އެމްޑީޕީ ޕްރައިމަރީ ބޭއްވުމުގެ ކުރިން ރަށު ރައްޔިތުން އެއްގަލަކަށް އެރުވުމަށް ދާންދޫގައި ޕްރައިމަރީއެއް ބާއްވަނީ

އެމްޑީޕީ ޕްރައިމަރީ ބޭއްވުމުގެ ކުރިން ރަށު ރައްޔިތުން އެއްގަލަކަށް އެރުވުމަށް ދާންދޫގައި އިންތިހާބެއް ބޭއްވުމަށް ނިންމައިފިއެވެ.
ދާންދޫގައި ބާއްވާ ރަށު ފެންވަރގެ ޕްރައިމަރީ އިންތިޒާމްކުރާ ކޮމެޓީގެ މުގައްރިރު އިސްމާއިލް މުހައްމަދު ވިދާޅުވީ، މި އިންތިހާބު ބޭއްވުމުގެ ބޭނުމަކީ އެމްޑީޕީން އަންނަ އަހަރު ޖެނުއަރީ 18 ވަނަ ދުވަހު ބާއްވާ، އިންތިހާބުގައި ދާންދޫން އެއް ކެނޑިޑޭޓަކު ނެރި އެމްޑީޕީގެ ޕްރައިމަރީ ދާންދޫ މީހަކު ކާމިޔާބު ކުރުމަށް މަގު ފަހިކުރުމެވެ.
މި އިންތިހާބުގައި ވޯޓުލުން ކުރިއަށްދާނީ ހުކުރު ދުވަހު މެންދުރު 14:00 އިން 18:00 އަށެވެ. މާލެއާއި ހުޅުމާލޭގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ހުޅުމާލޭ ވޯޓު ފޮށި ބަހައްޓާނީ ހުދުމާ ފިހާރަ ކައިރީގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ. މާލޭގައި އެމްޑީޕީ ހަރުގޭގައެވެ. ދާންދޫގައި ޖަޒީރާ ޖަގަހައިގައެވެ.
"ޑިސެންބަރު ހަތް ވަނަ ދުވަހުގެ ކުރިން އެމްޑީޕީއާ ގުޅުނު ދާންދޫ ހުރިހާ ރައްޔިތުންނަށް ވޯޓުލެވޭނެ. އަޅުގަނޑުމެން ވެސް ވާނީ ލިސްޓެއް އެކުލާވާލާފައި. އެ ލިސްޓާއި އެމްޑީޕީގެ ލިސްޓާއިވެސް އެއްގޮތްވާނެ. އަޅުގަނޑުމެންގެ ލިސްޓުގައި ނަންނެތި އެމްޑީޕީ ލިސްޓުގައި ނަންއޮތަސް ވޯޓުލެވޭނެ،" އިންތިޒާމު ކޮމެޓީގެ މުގައްރިރު ވިދާޅުވިއެވެ.
ދާންދޫ ދާއިރާ އެކުލެވިގެންވަނީ ތިން ރަށެއްގެ މައްޗަށެވެ. އެއީ މާމެންދޫ، ނިލަންދޫ އަދި ދާންދޫއެވެ. އެމްޑީޕީ ޕްރައިމަރީގައި ނިލަންދޫން 1 ކެނޑިޑޭޓުން އަދި މާމެންދޫން 2 ކެނޑިޑޭޓަކު ނެރުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި ތިންރަށުން އެންމެ އާބާދީ ބޮޑީ ވެސް ދާންދޫގައެވެ.
ދާންދޫން އެމްޑީޕީ މެމްބަރުން ބާއްވާ ޕްރައިމަރީގައި ތިން މީހަކު ވާދަކުރުމަށް ވަނީ ނިންމާއެވެ. އެއީ ހުސައިން އާދަމް، ދާންދޫ އާމުލީގެއާ، ގައިސް އިސްމާއިލް، ގއ. ދާންދޫ އަންޑާޕޫލްގެއާ، ޔައުގޫބް އަބްދުﷲ ގއ. ދާންދޫ ކަކާގެއެވެ. ދާންދޫން ވާދަކުރާ ތިން ކެނޑިޑޭޓުން އިންތިހާބު ބޭއްވުމަށް މަޝްވަރާ ކުރަނީ: ފޮޓޯ ދާންދޫ އެމްޑީޕީ
ދާންދޫގައި ބާއްވާ އިންތިހާބުގައި ބައިވެރިވުމުގެ ހައްގު އޮތީ ހަމައެކަނި ދާންދޫގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. އެމްޑީޕީން ވެސް މި އިންތިހާބަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް އެރަށު ކައުންސިލް ރައީސްކަން ވެސް ކުރައްވަމުން އަންނަ، އިސްމާއިލް މުހައްމަދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި އިންތިހާބަށް އަންނަނީ އެއްބާރުލުން ދެމުން. ވޯޓުކަރުދާސް ޕްރިންޓުކޮށްދިނީވެސް ޕާޓީން،" އިސްމާއިލް މުހައްމަދު ވިދާޅުވިއެވެ.
މިއީ މިފަދަ އިންތިހާބެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަމަށް އެ އިންތިހާބު އިންތިޒަމުކުރާ ކޮމެޓީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ