މަސްވެރިންނަށް ބިލިއަނެއްހާ ރުފިޔާ ދޫކޮށްފި

މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް ބިލިއަނެއްހާ ރުފިޔާ ދައްކާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ބެކްލޮގް ބޮޑުވަމުންދާ މައްސަލަ ބޮޑުވެފައިވާއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ވެސް މަސްވެރިންނަށް ދައްކަން ޖެހޭ 250 މިލިއަން ރުފިޔާ އޮތެވެ. ސަރުކާރުން ހަވާލުވީއްސުރެއް އެ ފައިސާތައް ދައްކަމުން އަންނަ އިރު، މިހާތަނަށް ވަނީ ޖުމްލަ 998 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކާފަ އެވެ. އެއީ ގާތްގަނޑަކަށް 44.3 މެޓްރިކްޓަނުގެ މަހަށް ވީ ފައިސާ އެވެ.
މީގެ ތެރެއިން އެންމެ ބޮޑު އަދަދެއްގެ ފައިސާ މިފްކޯއިން ދޫކޮށްފައި ވަނީ މިދިޔަ މާޗު މަހުގަ އެވެ، މާޗު މަހާ ހަމައަށް މިފްކޯއިން މަސްވެރިންނަށް ޖުމްލަ 277 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ. އެއާއި އެކު މިފްކޯއިން ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މާޗު މަހާ ހަމައަށް އޮތް ބެކްލޮގް ކްލިއަރކޮށް، މަސްވެރިންނަށް ހުރިހާ ފައިސާއެއް ދޫކޮށްފަ އެވެ.
އޭގެ ފަހުން ކޮންމެ މަހަކު ވެސް މަސްވެރިންނަށް ފައިސާ ދައްކަމުން އައި ނަމަވެސް، ފައިސާ ނުދެވި ފަސްވެފައި ވަނީ ޖޫން މަހުގަ އެވެ. އެކަމުގައި މަސްވެރިން ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާ ވެސް ކޮށްފައިވާއިރު، މިފްކޯއިން ވަނީ މި މަހުގެ 1 ވަނަ ދުވަހު މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާފަ އެވެ. 9 މޭއިން 27 ޖޫންގެ ނިޔަލަށް ކިރި 3،296 މެޓްރިކް ޓަނުގެ ފައިސާ ނުދެއްކި ހުރި އިރު އޭގެ ތެރެއިން 65 މިލިއަން ރުފިޔާ މިހާރު ވަނީ ދައްކާފަ އެވެ. ބާކީ މަސްވެރިންނަށް ނުދެއްކި މިހާރު ހުރީ 152،324ރ އެކަންޏެވެ.
މިފްކޯއިން ބުނާ ގޮތުގައި އެ ކުންފުނިން މަސްވެރިންނަށް ފައިސާ ދެއްކުމުގައި ދަތިތައް ދިމާވަނީ، މަސްވެރިން އަތުން ނުއަގުގައި މަސް ގަތުމާއި، ކުންފުންޏަށް އެއްވެސް ފައިދާއެއް ނުވެ ދަރަނީގައި ހިންގަމުން އަންނާތީ އެވެ. އެގޮތުން ކޮންމެ ކުއާޓަރއެއްގައި އެ ކުންފުންޏަށް 1.6 ބިލިއަނުގެ ގެއްލުން ވާކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
މިދިޔަ ސަރުކާރުގެ ފަހު މަހެއްހާ ދުވަސް ބާކީ އޮއްވާ މަހުގެ އަގު 25ރ އަށް ބޮޑު ކުރި ފަހުން މިފްކޯ އަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި އެކަނި 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކޮންމެ އަހަރަކު ޚަރަދު ކުރެ އެވެ.
އެހެންވެ އެކަން ހައްލުކޮށް މަސްވެރިން އަތުން ދެކޮޅު ޖެހޭ އަގެއްގައި މަސް ގަތުމަށް ދާދި ފަހުން ސަރުކާރުން ވަނީ މަހުގެ އަގު 14ރ އާއި 16ރ އާ ދެމެދުގެ އަގަކަށް ކުޑަކޮށްފަ އެވެ. ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މަސްވެރިން މިފްކޯ އަށް މަސް ކިރުވާފާތ ގިނަވެގެން ދެ ހަފްތާ ތެރޭގައި މަސްވެރިންގެ ފައިސާ ދޫކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ