މުޅި މާލެ އިން މިއަދު ހެނދުނު ކަރަންޓް ކަނޑައިގެން ދިޔައީ ކަރަންޓް ދޭ އެންމެ ބޮޑު ދެ ޖަނަރޭޓަރު ފެއިލްވެގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
އެ ކުންފުނީގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ޑރ. ޒައިދު މުހައްމަދު ވިދާޅުވީ ހެނދުނު 35: 7 ހާއިރު ކަރަންޓް ކަނޑައިގެން ދިޔައީ އެންމެ ބޮޑު އެއް ޖަނަރޭޓަރު ފައިލްވެގެން ކަމަށެވެ. އަދި އެ ޖަނަރޭޓަރު ފެއިލްވެގެން މާލޭގެ ދެ ބައިކުޅަ އެއްބައިން ކަރަންޓް ކަނޑާލަފައި ވަނިކޮށް ދެ ވަނަ ޖަނަރޭޓަރުގެ ތެޔޮ ހޮޅިއެއް ނައްޓައިގެން ގޮސް އިންޖީނު ރޫމަށް ތެޔޮ ބުރައިގެން ދިއުމުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެތީ ހުރިހާ ޖަނަރޭޓަރުތައް ވެސް ވަގުތުން ނިއްވާލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މައްސަލަ އަޅުގަނޑުމެން ލަފާކުރި ވަގުތަށް ވުރެ އަވަހަށް ހައްލުކުރެވި ކަރަންޓް ދޭން ފެށުނު. އެގޮތުން މުޅި މާލެ އަށް އަލުން ކަރަންޓް ދޫކޮށް ނިމުނީ 55: 9 ހާއިރު،" ޑރ. ޒައިދު ވިދާޅުވި އެވެ.
ޑރ. ޒައިދު ވިދާޅުވީ މިއަދު ދިމާވި މައްސަލަ މިހާރު މުޅިން ހައްލުވެފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އެފަދަ މައްސަލައެއް ހިނގާފާނެތީ އެކަމަށް ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ނުދަންނަވާނަން ކުރިޔަށް އޮތް ތަނުގައި ވެސް މިފަދަ ކަމެއް ނުހިނގާނެ ކަމަށް. މާލޭގެ ކަރަންޓްގެ ކެޕޭސިޓީ ހުރި ގޮތުން އިންޖީނެއް މަރާމާތުކުރުމަކީ ވެސް ވަރަށް ދަތިކަމެއް،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ އިންޖިނިއަރު އިބްރާހިމް ރައޫފް ވިދާޅުވީ ސްޓެލްކޯގެ އިންޖީނެއް މަރާމާތުކުރަން ފުރަސަތު ލިބެނީ ހަމައެކަނި ބަންދު ދުވަސްތަކުގައި ކަމަށެވެ.
"އެ މަސައްކަތްތައް ކުރެވޭކަށް ނޯވޭ އިންޖީނުތައް ނިއްވާނުލައި. އެހެން ކަމުން ބޭނުންވާ މިންވަރަށް ގިނަ ފަހަރަށް އިންޖީނު މަރާމާތެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އަޒުވަރު ވިދާޅުވީ ސްޓެލްކޯގެ އިންޖީނުތަކަށް މައްސަލަތައް ދިމާވާ އެންމެ ބޮޑު ސަބަބަކީ މާލެ އަށް ކަރަންޓް ދެވޭ ވަރަށް ކެޕޭސިޓީ ނެތުން ކަމަށެވެ.
"މިކަމުގެ އެންމެ ބޮޑު ސަބަބަކީ މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އިންތިހާ އަށް އިތުރުވުން. މި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން ވާނީ ޖާގަ އިތުރުކުރުމަށް 2005 ވަނަ އަހަރުން ފެށިގެން މަސައްކަތް ފަށާފައި. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ ޕްރޮޖެކްޓް ފެށުން ލަސްވެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ ޑިރެކްޓަރު މުހައްމަދު ލަތީފު ވިދާޅުވީ ފޯތު ޕަވާ ޕްރޮޖެކްޓް ފެށުން ލަސްވެފައި ވަނީ ފައިސާގެ ދަތިކަމާއި ޕްރޮޖެކްޓްގެ ޑިޒައިނަށް އެކި ފަހަރު މަތިން ބަދަލު ގެންނަންޖެހުމުގެ ސަބަބުން ކަމަށެވެ.
"ތިން ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓް ޓެންޑާކުރެވުނު. ފުރަތަމަ ނިންމާފައި އޮތީ އަށް މެގަވޮޓްގެ ތިން ޖަނަރޭޓަރު ގެންނަން. ނަމަވެސް ފަހުން ނިންމީ 12 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެންނަން. އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ޑެނީޑާ ފަންޑުން މިހާރު ވަނީ ދޭން އެއްބަސްވެފައި. އެ ގޮތުން 24 މިލިއަން ޔޫރޯ ދިނުމަށް އެ ފަންޑުން އެއްބަސްވެފައިވޭ،" އޭނާ ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ ފޯތު ޕަވާ ޕްރޮޖެކްޓްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މި މަހުގެ ފަހުކޮޅު ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތް ނިމުމުން މިހާރު ދިމާވެފައިވާ މައްސަލަ ވަރަށް ބޮޑަށް ހައްލުވެގެންދާނެ. އެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނީގައި މިހާރު ހުރި 15 ޖަނަރޭޓަރުން އުފެއްދެނީ 32.9 މެގަވޮޓްގެ ކަރަންޓެވެ. މިއީ މާލެ އަށް ކިރިޔާ ފުދޭ މިންވަރުކަމަށް އެ ކުންފުނިން ބުންޏެވެ.
މާލެ އަށް ކަރަންޓް ދޭ އެންމެ ބޮޑު ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ވެސް މާލޭގެ ބޮޑު ބަޔަކުން ދެ ގަޑި އިރަށްވުރެ ގިނައިރު ކަރަންޓް ކަނޑައިގެން ގޮސްފައިވެ އެވެ.
މިއަދު މުޅި މާލެ އިން ކަރަންޓް ކެނޑުން: ކަރަންޓް ކެނޑުނީ އެންމެ ބޮޑު ދެ ޖަނަރޭޓަރު ފެއިލްވެގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ