ތައުލީމީ ދާއިރާގެ ހިދުމަތުގައި ތިބި މުވައްޒަފުންނަށް މުސާރައާއި އެއްވަރުގެ އެލަވަންސް ދީގެން އިތުރަށް ތަމްރީން ކުރުމުގެ އުސޫލު އެކުލަވާ އަމަލުކުރަން ފަށައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަހަރު އެކުލަވާލާފައިވާ 16 މާއްދާ ހިމެނޭ އުސޫލުގައިވާ ގޮތުން މިއުސޫލަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އަދި މިއުސޫލުގެ ދަށުން މުސާރައާއި އެއްވަރުގެ އެލަވަންސެއް ލިބޭ ގޮތަށް ތަމްރީންވުމަށް ބޭނުންވާ ތައުލީމީ ދާއިރާގެ ހިދުމަތުގައި ތިބި ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.
މިއުސޫލާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިއަހަރަށް ތަމްރީން ކުރުމަށް ކަނޑައަޅާ ދާއިރާތަކާއި، ކޮންމެ ދާއިރާއަކުން ތަމްރީން ކުރުމަށް ކަނޑައަޅާ އަދަދާި، އަދި މިފުރުސަތަށް މީހުން ހޮވުމުގައި ޕޮއިންޓް ދޭނެ ގޮތް ހާމަކޮށްފަ އެެވެ.
އިއުލާންގައި ބުނެފައިވަނީ މި ފުރުސަތުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ފުރުސަަތު ހޯދުމަށް ހުށަހަޅާނީ މިކަމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު އެޑިޔުކޭޝަން މިނިސްޓްރީގެ ކައުންޓަރަށް ނުވަަތަ އެމިނިސްޓްރީއަށް އީމެއިލްކޮށްގެން ކަމަށެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ކުރިއަށް އޮތް އޮގަސްޓް މަހުގެ އެކެއްވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.
މުސާރައާއި އެއްވަރުގެ އެލަވަންސް ދީގެން ތަމްރީން ކުރުމަށް މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކުރެވުނު އިއުލާންގައިވާ "މާސްޓަ އޮފް އެޑިޔުކޭޝަނަލް އެސެސްމަންޓް" ކޯހަށް ހޮވޭ 22 މުވައްޒަފުން މިހާރު ހުޅުވާލާފައިވާ ފުރުސަތަށް އެދި ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މިމަހުގެ ފަސްވަނަ ދުވަހު ތައްޔާރުކޮށްފައިވާ އަދި މިއަދު މީޑިއާ އަށް ފޮނުވާފައިވާ އިއުލާންގައިވެ އެެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިމަހުގެ ފަސްވަނަ ދުވަހު ކޮށްފައިވާ އިއުލާންގެ ދަށުން ހުޅުވާލާފައިވާ ފުރުސަތުގެ ތެރެއިން ތަމްރީން ކުރެވޭ މަގާމުތަކަކީ ޓީޗަރުން، ޕްރިންސިޕަލުން، ސުކޫލް ހެލްތް އެސިސްޓެންޓުން، ސުކޫލް ކައުންސެލަރުން، ލައިބްރޭރިއަނުން، ލެބޯރެޓަރީ ޓެކްނީޝަނުން އަދި ވޮކޭޝަނަލް މާއްދާތައް ކިޔަވައިދެއްވާ ޓީޗަރުންނާއި އިސްޓްރަކްޓަރުން ހިމެނެ އެވެ.
ެއެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިހާރު ހުޅުވާލާފައިވާ ފުރުސަތުތަކަށް އެދި ހުށަހެޅޭނީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މެދުނުކެނޑި ސަރުކާރުގެ ސުކޫލެއްގައި ހިދުމަތްކުރަމުންދާ މުވައްޒަފުންނަށް ކަމަށެވެެ. އަދި މިހާރު ކޯހެއް ފުރިހަމަކުރަމުންދާ، ކޯހުގައި ބައިވެރިވުމާ ހަމައަށް، ތައުލީމީ ދާއިރާގައި ދެ އަހަރު މެދުނުކެނޑި އުޅެފައިވާ، ކޯހުގައި ބައިވެރިވީއިރު ސުކޫލެއްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންނަށް ވެސް މިފުރުސަތުގެ ތެރެއިން ތަމްރީންވުމަށް އެދި ހުށަހެޅޭނެ ކަމަށް އިއުލާންގައިވެ އެވެ.
ފުރުސަތު ދޭ ގިންތިތައް
1) ތައުލީމީ ދާއިރާއަށް މުވައްޒަފުން ލިބުން ދަތި ރަށްރަށާއި މުވައްޒަފުން ލިބުން ދަތި މަގާމުތަކަށް ދާން އެއްބަސްވާ މުވައްޒަފުން (69 ޖާގަ)
2) ސުކޫލުތަކުގެ ހިދުމަތުގައި ތިބި ނަމަވެސް މަގާމުގެ ޝަރުތު ހަމަނުވާ މުވައްޒަފުން (10 ޖާގަ)
3) މުސާރައާއި އެއްވަރުގެ އެލަވަންސް ދީގެން ތަމްރީން ކުރުމަށް މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކުރެވުނު އިއުލާންގައިވާ "މާސްޓަ އޮފް އެޑިޔުކޭޝަނަލް އެސެސްމަންޓް" ކޯހަށް ހޮވޭ މުވައްޒަފުން (22 ޖާގަ)
މިއިއުލާންގައި ވަނީ ގިންތި ތަކަށް މުވައްޒަފުން ހޮވާނެ ގޮތް ވެސް ހާމަކޮށްފަ އެެވެ. އެގޮތުން މުސާރައާއި އެއްވަރުގެ އެލަވަންސް ދީގެން ތަމްރީން ކުރުމަށް މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކުރެވުނު އިއުލާންގައިވާ "މާސްޓަ އޮފް އެޑިޔުކޭޝަނަލް އެސެސްމަންޓް" ކޯހަށް ހޮވޭ 22 މުވައްޒަފުންނަށް، އެ އިއުލާންގައިވާ ފަދައިން މުސާރައާއި އެއްވަރުގެ އެލަވަންސް ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވެ އެވެ. އެ ނޫން ގިންތިތަކަށް މުވައްޒަފުން ހޮވުމުގައި ބަލާނެ ހަތް ކަމެއްވެސް މި އިއުލާންގައި ވަނީ ފާހަގަކޮށްފަ އެވެ. އެއީ:
މިހާރު ހުޅުވާލާފައިވާ ފުރުސަތުތަކަށް ކުރިމަތިލާ މުވައްޒަފުންނަށް މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތްތައްވެސް މިއިއުލާންގައި ވަނީ ހާމަކޮށްފަ އެވެ. އެގޮތުން މުވައްޒަފުންނަށް މާކްސް ދޭނީ ރަށުގައި މުވައްޒަފުން ލިބުމުގެ ދަތިކަމަށް 30 މާކްސް، މަގާމަށް މުވައްޒަފުން ލިބުން ދަތިވާ މިންވަރަށް 30 މާކްސް، މުވައްޒަފުގެ އިލްމީ ގާބިލް ކަމަށް 30 މާކްސް އަދި މުވައްޒަފުގެ ތަޖުރިބާއަށް 10 މާކްސް ލިބޭ ގޮތަށް ކަަމަށްވެސް އިއުލާންގައިވެ އެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް މުސާރައާއި އެއްވަރުގެ އެލަވަންސް ދީގެން ތަމްރީން ހޯދުމުގެ އުސޫލަށް އަމަލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ