ބޮޑު ވައުދުފުޅު؛ އިންޑިއާގެ ހުރިހާ ސިފައިން ބާލައިފި

އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން ރާއްޖޭގައި ގާއިމުވެ ތިބި އެ ގައުމުގެ ހުރިހާ ސިފައިން ރާއްޖޭ އިން ފައިބައިފި އެވެ.އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މާޗު މަހުގެ ކުރީކޮޅެވެ. ދެ ވަނަ ބެޗު ދިޔައީ މިދިޔަ މަހު އެވެ. އެއީ 51 ސިފައިންނެވެ. ބާކީ ތިބި ހުރިހާ ސިފައިން މިއަދު ވަނީ ގެންގޮސްފަ އެވެ.އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ރާއްޖޭގައި އެންމެ ފަހުން ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް އަނބުރާ އެ ގައުމަށް ގެންގޮސްފައިވާ ކަމަށެވެ.ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވާ -- އެންމެ ހަރުއަޑުން ވެވަޑައިގެންނެވި ވައުދުފުޅެވެ. އެންމެ މުހިންމު / އެންމެ ބޮޑު ވައުދުފުޅެވެ. އެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ