ގ. ޝޭޑީ ގްރައުންޑުގައި އެންމެ ބޮޑު އަންހެން ކުއްޖާއަށް އުޅެވޭނެ ގޮތް ހެދުމަށް އަމުރުކޮށް ކޯޓުން ހުކުމްކޮށްފި

ގ. ޝޭޑީ ގްރައުންޑުގެ ވެރިފަރާތުން އޭނާގެ އެންމެ ބޮޑު އަންހެން ދަރިފުޅަށް އެ ގޭގައި ދިރިއުޅެވޭނެ ގޮތް ހެދުމަށް އަމުރުކޮށް މަދަނީ ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި މުހައްމަދު ރަޝީދާ ދެކޮޅަށް ދައުވާކޮށްފައި ވަނީ ފާތުމަތު ނިއުޝާ އެވެ. ކޯޓުން ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ނިއުޝާއަކީ މިވަގުތު މީހަކާ އިނދެގެން އުޅޭ ކުއްޖަކަށް ނުވާތީ އޭނާ ބެލެހެއްޓުމަކީ ރަޝީދުގެ ޝަރުއީ ޒިންމާއެއް ކަމަށެވެ.
އެ ހުކުމުގައި ބުނެފައި ވަނީ ނިއުޝާ ދިރިއުޅުމަށް ޝަރީއަތަށް ގަބޫލު ކުރެވޭނެ ފަދަ ތަނެއް ޝޭޑީ ގްރައުންޑް ފިޔަވައި ރަޝީދަށް ހަމަޖައްސާފައި ނުވާ ކަމަށެވެ.
"ޝޭޑީ ގްރައުންޑެވެ، ކިޔާ 761 އަކަފޫޓުގެ ގޯތީގައި ދިރިއުޅެވޭނެ ގޮތް ހަމަޖެހުމުގެ ހައްގު ފާތުމަތު ނިއުޝާ އަށް ލިބިގެންވާ ކަމަށްޓަކައި، މިއަދު 05 ނޮވެމްބަރު 2009 ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ގ. ޝޭޑީ ގްރައުންޑެވެ، ކިޔާ ގޯތީގައި ފާތުމަތު ނިއުޝާއަށް ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަށް ގ. ޝޭޑީ ގްރައުންޑް މުހައްމަދު ރަޝީދަށް އަންގަން،" އެ ހުކުމުގައިވެ އެވެ.
ރަޝީދުގެ ދަރިންގެ ތެރެއިން އިބްރާހިމް މުހައްމަދާއި އައިޝަތު ހަނާ އާއި ފާތިމަތު ނިއުޝާ އާއި އަހްމަދު ނައުޝާދު މީގެ ކުރިން ވަނީ، ގޯތިން އެ މީހުންނަށް ހައްގުވާ ކަމަށް ބުނާ ބައި ހޯދުމަށް މުޒާހަރާއެއް ވެސް ކޮށްފަ އެވެ. އަދި އެ ކުދިންގެ ތެރެއިން ބައެއް ކުދިން ޝޭޑީ ގްރައުންޑުގައި ދިރިއުޅެން ފެށުމުން އެ މީހުން އެ ގޯތިން ނެރެފައި ވަނީ ފުލުހުން ގޮހެވެ. އޭރު ރަޝީދު ވަނީ އެ ގޯތި ވިއްކާލައިފަ އެވެ.
ފަހުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން ހުކުމްކޮށްފައި ވަނީ ގޯތި ވިއްކުމަށްޓަކައި ކޮށްފައިވާ ވިޔަފާރީގެ އަގުދު ބާތިލް ކަމަށެވެ. އަދި ގޯތި ވިއްކުމަށްޓަކައި ޝަރީއަތަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވެސް ހައި ކޯޓުން ބުނެފައިވެ އެވެ. އެ މައްސަލައިގައި ރަޝީދުގެ މައްޗަށް ދޮގު ހެކި ދިނުމުގެ ދައުވާ ކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ