ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކަށް އަނެއްކާ ވެސް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ފުލުހުންގެ އިދާރާއަށް ރިޔާޒު ހާޒިރުވާން މިފަހަރު އަންގާފައި މިވަނީ މިމަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލާފައިވާ ކަަމަށް ބުނާ މައްސަލާގަ އެވެ.
މިމައްސަލާގައި ސުވާލުކުރުމަށް ފުލުހުންގެ މައި މަރުކަޒު، ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވާން ރިޔާޒަށް އަންގާފައިވަނީ މިރޭ 8:00 ޖަހާއިރަށެވެ.
މީގެ ކުރިން ވެސް ފުލުހުން ތަފާތު އެތައް މައްސަލަތަކުގައި ރިޔާޒު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނެ ދައުލަތުން މީގެ ކުރިން ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާ ވެސް ރިޔާޒުގެ މައްޗަށް އުފުލާފަ އެވެ.
މިދައުވާއެއް އުފުލީ އޭނާގެ މައްޗަށް ފުލުހުން ކުރި ތުހުމަތަކާ ގުޅިގެން ތަހުގީގު ކުރަމުންދިޔަ މައްސަލައަކަށް އޭނާގެ ފޯނު ޗެކް ކުރުމަށް ޕިން ކޯޑް ޖަހައިދޭން އެދުމުން ކޯޑު ޖަހާދީފައިނުވާތީ ކަމަށް ބުނެ އެވެ. ނަމަވެސް މިމަހުގެ ނުވަވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މިމައްސަލަ ރިޔާޒުގެ މައްޗަށް ސާބިތުވާ ނުވާ ކަމަށް ހުކުމްކޮށްފަ އެވެ. އެހެންކަމުން ދައުލަތުން ވަނީ މިމަހުގެ 23 ވަނަ ދުވަހު މިމައްސަލަ އިސްތިއުނާފް ކޮށްފަ އެވެ.
މެންބަރު އަބްދުﷲ ރިޔާޒު އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ