ސިޔާސީ މަސައްކަތުގައި ގާސިމް ދެމިހުންނަވާ ސަބަބު

ސިޔާސީގޮތުން ބައިބައިވެ ސިޔާސީ ފިކުރުތަކުން ރޮނގުއެޅިފައިވާ ތަނެއްގައި ކިތަންމެ ހެޔޮ ވާހަކައެއް މީހަކު ދެއްކިޔަސް އެކި މީހުންނަށް މޭރުންވާނީ އެކި މާނަތަކެވެ. ފިކުރު ދިމާވަންޏާ އެއީ މޮޅުވާހަކައެކެވެ. ތެދެވެ. ދިމާނުވަންޏާ އެއީ ދޮގެވެ. އޮޅުވާލުމެވެ. ދިވެހިން ތިބީ މިއަދު އެހިސާބުގައެވެ. އެހެންވީމާ އެންމެންނަށް ގަބޫލުކުރެވޭ ވާހަކައެއް އެކަކަށްވެސް ނުދެއްކެއެވެ. ނުވެސް ދެއްކޭނެއެވެ. އިލްމުވެރިޔަކަސް ތަޖުރިބާކާރަކަސް އަދި އެހެން މީހަކަސް ލައްވާލަނީ އެއްތަނެއްގައެވެ.
ދާދިފަހުން ބޭއްވުނު ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅުގެ ނަތީޖާތަކާމެދު ދެއްކެވި ވާހަކަފުޅުވެސް ދިޔައީ މިމަގުންނެވެ. އެއްބަޔަކަށް ގަބޫލު ކުރެވުނެވެ. އަނެއް ބަޔަކަށް ނުކުރެވުނެވެ. މިއީ ސިޔާސީ ފިކުރުން ސްކޭން ކުރެވޭތީ ދިމާވާ ގޮތެކެވެ. އެއްވެސް ކުލައެއް ބޭނުން ނުކޮށް ބުއްދީގެ ތިލަފަތުން ކިރުމުގެ ސިފަ ނެތީމާ ދިމާވާގޮތެކެވެ. މާނަ އޮޅުންއަރާކަށް ރޮކެޓް ސައިންސްގެ ވާހަކަ ދެއްކެވީއެއް ނޫނެވެ. ދެއްކެވީ ތަޖުރިބާތަކުގެ ވާހަކައެވެ. އެންމެންގެ ކުރިމަތީގައި ހިނގައިގޮސްފައިވާ އަދި ހިނގަމުންދާ ކަންކަމުގެ ވާހަކައެވެ.
ގާސިމް ދެއްކެވި ވާހަކަފުޅުގެ ޚުލާސާއަކީ މިއެވެ. އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅުތަކަކީ ގައުމާއި ރައްޔިތުންގެ ހެވަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކެކެވެ. މި މަސައްކަތްޕުޅުތަކާ ގުޅިގެން އަދާކުރައްވަންޖެހޭ އަގު ވަރަށް ބޮޑެވެ. ލިބިވަޑައިގަންނަވާ ދެރަޔާއި ހިތާމަތައް ގިނަގުނައެވެ. ކޮންމެ ދައުރެއްގައިވެސް އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ކުރިމަތިވަނީ ގެއްލުމެވެ. އެކަމަކު ދޫނުކުރައްވައި ސިޔާސީ މަސައްކަތްޕުޅުތައް ކުރިޔަށް ގެންދަވަނީ ގައުމުގެ ކަންކަން އިސްލާހުކޮށް ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދެވޭނެ ކަމުގެ އުންމީދުގައެވެ. ފަހަތަށް ޖެހިވަޑައިނުގެން ސާބިތުވެ ހުންނެވުމަށް ލިބިވަޑައިގަންނަވާ ހިތްވަރަކީ ގައުމީ ހިތްވަރެވެ.
ޑިމޮކްރަސީއާ ދިމާލަށް ގައުމު ކުރި ދަތުރު ބައްޓަން ކުރުމުގައި ގާސިމް އިބްރާހިމްގެ ދައުރު އެންމެންނަށްވެސް ވަރަށް ސާފެވެ. އެކަމުގެ ނަތީޖާއަކީ ކޮބައިތޯއެވެ. ހައްޔަރު ކުރެވުނެވެ. ޖަލުގޮޅި ތަޖުރިބާކުރައްވަން ޖެހިވަޑައިގަތެވެ. އެއީ ރައީސް މައުމޫނުގެ ދައުރެވެ. ކުރިމަތި ކުރެވުނު ފިއްތުންތަކާއި ބިރަށް ފަރުވާލެއް ނުބަހައްޓަވައި ދެންވެސް ދެމިހުންނެވީ އިސްލާހީ މަސައްކަތުގައެވެ. އާ ގާނޫނުއަސާސީއެއް ފައިދާވެ ދިވެހީން ތަޖުރިބާކުރަމުން މިދާ ޑިމޮކްރަސީއާއި ސިޔާސީ ނިޒާމު ހަގީގަތަކަށްވެގެން އުފަންވެގެން އައީ އެ މަސައްކަތުގެ ތެރެއިންނެވެ. މިއީ ދޮގެއް ބާވައެވެ؟ ނޫނެކެވެ. މިއީ އެންމެންގެ ކުރިމަތިން ހަމަ ފާޅުގައި ތަމްސީލު ވެގެންދިޔަ މަންޒަރުތަކެވެ.
ދިވެހިރާއްޖޭގައި ބޭއްވުނު މިނިވަން އިންސާފުވެރި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި 2008 ގައި ވެރިކަމަށް ވަޑައިގަތީ މުހައްމަދު ނަޝީދެވެ. އެކަން ހަގީގަތަކަށް ވުމުގައި ގާސިމް އަދާކުރެއްވި ރޯލް އެންމެންނަށްވެސް އެނގެއެވެ. އެކަމަކު ދެންވީ ވަރަށް ދެރަގޮތެކެވެ. ގާސިމް އިބްރާހިމް ހައްޔަރު ކުރެވުނީއެވެ. އެމަނިކުފާނުގެ ވިޔަފާރިތަކަށް ދަތިކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އެޅީއެވެ. މިއީ ދޮގެއް ބާވައެވެ. ނޫނެކެވެ. މިއީވެސް ހަގީގަތެވެ. ބަލަން ތިއްބައި އެންމެންގެ ކުރިމަތީގައި ތަމްސީލު ވެގެންދިޔަ މަންޒަރުތަކެވެ. ހަނދާނުން ކެހިގެންދާވަރަށް ދުވަސްވީ ކަންކަމެއްވެސް ނޫނެވެ.
ތަފާތު ފިކުރަކަށް ޖާގަދިނުމުގެ ގޮތުން ދެހާސްތޭރައިގައި ރައްޔިތުން ޔާމީނު އަބްދުލްގައްޔޫމު ހޮވައިފިއެވެ. ޔާމީނުގެ ރިޔާސީ ދައުރު ފެށުނީ ގާސިމް އިބްރާހީމްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައެވެ. އެކަމަކު ޔާމީނުގެ ދައުރު ވެގެންދިޔައީ ގާސިމަށް ހުރިހާ ގޮތަކުންވެސް އެންމެ ގެއްލުމާއި ހަލާކު ކުރިމަތިވި ދައުރު ކަމުގައެވެ. އެމަނިކުފާނުގެ ވިޔަފާރިތައް ފުނޑައިލުމަށްޓަކައި ސަރުކާރުން ކޮށްފައި ނުކުރާކަށް ވަކި ކަމެއް ނެތެވެ. ހައްޔަރުކޮށް ޖަލަށްލިއެވެ. ޝަރީއަތްކޮށް ހުކުމް އިއްވިއެވެ. ގައުމުން ފައްސައި ބޭރުވެސް ކޮށްލިއެވެ. އެމަނިކުފާނުގެ ދަރިކަލުންވެސް ހައްޔަރުކޮށް ޝަރީއަތަކާ ނުލައި ވަރަށް ގިނަ ދުވަހު ޖަލުގައި ބޭއްވިއެވެ. މިއީވެސް ދޮގު ބާވައެވެ. ނޫނެކެވެ. މިއީވެސް ހަގީގަތެވެ. މަންޒަރު އެންމެންނަށްވެސް ފެނުނެވެ. ދޮގެކޭ ބުނަން ފުރުސަތެއް ނެތެވެ.
ދެން އޮތީ ގާސިމް އިބްރާހިމްގެ ވާހަކަފުޅުގެ ދެވަނަ ބައެވެ. މިހުރިހާ ގެއްލުންތައް ކުރިމަތިވާއިރުވެސް ސިޔާސީ މައިދާން ދޫކުރައްވައި ވަޑައިނުގެން އެހުންނަވާ ސަބަބެވެ. ގާސިމް އިބްރާހީމަކީ ވިޔަފާރިވެރިއެކެވެ. އަމިއްލަ ހިއްމަތާއި މިންނަތުން ވިޔަފާރިއެއް ފައްޓަވައި ފުޅާކުރައްވައި މިހިސާބަށް ގެންނެވިއެވެ. ސިޔާސީ މަސައްކަތްތަކާ ދުރުގައި ހުންނަވައިގެން ހަމައެކަނި ވިޔަފާރިއަށް ވަގުތު ހޭދަކުރައްވާނަމަ އެ ވިޔަފާރި އޮންނާނެ ހިސާބު އޮތީ ހީކޮށްލުމެވެ. ވިޔަފާރިއަށް އެޅޭ ހުރަހަކީ ގާސިމްގެ ސިޔާސީ މަސައްކަތްޕުޅުތަކެވެ. އެބައި ދޫކޮށްލެއްވީމާ ހުރަސްތައް ނެތިގެންދާނެއެވެ. މިއީ ހަގީގަތެކެވެ. ގާސިމަކީ ވިޔަފާރީގެ ނަފާޔަށް އެކަނި ވިސްނަވާ ބޭފުޅެއްނަމަ ފައިދާ ބޮޑުގޮތަކީވެސް އެއީއެވެ. އެކަމަކު އެގޮތް އިޚުތިޔާރު ނުކުރައްވައި ދެމިހުންނެވީ ސިޔާސީ މައިދާނުގައެވެ. މިކަން މިހެން އޮތުމުން އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅުތަކަކީ ގައުމާއި ރައްޔިތުންގެ ހެވަށްޓަކައި ކުރައްވާ ކަމެކޭ ވިދާޅުވީމާ ދޮގުކުރެވޭނެ ބާވައެވެ. އަޅުގަޑު ހިތުން އެފުރުސަތެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ