ވިލިމާލެއިން ކަރަންޓް ކެނޑި، ލިފްޓެއްގައި ތާށިވި ބަޔަކު ސަލާމަތްކޮށްފި

މިރޭ މުޅި ވިލިމާލެ އިން ކަރަންޓް ކަނޑައިގެން ގޮސް، ލިފްޓެއްގެ ތެރޭގައި ތާށިވެފައި ތިބި ބަޔަކު ސަލާމަތް ކޮށްފި އެވެ.ވިލިމާލޭގައި ހުރި މީހަކު ބުނީ ކަރަންޓް ކެނޑި ވިއްސަކަށް މިނެޓަށް ވުރެ ގިނައިރު ވުމަށް ފަހު ދެ ވަނަ ފަހަރަށް ކަރަންޓް އައުމަށް ފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް ކަރަންޓް ގޮސްފައިވާ ކަމަށެވެ. ކަރަންޓް ދިޔަ ވަގުތު ލިފްޓެއްގައި ބަޔަކު ތާށިވީ ވިލިމާލޭގައި ހުންނަ އެދުރުވެހީގެ އިމާރާތުގަ އެވެ. މުސްކުޅި އަންހެނަކާއި އޭނާގެ ފިރިހެން ދަރިފުޅު ތާށިވުމާ ގުޅިގެން ސިފައިންގެ ރެސްކިއު ޓީމަކުން އެ ދެ މީހުން ސަލާމަތްކުރުމަށް ލިފްޓުގެ ދޮރު މަތާލައިގެން އެތެރެ އަށް އޮކްސިޖަން ލިބޭ ގޮތް ވަނީ ހަދައިފަ އެވެ. ދޮރު ހުޅުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މީހުން ސަލާމަތް ކުރެވުނީ ކަރަންޓް ލިބުނު ވަގުތު އެވެ.ސްޓެލްކޯގެ އޮފިޝަކަލު ވިދާޅުވީ ކަރަންޓު ކެނޑުނީ މިރޭ 7:40 އެހާއިރު ކަމަށާއި އަލުން ކަރަންޓު ލިބުނީ ވިއްސަކަށް މިނެޓް ފަހުން ކަމަށެވެ. އަދި ކަރަންޓު ލިބުނުތާ ފަސް ވަރަކަށް މިނެޓް ފަހުން އަނެއްކާ ވެސް ކަރަންޓް ދިޔަ ކަމަށާއި އެކަމަކު މިހާރު އަލުން މުޅި ވިލިމާލެ އަށް ކަރަންޓް ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަރަންޓް ކެނޑެން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށާއި އެކަން ބެލުމަށް ސްޓެލްކޯގެ ދެ އިންޖިނިއަރަކު ވިލިމާލެ އަށް ގޮސްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ