ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ ކުރިއެރުމަށް: ގާސިމް

ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ ކުރިއެރުމަށް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކިނބިދޫ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ކެންޕޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެ ޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ގައުމަށް ހެވާއިލާބަ ހޯދައި ދިނުމަށް ކަމަށާއި އަބްދުﷲ ރިޔާޒަށް އެ ޕާޓީގެ ޓިކެޓު ދީފައި ވަނީ އެ ސަބަބަށްޓަކައި ކަމަށެވެ. އަދި ރިޔާޒު ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކިނބިދޫ ދާއިރާ އަށް ނުކުންނެވުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރިޔާޒު ފަދަ ތައުލީމީ ގާބިލް ބޭފުޅަކު މިހާތަނަށް ކިނބިދޫ ދާއިރާ އަށް ވާދަކުރައްވާފައިނުވާ ކަމަށާއި ރިޔާޒު އިންތިޚާބު ކުރުމަކީ އެ ދާއިރާގެ ރައްޔިތުންނަށް ވަރަށް މަތީ ޝަރަފެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ދާއިރާގެ ރަށްތަކަށް ވަޑައިގަތުމުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އެނގިވަޑައިގެންފި ކަމަށާއި ބޭނުންވަނީ އިންތިޚާބުގެ ކުރިން ވެސް ސަރުކަރާއި ވާހަކަދައްކައިގެން ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންތައް ފުރިހަމަކޮށްދޭން ކަމަށެވެ.
އޭނާ ވިދާޅުވީ ކިނބިދޫ ދާއިރާގެ ފަސް ރަށަށް 24 ގަޑިއިރު ކަރަންޓު ނުލިބޭ ކަމަށާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ކުރި މަޝްވަރާތަކުން މިހާރު އެކަންތައް ހަމަޖެހިފައިވާ ކަމަށެވެ.
ރޭގެ ހަފްލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ރިޔާޒަކީ ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްތަކެއް ކުރައްވައި އޭނާގެ ގާބިލްކަން ސާބިތުކޮށްދެއްވާފައި ހުންނެވި ބޭފުޅެއް ކަމަށެވެ.
ރިޔާޒަކީ ރާއްޖޭގައި ހިނގާ ކަންތައްތައް ވަރަށް ކައިރިން ފެނިފައިވާ ބޭފުޅެއް ކަމަށާއި އެކަހަލަ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގައި އިންނެވުމަކީ މަޖިލީހުގެ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖީލީހުގެ ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ އެދާއިރާގެ މެންބަރު ކަމުގައި މިހާރުވެސް ހުންނެވި ހަސަން ލަތީފާއި، ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ނަހުލާ އަލީގެ ކެމްޕެއިން ވެސް ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ