ހޯރަފުށީ ދާއިރާގެ ގޮނޑީގެ މައްސަލާގައި އަހުމަދު ރަޝީދު އެމްޑީޕީން ވަކިވަނީ

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ގޮނޑި އަށް އެހެން ބޭފުޅަކު ގެންނަވަން ޕާޓީގެ އިސް ބައެއް ބޭފުޅުން މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކުރައްވާ އެމްޑީޕީން ވަކިވެވަޑައިގަންނަވަން މިހާރުގެ މެމްބަރު އަހުމަދު ރަޝީދު އުޅުއްވާކަން ބައެއް ފަރާތްތަކުން "ހަވީރަ"ށް ކަށަވަރުކޮށްދީފި އެވެ.
އެކަމަކު އެ މައްސަލާގައި އަހުމަދު އަދި އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި އަހުމަދުގެ ހިތްހަމަނުޖެހުން އުޅެނީ އެ ދާއިރާ އަށް އަހުމަދު ސަލީމް (ސައްލެ) ނެރެން ޕާޓީގެ އިސް ފަރާތްތަކުން މަސައްކަތް ކުރައްވާތީ އެވެ.
އަންނަ މަހު ބާއްވާ ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓް ހޯއްދަވަން އަހުމަދު އެއްވެސް ދާއިރާއަކަށް ކުރިމައްޗެއް ނުލައްވަ އެވެ.
މިހާރު އަޑުއަރާފައިވާ ގޮތުން އޭނާ ދެން ގުޅިވަޑައިގަންނަވާނީ ޖުމްހޫރީ ޕާޓީއާ އެވެ.
ސަލީމުގެ އިތުރުން މި ފަހަރު އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވަނީ ހއ. ހޯރަފުށީ، ދޭލިޔާގެ، އިބްރާހިމް އިމާދެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި މި ސަރުކާރުގެ އިސް ވެރިންނަށް ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވި އަހުމަދު ރަޝީދު މިހާރު ގެންދަވަނީ ބައެއް މީޑިއާތަކުގައި އެމްޑީޕީ އަށް ފާޑުވިދާޅުވަމުންނެވެ. އެމްޑީޕީން ކަންކަން ކުރަމުން އަންނަނީ އާއްމު މެމްބަރުންގެ ބައިވެރިވުމާ އެކު ނޫން ކަމަށާއި މަތިން އަންނަ އޯޑަރާ އެއްގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓް ވަޒީރުންނަށް ރުހުން ދިނުމުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވުމަށް ފަހު، އަހުމަދު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އަދި މަޖިލީހުގެ އިންތިހާބުގައި މި ފަހަރު ވާދަކުރައްވާނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކުން ކަމަށް ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ