ގާސިމާއި ވަހީދާ ދެމެދު އެއްބަސްވުމެއް ގާއިމްކުރަން މިދަނީ މަސައްކަތް ކުރަމުން: އުމަރު
ބުރުޒު މަގުގައި ހެދި އުމަރުގެ ކެމްޕޭން އޮފީސް، "ކޮމާންޑް ސެންޓަރު" ގެ ކަންމަތީގައި މިރޭ ބޭއްވި އެއްވުމުގައި އުމަރު ވިދާޅުވީ ރައީސް ވަހީދާއި ގާސިމްގެ ގުޅުން ރަނގަޅުކޮށް ދެބޭފުޅުން ރުހޭ ފަދަ އެއްބަސްވުމެއް ގާއިމްކުރުމަށް އޭނާ އަންނަނީ ދެ ބޭފުޅުންގެ ދެމެދު "ކަނދު ފަތި ކަނބަމުން" ކަމަށެވެ. އަދި އެ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމާ އެކު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ. މިހާރު ހިނގަމުންދާ މަޝްވަރާތައް ކާމިޔާބުވެއްޖެ ނަމަ އެބޭފުޅުންނާ އެއްގަލަކަށް އެރުމަށް ޕީޕީއެމްގެ ލީޑަޝިޕަށް ވެސް ދައުވަތު ދެއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު މީގެ ދުވަސްކޮޅެއް ކުރިން އުމަރާއި ގާސިމް ވަނީ ރައީސް ވަހީދާ ބައްދަލު ވެސް ކުރައްވައިފަ އެވެ."އަޅުގަނޑުމެންގެ ޕާޓީތަކަށް ވުރެ އަޅުގަނޑުމެންގެ ގައުމު ބޮޑުވާނޭ. މި ގައުމަށް ދެރަކަމެއް ވެއްޖިއްޔާމުން އެންމެ ފުރަތަމަ ގެއްލުން ލިބޭނެ ލިސްޓްގައި މި ދަންނަވާ ލީޑަރުން ތިބޭނެކަން ޔަގީން. މި ފުޅާ ކޯލިޝަނަކަށް މަގުފަހި ކުރަން ޖެހޭ ކަންކަން ކުރުމަށް ހުރިހާ ސިޔާސީ ލީޑަރުންނަށް ގޮވާލަން،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯލިޝަނަކާ ނުލައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެން ނޫން ނަމަ ޖެހޭނީ 2008 ގައި ޑީއާރުޕީން ތަޖުރިބާ ކުރި ހިތި ކަންތައްތަކާ ކުރިމަތިލާން ކަމަށެވެ. އަދި ފުޅާ ކޯލިޝަނެއް ނެތިއްޖެ ނަމަ އެމްޑީޕީ އަލުން ވެރިކަމަށް އައުމުގެ ބިރު އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ. ޕީޕީއެމްއިން އޭނާ ވަކި ކުރަން ނިންމާފައިވާ މައްސަލައަށް އިޝާރާތްކުރައްވައި ވިދާޅުވީ ވަކިކުރިޔަސް، "އެކޮޅުކޮޅުން އެލުވިޔަސް" ހައްގު ބަސް ބުނުން ހުއްޓާނުލާނެ ކަމަށެވެ. އުމަރު ވިދާޅުވީ ޖަލްސާއެއް ބާއްވައި، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި މަކަރު ހަދާ އޮޅުވާލި ކަމަށް ބުނީ ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ޕީޕީއެމްގެ މެންބަރުންނަށް އަންގައި ދިނުމުގެ ގޮތުން ކަމަށެވެ. "އަޅުގަނޑު މަސައްކަތް ކުރީ އަލުން އިންތިހާބު ބާއްވާށޭ ބުނާކަށް ވެސް ނޫން. އޭރުވެސް އަޅުގަނޑު ބެލީ ޕީޕީއެމްގެ މަސްލަހަތަށް. ނަމަވެސް އެކަންތައްތައް އެގޮތަށް ހިނގާފައި އޮތްކަން އެގުނީމާ އަޅުގަނޑު ބެލީ އެކަމުގެ ހަގީގަތް މެންބަރުންނަށް އަންގައި ދިނުމަށް،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި މަކަރު ހަދާފައިވާކަން ޝަރުއީ މަރުހަލާއިން ސާބިތުކޮށް ދެއްވާނެ ކަމަށެވެ. އޭރުން އޭނާގެ ވާހަކަތަކުގެ ތެދުކަން އެންމެނަށް ހާމަވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި ޑީއާރުޕީގައި ހުންނެވި ދުވަސްވަރު ވެސް އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންނަކީ ކޮރަޕްޓް ބައެއް ކަމަށް ބުނީ ހެކި ހުރެގެން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ "ޝާހިދު ރީނދޫ ޓައީ އަޅައިގެން ނުކުންނެވީމާ" އެކަމުގެ ސާފު ހެކި މިއަދު ފާޅުވެގެން ގޮސްފައިވާ ކަމަށެވެ. "އޭރު އަޅުގަނޑު ދެންނެވިން އެބޭފުޅުންގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން ޖީއެމްއާރާ އެކު ޑީލް ހެދިއޭ. މިއަދު ތިބޭފުޅުންނަށް އެ ފެނިވަޑައިގަންނަވަނީ އެކަން. އަޅުގަނޑު މީގެ ދެ އަހަރާއި ބައިގެ ކުރިން ދެއްކި ވާހަކަތައް މިއަދު ހަގީގަތަކަށް އެވީ،" އުމަރު ވިދާޅުވި އެވެ. އަދި މިހާރު ޕީޕީއެމްގެ ތެރޭގައި ވެސް "ކަތުރުފަނި އަޅާފައިވާ" ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރާ ވާދަކުރައްވައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަން ހޯއްދެވި އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ ރައީސް މައުމޫނަކީ ތެދުވެރި އަމާނާތްތެރި ބޭފުޅެއް ކަމުގައި ބުނި ނަމަވެސް އެމަނިކުފާނުގެ ކޮއްކޯފުޅު ޔާމީނަކީ އެފަދަ ބޭފުޅެއް ކަމުގައި ބުނެވެން ނެތް ކަމަށެވެ. އަދި ޕޯޑިއަމްގައި އެހެން ވާހަކައެއް ދައްކަވާފައި ފަހަތަށް އެބުރި "ޑީލް ހަދާތަން" ބަލަން އެ ވާހަކަ ނުދައްކާ ނުހުންނަވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި ޕީޕީއެމް އުފެއްދީ ވެސް ކޮރަޕްޝަނާއި ފަސާދަ ނައްތާލަން ކަމަށް އުމަރު ވިދާޅުވި އެވެ. "ޕީޕީއެމްއަކުން އަޅުގަނޑު ކެނޑިގެނެއް ނުދާނަން. އަދި އަޅުގަނޑު ކަނޑާލިޔަސް ޕީޕީއެމްގެ ދޮރުމަތީގައި މަޑުކޮށްގެން ހުންނާނަން. އަޅުގަނޑަށް ތާއީދުކުރާ ވަރަށް ގިނަ ބޭފުޅުން ކެނޑެން އުޅޭ ކަމުގެ މައުލޫމާތު އަޅުގަނޑަށް އެބަ ލިބެމުން ދޭ. އަޅުގަނޑު ދަންނަވާނީ ތިބޭފުޅުން މަޑު ކުރައްވާށޭ،" އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޕީއެމްގައި އަޅާފައިވާ "ކަތުރުފަނި ސާފުކޮށްފައި ނޫނީ" އޭނާގެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. މިރޭގެ ޖަލްސާ ނިންމާލީ އުމަރު ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާން ކުރަމުންނެވެ. އަދި އުމަރުގެ ޖަގަހަ ސަޕޯޓަރުންގެ ހަރަކާތްތައް ހިންގުމަށް މިރެއިން ފެށިގެން ހުޅުވާފައި ހުންނާނެ ކަމަށް ވެސް މިރޭ ވަނީ އިއުލާން ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ