މާތް ﷲ އިޖާބަކުރައްވާނީ ތެދުވެރި މުއުމިނުން ކުރާ ދުއާ ކަމަށް ކުރީގެ ރައީސް އަދި މައުމޫން ފައުންޑޭޝަންގެ ޗެއާމަން އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރަމަޟާން މަސް އިޙްޔާ ކުރުމުގެގޮތުން މައުމޫން ފައުންޑޭޝަންގެ ފަރާތުން ބާއްވަވަމުން ގެންދަވާ ސިލްސިލާ ޕްރޮގްރާމުގެ ތިންވަނަ ޖަލްސާގައި ރޭ ވާހަަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މާތް ﷲ އިޖާބަކުރައްވަނީ، އެކަލާނގެއަށް ފުރިހަމައަށް އީމާންވެ އެކަލާނގެ ވާޖިބުކުރެއްވި ކަންތައްތައްކޮށް އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެ އެއްކިބާވެ ތިބޭ މީހުން ކުރާ ދުޢާ ކަން ކީރިތި ގުރުއާނުން ވަރަށް ރަނގަޅަށް އެނގެން އޮންނަ ކަމަށެވެ.
"ދުޢާ އިޖާބަކުރެއްވުން" މި މައުޟޫޢުގެ މައްޗަން ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވިގޮތުގައި މުސްލިމުން އެކަކު އަނެކަކަށް ކުރަންވާނީވެސް ހެޔޮ ދުޢާ އެވެ. އަދި އެހެން މުސްލިމަކަށް ބަދު ދުޢާ ކުރުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެކެވެ.
މިކަން މިހެން އޮތްނަމަވެސް، މުސްލިމުންނާ ހަނގުރާމަކޮށް އެބައިމީހުން މަރައި، އެބައިމީހުންގެ ގޯތި ގެދޮރުން ނެރެ އެބައިމީހުންނާމެދު ތަފާތު އަނިޔާވެރި ޢަމަލުތައް ކުރާ ބަޔަކަށް ނިކަމެތިކަން މިންވަރުކުރެއްވުން އެދި ދުޢާ ކުރުމަކީ އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ކަމެއް ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.
މިކަމުގެ ދަލީލެއް ކަމުގައި އެމަނިކުފާނު ވިދާޅުވީ ބިއުރުމަޢޫނާގެ ޙާދިޘާއެވެ. އެ ޙާދިޘާގައި ޢަރަބިންގެ ޤަބީލާތަކަކަށް އެހީތެރިވެދެއްވުމަށް ކީރިތި ރަސޫލާ ފޮނުއްވި 70 ޞަޙާބީން ވަރަށް މަކުވެރި ރޭވުމެއްގެދަށުން އެބައިމީހުންވަނީ ޤަތުލުކޮށްފައެވެ. އެހެންކަމުން، މިކަންކުރި ޤަބީލާތަކަށް ނިކަމެތިކަން ދެއްވުން އެދިވަޑައިގެން ކީރިތި ރަސޫލާ އެއްމަސްދުވަސް ވަންދެން ފަތިސްނަމާދުގެ ޤުނޫތުގައި ދުޢާ ކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، އެއްވެސް ކުށެއް ނެތް ޣައްޒާގެ މަދަނީ ރައްޔިތުން ވަރަށް އަނިޔާވެރި ގޮތެއްގައި އިޒުރޭލު ސިފައިންދޭ ނުރައްކާތެރި ޙަމަލަތަކެއްގައި މަރުވަމުންދާތީ އެފަދަ ނުބައި ޢަމަލުކުރާ މީހުންނަށް ނިކަމެތިކަން މިންވަރުކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަކީ ހަމަ އެންމެ ރަނގަޅުކަމެއްކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން މައުމޫން ފައުންޑޭޝަނާމެދު ބަހައްޓަވާ ގާތްކަމާއި އެ ފައުންޑޭޝަނަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދަށާއި އެ މިނިސްޓްރީގެ ވެރިންނަށް ޝުކުރު އަދާކުރެއްވި އެވެ.
އަދި މި ބަރަކާތްތެރި ރަމަޟާންމަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން މައުމޫން ފައުންޑޭޝަނަށް 1000 މުޞްޙަފް ހަދިޔާ ކުރައްވާފައިވާތީ އެކަމަށްޓަކައިވެސް މައުމޫން ފައުންޑޭޝަންގެ ފަރާތުން މިނިސްޓަރ ޝަހީމަށް ރައީސް މައުމޫން ޝުކުރުއަދާކުރެއްވިއެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެގޮތުން މައުމޫން ފައުންޑޭޝަނުން ބާއްވަވާ ސިލްސިލާ ޖަލްސާތަކުގެ ހަތަރުވަނަ ޖަލްސާ އަންނަ ހަފްތާގެ ބުދަދުވަހުގެރޭ އިސްލާމީ މަޒުކަޒުގައި އޮންނާނެއެވެ.
މާތް ﷲ އިޖާބަ ކުރައްވާނީ ތެދުވެރި މުއުމިނުން ކުރާ ދުއާ - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ