އަލަށް ބެހެއްޓި ޖަނަރޭޓަރެއް ނިވިގެން މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

ސްޓެލްކޯއިން އަލަށް ބެހެއްޓި ޖަނަރޭޓަރެއް ނިވިގެން މާލޭގެ ބޮޑު ބަޔަކުން މިރޭ ކަރަންޓް ކެނޑިއްޖެ އެވެ.
ވޭތުވެދިޔަ ތިން މަހެއްހާ ދުވަހު، އެތައް ފަހަރެއްގެ މަތިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެ، އާއްމުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.
މިރޭ މާފަންނުގެ ބޮޑު ބަޔަކުންނާއި މައްޗަންގޮޅި އަދި އެނޫން ބައެއް ސަރަހައްދުތަކުން ވެސް ވަނީ ކަރަންޓް ކަނޑައިގެން ގޮސްފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް 15 ވަރަކަށް މިނެޓް ފަހު އަލުން ކަރަންޓްދީފައިވެ އެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މިރޭ 15: 8 ހާއިރު މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ އަލަށް ބެހެއްޓި އަށް މެގަވޮޓްގެ ދެ ޖަނަރޭޓަރުގެ ތެރެއިން ރިލައިބިލިޓީ ޓެސްޓަށް ހިންގާފައި ހުރި ޖަނަރޭޓަރަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެންގެ އިންޖިނިއަރުން ގެންދަނީ އެ މައްސަލަ ދިމާވީ ކީއްވެގެންތޯ ބަލަމުން. އަދި ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓް ދެމުން ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ ޗެއާމަން އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވީ އަލަށް ބެހެއްޓި ދެ ޖަނެރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހިންގަން ފަށާފައިވާ ކަމަށާއި މާލެއިން ދެން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ