ހަތަރު މަހުގެ ކަރަންޓު ބިލް ބަހާލައިގެން ދައްކަން މިހާރު ފޯމް ހުށައެޅޭނެ

ކޯވިޑްގެ ހާލަތާއި ގުޅިގެން ކަރަންޓް ބިލްތައް ދެއްކުމުގައި ދަތިވެފައިވާ ފަަރާތްތަކަށް ބަހާލައިގެން ބިލް ދެއްކުމުގެ ފުރުސަތު ސްޓެލްކޯއިން ހަމަޖައްސާދީފިއެވެ.
ބަހާލައިގެން ބިލް ދެއްކުމަށް ފުރުސަތު ދީފައިވަނީ މާރިޗު، އޭޕްރިލް، މެއި އަދި ޖޫން މަހުގެ ބިލްތަކެވެ. ސްޓެލްކޯއިން ބުނީ މާލީގޮތުން ދިމާ ދަތިތަކާއި އެކު މިިދިޔަ ހަތަރު މަހު ނުދެއްކިވާ ކަރަންޓް ބިލްތައް މިހާރު ބަހާލައިގެން ދެއްކޭނެކަމަށެވެ. އަދި މި ކަމަށް އެދި އެކުންފުންޏަށް ހުށައަޅަންޖެހޭއިރު އެކަމަށް އެދޭ ފޯމް ކުންފުނީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އޮންލައިކޮށް ހުށައަޅަން ބޭނުންވާ ފަރާތްތަކުން https://stelco.com.mv/rpex މި ލިންކް މެދުވެރިކޮށް ހުށައެޅޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ބަހާލައިގެން ބިލް ދައްކަން އެދޭ ކަސްޓަމަރުންނަށް ބިލް ދެއްކުމުގެ މުއްދަތު ކަނޑައަޅާނީ އެމީހެއްގެ ހާލަތަށް ބެލުމަށްފަހުކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓް ބިލްތައް އާދަޔާ ހިލާފަށް ބޮޑުވެ ރައްޔިތުންގެ ޝަކުވާތައް ބޮޑުވުމުން މިދިޔަ މަހުގެ ކަރަންޓް ބިލުން 40 އިންސައްތަ ޑިސްކއުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ ގިނަ ރަށްތަކަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ފެނަކައިންވެސް ވަނީ މިދިޔަ މަހުގެ ބިލްތަކުން 40 އިންސައްތަ ސަބްސިޑީޒް ދޭން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ