އިސް ގާޒީ ބަދަލުކުރެވޭނެ އުސޫލެއް ކަނޑައަޅަންޖެހޭ: ސީނާ ޒާހިރު

އިސް ގާޒީކަމުގައި އަބަދު އެކަކު ހުންނެވުމަކީ ނާޖާއިޒު ފައިދާ ނަގާނެ ކަމެއް ކަމަށާއި އިސް ގާޒީން ބަދަލުކުރެވޭނެ އުސޫލެއް ކަނޑައަޅަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ޖަސްޓިސް މިނިސްޓަރު އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ޒާހިރު "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިސް ގާޒީ އުމުރަށް ތިއްބެވުމުގެ ބަދަލުގައި އެކަމަކީ ޑިމޮކްރެޓިކް އުސޫލުން ކުރާ ކަމަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ.
"މިސާލަކަށް އިންތިހާބެއްގެ ތެރެއިން ދެ އަހަރުން އެއް އަހަރު ނަމަވެސް ބަދަލުވާންޖެހޭ. އެހެން ނޫނީ އިސް ގާޒީއަކަށް ހުންނަ މީހުން ނާޖާއިޒު ފައިދާތަކެއް ނަގާނެ،" މިދިޔަ ބުދަ ދުވަހު ހަވީރަށް ދެއްވި އިންޓަވިއުގައި ޒާހިރު ވިދާޅުވި އެވެ. "އިސްކޮށް ހުންނަ މީހަކު ކަމެއް ކުރަންޏާ ވަރަށް އުނދަގުވާނެ އެކަން ހޯދަން."
ޝަރުއީ ދާއިރާ އަށް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެގޮތުން ދަށު ކޯޓްތަކުގައި އޮންނަ ބައެއް މައްސަލަތަކާ ސުޕްރީމް ކޯޓުން ބެހުމަކީ މައްސަލައެއް ކަމަށާއި އެކަން ކުރާނަމަ އިންސާފު ނުލިބޭނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.
"އިސް ކޯޓްތަކުން ވެސް ބެހޭކަށް ނުޖެހޭ ދަށު ކޯޓްތަކުގައި އޮންނަ މައްސަލަތަކާ. ބެހޭ ކަމުގައި ވަންޏާ ކޮބައިތޯ ތިން ކޯޓް އޮތުމުގެ ބޭނުމެއް. މިސާލަކަށް ސުޕްރީމް ކޯޓުން ވެސް ބޭނުންވާ މައްސަލައެއް ދަށު ކޯޓުން ނަގާކަމުގައި ވަންޏާ ކޮބައިތޯ އިންސާފު. ސުޕްރީމް ކޯޓަށް މައްސަލައެއް ގެންގޮސްފިއްޔާ އެ ހިސާބުން އެ މައްސަލައިގައި އިސްތިއުނާފުކުރުމުގެ ފުރުސަތު އެ ގެއްލުނީންނޫންތޯ؟" ޒާހިރު ވިދާޅުވި އެވެ.
މީގެ އިތުރުން ޖޭއެސްސީ އަށް ހުޅުމާލޭ ކޯޓްގެ ބެންޗް އެކުލަވާނުލެވޭނެ ކަމަށާއި އެކަމަށް ގާނޫނުން ހުއްދަ ލިބޭ ނަމަ އެ ގާނޫނަކީ ވެސް ގާނޫނުއަސާސީގެ ރޫހާ ހިލާފު ގާނޫނެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.
"އެކަމެއް ނުކުރެވޭނެ. އެކަމެއް ނުކުރެވޭނެ. އެކަން ކުރެވޭ ގޮތަކަށް ނޫން [ގާނޫނު] ހަދާފައިވަނީ. އަޅުގަނޑުމެންގެ ކޮންސެޕްޓްގައި ޒައްރެއްގެ މިންވަރު ވެސް ނޯންނާނެ ޖުޑިޝަރީގެ ކަންތައްތަކުގައި، ދުވަހުން ދުވަހަށް ހިނގާ ކަންތަކުގައި ކޮމިޝަނުން ބައިވެރިވާ ގޮތަކަށެއް. ހަމައެކަނި ކޮމިޝަނުގެ މަސައްކަތަކަށް އޮންނާނީ ވަޒީފާ ދިނުމާއި ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅުއެޅުން،" ޖޭއެސްސީގެ ރައީސްކަމުގައި ވެސް ކުރިން ހުންނެވި ޒާހިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ