ޕީޕީއެމްގެ އާންމު މެމްބަރުންނާ ބައްދަލުކުރެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ބާއްވަން އުޅުނު ބައްދަލުވުން ނުބޭއްވޭނެ ކަމަށް ބުނެ ފުލުހުންގެ އޮފިސަރުންތަކެއް ހުރަސް އެޅި މައްސަލަ ބަލައި ތަހުގީގުކޮށްދިނުމަށް ރައީސް މައުމޫން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ އަރީފަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގާ ހ. ތެމާގައި ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރެއްވުމަށް އެ މަނިކުފާނު ރޭ ބާއްވަން އުޅުނު ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުންގެ ދެ އޮފިސަރަކު ފޯމާ ޕްރެޒިޑެންޓް އޮފީހަށް އިއްޔެގެ ވަގުތެއްގައި ގޮސް އަންގާފައިވާ ކަަމަށެވެ.
މިސިޓީގައި ބުނެފައިވަނީ ޕާޓީގެ ރައީސް ރޭ ބާއްވަން އުޅުނު ބައްދަލުވުމަކީ އާއްމު މެންބަރުންނާ އެކު ބާއްވަން އުޅުނު ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ކަމަށެވެ. އަދި އެ ބައްދަލުވުން ނުބޭއްވުނީ އެކަން ކުރިއަށް ނުގެންދަން ފުލުހުން އެންގުމުން އާއްމު މެމްބަރުންނަށް އިތުރު ތަކުލީފުތަކެއް ނުޖައްސަންވެގެން ކަމަށްވެސް ސިޓީގައިވެ އެވެ.
މިސިޓީގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައިވާ ގޮތުން، ކުރިން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. އެހެން ކަމުން އެއްވެސް މުއައްސަސާ އަކުން އެކަމަށް ހުރަސް ނޭޅޭނެ ކަމަށާއި އެ ބައްދަލުވުން ނުބޭއްވޭނެ އެއްވެސް ސަބަބެއް އަދި ޕާޓީގެ އޮފީހުގައި ޕާޓީގެ ރައީސްއަށް ޕާޓީގެ އާންމު މެންބަރުންނާއި ބައްދަލު ނުކުރެވެންވީ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.
ޕީޕީއެމްގެ ރައީސްއަށް ޕީޕީއެމްގެ އޮފީހުގައި ޕާޓީގެ މެންބަރުންނާއި ބައްދަލުކުރުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތްއިރު އެ ބައްދަލުވުން ހުއްޓާލުމަށް ފުލުހުން އެންގުމަކީ ގާނޫނާއި ހިލާފް އެންގުމެއް ކަމަށާއި އެހެންކަމުން މިމައްސަލަ ބަލައިދިނުމަށްވެސް ވެސް ސިޓީގައި ވަނީ އެދިފަ އެވެ.
ޕީޕީއެމްގެ އާންމު މެންބަރުންގެ ހިޔާލު ހޯދުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތީ "ޕީޕީއެމްގެ ދިރުން - މެންބަރުންގެ ހިޔާލު" މި ނަމުގަ އެވެ.
ޕީޕީއެމް ދެބައިވެ ޕާޓީ ހިންގުން ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރި ފަހުން ރައީސް މައުމޫން ވަނީ މީގެ ކުރިންވެސް ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރެއްވުމަށް ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އެޖަލްސާ ބޭއްވުމަށް ސަރުކާރުން އެއްވެސް ތަނެއް ކުއްޔަށް ދޫނުކުރުމުން ކުރިން އެއްވެސް އިންތިޒާމެއް ކުރަން ފުރުސަތު ނުލިބި އެ ޖަލްސާ ކުއްލި ގޮތަކަށް ބޭއްވީ ޝީބިލްޑިންގަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ރައީސް މައުމޫން ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންދަވާފައިވާ ކަމަށް އެމަނިކުފާނު އިއުލާންކުރެއްވީ މިޖަލްސާގަ އެވެ.
މައުމޫން ބާއްވަން އުޅުނު ބައްދަލުވުން ހުއްޓުވި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ