ހުޅުމާލެ ތިނެއް ހިއްކުމުގެ މަސައްކަތް 4 މަހުން ނިންމާލެވޭނެ: ރައީސް

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްއޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ، މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއު ބައްލަވާލައްވައި މީޑިއާތަކާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 63 ހެކްޓަރ ބިން ހިއްކާނެއެވެ.
ރައީސް ވިދާޅުވީ، އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ، ގުޅީފަޅުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ ވަރަށްވުރެ 3 މަސްދުވަސް އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިން ހިއްކުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ބާރު ދުވެލީގައި ކުރިއަށް ދާކަމުގައި ފާހަގަކުރައްވައި، ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާރު ބިން ހިއްކުމަށް ނިންމާފައިވާ "ފުލް ސްކޯޕް"ގައި ގިނަވެގެން 4 މަސް ތެރޭގައި ނިމޭނެ،"
ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އިތުރު ޑުރެޖަރެއް ގެނެސް، މިހާރު އެތަނުގައި މަސައްކަތްކުރަމުންދަނީ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.
އިއްޔެ އެޗްޑީސީއިން ބުނީ، އަލަށް ގެނައި ޑްރެޖަރަކީ ކުރީގެ ޑްރެޖަރަށްވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރަށް ވެލި އުފުލޭ ޑްރެޖަރެއް ކަމަށެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ މަރުހަލާގެ 10 ހެކްޓަރުގެ މަސައްކަތް ނިންމުމަށް ފަހު ދެވަނަ މަރުހަލާ ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ