ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ދުރުކުރުމަށް ކޯޓު އަމުރަކަށް އެދިއްޖެ

ޕީޕީއެމްގެ ރައީސް ކަމުން މައުމޫން އަބްދުލް ގައްޔޫމް ދުރުކުރުމަށް ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރަކު ސިވިލް ކޯޓަށް މައްސަލަ ވައްދައިފިއެވެ. ސިވިލް ކޯޓުން ބުނީ އެ މައްސަލަ އެ ކޯޓަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދ ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ކަމަށެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ޕާޓީގެ ރައީސްކަމުން މައުމޫން އެކަހެރިކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ އެއްގޮތަށް ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެފަރާތަކާ ޕާޓީގެ ހިންގުން ހަވާލުކޮށްދިނުން އެޕާޓީގެ ކައުންސިލްގެ މައްޗަށް ލާޒިމްކުރާ އަމުރެއް ނެރެދިނުމަށެވެ. ޕީޕީއެމް އަކީ ސިޔާސީ އެއްވެސް ހަރަކާތެއް ނެތި ވަކި ފަރުދަކު ބޭނުންވާގޮތަށް ޑިއު ޕްރޮސަސްއާ ޚިލާފަށް ހިންގަމުން އަންނަ ޕާޓީއަކަށް ވިޔަނުދިނުދީ އަދި ގާނޫނީ ހުސްކަމެއްގެ ތެރެއަށް ޕާޓީ ވެއްޓިގެންދިޔަ ނުދިނުން ކަށަވަރުކުރުމަށާއި، ރާއްޖެއަކީ ފުދުންތެރި ގައުމަކަށް ހެދުމަށްޓަކައި ރާއްޖެއަށް ގެންނަންޖެހޭ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސޯދީ އިސްލާހުގެ މަސައްކަތުގައި ޕީޕީއެމްގެ އިސް ދައުރެއް އޮތުން ކަށަވަރުކުރުމަށްޓަކައި، ޕާޓީގެ ރައީސްކަމުން އެމަނިކުފާނު އެކަހެރިކޮށް ޕާޓީގެ ހިންގުން ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ އެއްގޮތަށް ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެފަރާތަކާ ޕާޓީގެ ހިންގުން ހަވާލުކޮށްދިނުން އެޕާޓީގެ ކައުންސިލްގެ މައްޗަށް ލާޒިމްކުރާ އަމުރެއް ލިބިދެއްވުންއެދެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވެއެވެ. އެފަދަ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައިވާއިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ދާދިފަހުން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ދުރުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ދުރުކޮށްދިނުމުގެ އަމުރަކަށް އެދި މައްސަލަ ހުށަހެޅުއްވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް (ކ) އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު --- ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޕީޕީއެމްގެ ރައީސަކީ އެޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް، ޕާޓީގެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ޕާޓީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. ނަމަވެސް އެ ދެ ގަވާއިދާ ޚިލާފަށް ޕާޓީގެ ގުނަވަންތައް ސަސްޕެންޑުކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މައުމޫން ހުއްޓުވާފައިވާ ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ. ޕީޕީއެމްގެ ރައީސްގެ ހުއްދަނެތި ޕާޓީގެ ކައުންސިލްގެ އެއްވެސް ކޮމެޓީއެއްގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށާއި ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވުމަށް މައުމޫން އެންގެވި އެންގެވުމަށް އަމަލު ކުރުން ވަގުތީގޮތުން ހުއްޓާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރަށް ތަބާނުވެ، އެ އަމުރަށް އެމަނިކުފާނު ގޮންޖައްސަވާފައިވާ ކަމަށް ވެސް އެ މައްސަލާގައި ވެއެވެ. ހަމައެހެންމެ ސިޔާސީ ޕާޓީތަކުގެ ގާނޫނަށާއި ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ވެސް ގޮންޖައްސަވަމުން މައުމޫން ޕާޓީގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލާފައިވާ ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ. މައްސަލަ ހުށަހެޅުއްވި ބޭފުޅުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާއެވެ. ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ދުރުކޮށްދިނުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލާގައި މައުމޫނާ ދެކޮޅަށް ވަކާލާތު ކުރައްވާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހުގެ 3:30 އަށް ސިވިލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. އަދި މާދަމާ ދުވަހު ކޯޓަށް ހާޒިރުވާން ވަނީ ޕީޕީއެމަށް ޗިޓް ފޮނުވައިފައެވެ. ކޯޓަށް ހާޒިރުވާ ފަރާތަކީ ޕީޕީއެމްގެ ފަރާތުން ހާޒިރުވާ ފަރާތެއްކަން އަންގައިދޭ، ޕާޓީގެ ހިންގާ ގަވާއިދާއި އެއްގޮތަށް ފާސްކޮށްފައިވާ ގަރާރެއް ބުރާސްފަތި ދުވަހު ޕީޕީއެމްގެ ފަރާތުން ކޯޓަށް ހާޒިރުވާ ބޭފުޅަކު ގެންދިޔުމަށް އެ ޗިޓް ގައި ވަނީ އަންގައިފައެވެ. ޕީޕީއެމްގެ ފަރާތުން މީހަކު ކޯޓަށް ހާޒިރުނުވެއްޖެނަމަ އެ ޕާޓީގެ ޣައިރު ހާޒިރުގައި މައްސަލަ ހިންގައި ނިންމާނެކަން ވެސް އެ ޗިޓުން ވަނީ އަންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ