ޕީޕީއެމާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، މިދިޔަ އަންގާރަ ވިލޭރޭ ވަކިން ޖަލްސާ ބޭއްވި މައްސަލާގައި އުމަރު ނަސީރު މައާފަށް އެދެން ކަނޑައެޅި މުއްދަތު އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން އުމަރު މައާފަށް އެދިވަޑައިނުގެންފި ނަމަ އޭނާގެ މައްސަލަ ސުލޫކު ކޮމެޓީ އަށް ފޮނުވުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އުމަރު މައާފަށް އެދިވަޑައިގަތުމުގެ މުއްދަތު ކައުންސިލުން އިތުރުކުރީ، މައާފަށް އެދެން އެންގި ސިޓީ އުމަރާ ހަވާލުކުރެވުނުލެއް ލަސްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު މައުލޫމާތު ލިބޭގޮތުގައި ރޭގެ 9:20 ހާއިރު އުމަރު ނަސީރަށް ސިޓީ ރައްދުކުރެވުނީ. އަދި ރޭ އުމަރު ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމާ މެދު ލިބުނު ވަގުތުކޮޅު ވަރަށް ކުޑަކަމަށް ހަގީގަތުގައި އަޅުގަނޑުމެންގެ ކައުންސިލް މެމްބަރުންނަށް ފާހަގަކުރެވުނު މިއަދު ބޭއްވި [ކައުންސިލްގެ] ބައްދަލުވުމުގައި. އެހެންވީމާ އަޅުގަނޑުމެން މިއަދު ކައުންސިލުން ނިންމާފައިވަނީ އާދީއްތަ ދުވަހުގެ 10 ގެ ކުރިން ޮޕަބްލިކް އެޕޮލޮޖީއެއް ދެއްވަންޖެހޭނެ ކަމަށް،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުމަރު މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އެ ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަތަކާއި ކުރެއްވި ތުހުމަތުތަކަށް ވަކިވަކިން ކަމަށެވެ. ޕީޕީއެމްގެ ޕްރައިމަރީގައި ފައިސާގެ ނުފޫޒު ފޯރުވައި ބޮޑެތި އޮޅުވާލުންތަކާއި މަކަރު ހަދާފައިވާ ކަމަށާއި އިންތިހާބާ ބެހޭ ކޮމިޓީގެ ކޮންޓްރޯލް އޮތީ ޔާމީންގެ އަތްޕުޅުގައި ކަމަށް ވިދާޅުވުމުގެ އިތުރުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހިމެނޭ ކުޑަކުއްޖާއާ ޔާމީން ބައްދަލުކުރައްވަނިކޮށް ފެނިވަޑައިގެންނެވި ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ ބޭބެއެއް ފަދަ އަލްމަރުހޫމް ޑރ. އަފްރާޝީމާ ބެހޭ ގޮތުން އެ ދެއްކެވި ވާހަކަތައް އެއީ އަޅުގަނޑުމެން އެއްވެސް މީހަކަށް ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން. އަޅުގަނޑުމެންނަށް އޭގެ އަސަރެއްކޮށްފައިވާ ހިތާމައެއް ލިބިފައިވާ ކަމެއްގައި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އެ ދެއްކެވި ވާހަކައަކީ އެއްވެސް ކައުންސިލް މެމްބަރަކަށް އަދި އެއްވެސް މެމްބަރަކު ކުރައްވާނެ ކަމެއް ނޫން،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާދީއްތަ ދުވަހު އުމަރު މައާފަށް އެދިވަޑައިނުގެންފި ނަމަ އެ މައްސަލާގައި ދެން ގޮތެއް ނިންމާނީ ސުލޫކު ކޮމެޓީންނެވެ.
އުމަރަށް ސީދާ ގޮތެއްގައި ފާޑުވިދާޅު ނުވިޔަސް އޭނާ އަށް ނިސްބަތް ކުރައްވައި ޕީޕީއެމްގެ ރައީސް މައުމޫން ރޭ ވިދާޅުވެފައި ވަނީ "އަސާސީ ގަވާއިދަށް ވުރެ މަތީގައި އެއްވެސް މެމްބަރަކަށް ނުހުރެވޭނެ" ކަމަށެވެ.
އަސާސީ ގަވާއިދު ލާޒިމުކުރާ ގޮތުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ޕާޓީގެ މެމްބަރުން ތިބެންޖެހޭނީ ރިޔާސީ ކެންޑިޑޭޓާއެކުގައި ކަމަށާއި އެހެންވެ، ރިޔާސީ ކެންޑިޑޭޓަށް އެހީތެރިކަން ދޭނީ ވަކި "މިވެނި ގޮތަކަށް އަމަލުކުރެއްވީމައޭ" އެއްވެސް ބޭފުޅަކަށް ވިދާޅުނުވެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން މިގޮތަށް ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިހާބުގައި ޔާމީނަށް ތާއީދުކުރައްވާނީ އޭނާ ނަންގަވާ ޓީމެއްގެ ގޮތުން ކަމަށް އުމަރު ވިދާޅުވެފައިވާތީ އެވެ. މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ފަދަ ބޭފުޅުންނާ އެކު ޔާމީން ނުކުންނަވައިފި ނަމަ، ޔާމީނަށް ތާއީދުނުކުރަން އުމަރު ވަނީ އޭނާގެ ސަޕޯޓަރުން ގާތު ވެސް އެދިވަޑައިގެންފަ އެވެ.
އާދީއްތަ ދުވަހުގެ ކުރިން އުމަރު މާފަށް ނޭދެފިނަމަ މައްސަލަ ސުލޫކު ކޮމެޓީ އަށް ފޮނުވަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ