ހައްދު ޖެހުމުގެ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި
ރާއްޖޭގެ ކޯޓުތަކުން ހައްދު ޖެހުމަށާއި ތައުޒީރު ކުރުމަށް ކުރާ ހުކުމްތައް ތަންފީޒު ކުރުމާ ބެހޭ ގަވާއިދެއް ސުޕްރީމް ކޯޓުން މިއަދު އެކުލަވާލައިފި އެވެ. އެ ގަވައިދުގައިވާ ގޮތުން ނަމަ ހައްދު ޖެހުމަށް ނުވަތަ ތައުޒީރު ކުރުމަށް ކުރާ ހުކުމްތައް ތަންފީޒު ކުރަން ވާނީ، އެމީހާގެ ކިބައިގައި ވަކި ކަހަލަ ޝަރުތުތަކެއް ފުރިހަމަ ވުމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުމާއި މާބަނޑު މީހަކު ކަމުގައި ނުވުމާއި ހައްދު ޖެހުމުގެ ސަބަބުން ފުރާނަ އަށް ނުވަތަ ހިއްސަކަށް ނުރައްކާ ވެދާނެ ފަދަ ބައްޔެއް ހުރި މީހެއް ކަމުގައި ނުވުމެވެ.ގަވައިދުގައިވާ ގޮތުން ނަމަ ހައްދު ނުވަތަ ތައުޒީރު ކުށްތަކުގެ ހުކުމް، އެ މައްސަލަައެއް ބެލި ކޯޓުން ނުވަތަ އެ މަރުހަލާގެ އެހެން ކޯޓަކުން ތަންފީޒު ކުރަންވާނީ، އެ ހުކުމެއްގެ އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ނުވަތަ އިސްތިއުނާފުގެ މަރުހަލާ ނިމުމުންނެވެ. މީގެ އިތުރުން ގަވައިދުގައި ބުނެފައި ވަނީ ހައްދު ޖެހުން މަނާކުރާ ޝަރުއީ އަދި ގާނޫނީ އުޒުރެއް މެދުވެރިވެއްޖެ ނަމަ ހުކުމް ތަންފީޒު ކުރުން ފަސްކުރަންވާނެ ކަމަށެވެ. އެހެން ނަމަވެސް އެ އުޒުރުގެ ހާލަތު ދިއުމުން އެ މީހެއްގެ މަައްޗަށް ލަސްނުކޮށް ހުކުމް ތަންފީޒު ކުރަންވާނެ ކަމަށް އޭގައިވެ އެވެ."ހައްދު ނުވަތަ ތައުޒީރުގެ ހުކުމެއްް ތަންފީޒު ކުރުމުގެ ކުރިން، އެ ހުކުމް ތަންފީޒު ކުރެވޭ މީހާ އަކީ މަންމަނަކު ނަމަ، ނުވަތަ ދިވެހި ބަސް ނުދަންނަ މީހަކު ނަމަ، އެމީހާ ދައްކާ ވާހަކަ އެނގޭނެ މީހެއްގެ ބަޔާން ހޯދަންވާނެ އެވެ،" ގަވައިދުގައިވެ އެވެ.ގަވައިދުގައި ބުނެފައިވާ ގޮތުގައި ހައްދު ނުވަތަ ތައުޒީރުގެ ހުކުމް ކޯޓުތަކުގައި ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެކަމަށް ގާބިލް، ހާއްސަ މުވައްޒަފަކު ކަނޑަައަޅަން ވާނެ އެވެ. ހައްދު ނުވަތަ ތައުޒީރުގެ ކުށް ސާބިތުވެ، ހުކުމް ކުރިއިރު، އެމީހަކީ މީލާދީ ގޮތުން، 18 ވެފައިވާ މީހެއް ނޫން ނަމަ، އެ ހުކުމް ތަންފީޒު ކުރަން ވާނީ އެމީހާ އަށް 18 އަހަރު ވުމުން ކަމަށް ގަވައިދުގައިވެ އެވެ.ރާއްޖޭގެ ކޯޓުތަކުން ހައްދު ޖެހުމަށާއި ތައުޒީރު ކުރުމަށް ކުރާ ހުކުމްތައް ތަންފީޒު ކުރުމާ ބެހޭ ގަވާއިދަށް އަމަލުކުރަން ފެށުމުން، "ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު (6)" 222 ވަނަ މާއްދާ ބާތިލްވީ ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ