޔެވެ؟ އެކަން ވާނެ ސަބަބެއް އުފައްދަން ސަރުކާރުން އެދެން އޮތީ ސުޕްރީމް ކޯޓު ހެއްޔެވެ؟ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ސަރުކާރުން ބޭނުންވާ ގޮތަކަށް ރޫލިންއެއް ނެރެފާނެ ހެއްޔެވެ؟
ރާއްޖެ އިން މިހާރު މި ފެންނަނީ ސިޔާސީ ބައިވުމެކެވެ. ސިޔާސީ ވާދަވެރިކަމެކެވެ. ސިޔާސީ ހިތްހަމަނުޖެހުންތަކާއި އެއަށް ސިޔާސީ ގޮތުން ގެނެވޭނެ ހައްލުތައް ހޯދުމުގެ "ތަޅާފޮޅުމެކެ"ވެ. އެކަން ހައްލުކުރާނީ ވެސް، ނުވަތަ އެކަމުގައި އެއް ބަޔަކު ބަލިވެ، އަނެއް ބަޔަކު މޮޅުވާނީ ވެސް ސިޔާސީ ކުޅިތަކެއްގެ ތެރެއިންނެވެ. އެއީ ޕާޓީ ބަދަލުކޮށްގެން ނަމަވެސް، ޕާޓީގައި ހުރެގެން ނަމަވެސް މެ އެވެ.
ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ހޮވި، ޖެހިގެން އައި ދުވަހު އެ ޕާޓީ ބަދަލުކުރިޔަސް އެކަމަށް ހުރަސްއެޅޭނެ ސަބަބެއް ގާނޫނުއަސާސީއަކުން އަޅުގަނޑަކަށް ނުފެނުނެވެ. އެކަމުގައި ބަހުސެއް ނުވަތަ ޝައްކެއް ވިޔަސް އުފެދޭނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކާ ގުޅުވާފައި އޮތް ނަމަ ތާ އެވެ. ނަސީބަކުން ނުވަތަ ބަދުނަސީބަކުން ނަމަވެސް ރާއްޖޭގެ ގާނޫނުއަސާސީގައި އެކަހަލަ ވާހަކައެއް ހިމަނާފައެއް ނެތެވެ. އެ ޑްރާފްޓްކުރި މީހުންނާއި ޚާއްސަ މަޖިލިހުގައި ބަހުސްކޮށް ފާސްކުރި މީހުންނަށް އޭގެ ސަބަބު އެނގޭނެ އެވެ.
މީގެ ހަތް އަހަރު ކުރިއަށް ޖެހިލަމާ ހެއްޔެވެ؟ އިންތިގާލީ ސުޕްރީމް ކޯޓުގެ މުއްދަތު ހަމަވެ، ދާއިމީ ސުޕްރީމް ކޯޓު ގާއިމްކުރަން، ގާނޫނުއަސާސީގައި އޮތް މުއްދަތު ހަމަވަމުގެ ފަހު ގަޑިތައް ގުނަމުން ދިޔަ ދުވަސްވަރެވެ. އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ސިފައިން ލައްވާ ސުޕްރީމް ކޯޓު ބަންދުކުރި ދުވަހެވެ. އޭރުގެ އުއްތަމަފަނޑިޔާރު އަދި މިހާރު ވެސް އެ ބޮޑު ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުﷲ ސައީދު ހިތްވަރުފުޅު ދެއްކެވި އެވެ. ގާނޫނުއަސާސީ ހިމާޔަތްކުރެއްވުމުގެ މަސައްކަތްޕުޅެވެ. ރައީސާއި ސިފައިންނާ ވެސް ދެކޮޅަށެވެ. ތާރީޚުން އެ އޮތީ ފެންނާށެވެ.
އުމުރުން ދުވަސްވީ ރެއިނާ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކެނެޑީ އަށް ލިއުނު ސިޓީގައި، ގާނޫނުއަސާސީ ހިމާޔަތްކޮށްދެނީ އޭނާ ކަހަލަ ފަނޑިޔާރުން ކަމަށް ބުނީ އެ މަސައްކަތުގެ މުހިންމުކަން ބޮޑުކަމުންނެވެ. ރާއްޖޭގައި އަޅުގަނޑު ކަހަލަ މީހުން މިއަދު މިތިބީ ގާނޫނުއަސާސީ ހިމާޔަތްކޮށްދޭން ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރައްވާ ކަމެއް ބަލާށެވެ. ދެން އެކަމަށް ހެކިވާނީ ރާއްޖޭގެ ތާރީޚެވެ.
މޫސަގެ ކޮލަމް: ސުޕްރީމް ކޯޓަށް، ނަޒަރު ހުއްޓާލައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ