ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމާ ގުޅޭ ސަރަހައްދީ މަޝްވަރާތަކެއް ޕާކިސްތާނުން ބާއްވައިފި

އީރާނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ތުރުކީ، މިސްރު އަދި ސައުދީ އަރަބިއްޔާއާ އެކު ޕާކިސްތާނުން މިއަދު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި އެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، މުދާ އުފުލާ އުޅަނދުފަހަރަށް ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ހުށަހެޅިފައިވާ ކަންކަމާ ގުޅޭ ގޮތުންނެވެ.
ހަބަރު ލިބޭ ގޮތުގައި، މިހާރު ދިރާސާކުރެވެމުންދާ ރޭވުންތަކުގެ ތެރޭގައި ފީއެއް ނަގައިގެން އުޅަނދުފަހަރު ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި ހަނގުރާމައިގެ ސަބަބުން ބަންދުކޮށްފައިވާ މި މުހިންމު ކަނޑުގެ ސަރަހައްދުން ތެޔޮ ބޭރުކުރުމުގެ ކަންކަން ބެލެހެއްޓުމަށް ކޮންސޯޓިއަމްއެއް ނުވަތަ އިއްތިހާދެއް އުފެއްދުން ހިމެނެ އެވެ.
ތުރުކީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކަނޑުގެ މަގުން ދަތުރުފަތުރުކުރުމުގެ ފުރުސަތު ހުޅުވާލުމަކީ ސުލްހައިގެ މަސައްކަތްތަކަށް ލިބޭނެ ބޮޑު ބާރެކެވެ.
"އުޅަނދުފަހަރަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ، ދެ ފަރާތުގެ މެދުގައި އިތުބާރު ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
މި މަޝްވަރާތައް ފަށާފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގަ އެވެ. އަދި އެމެރިކާއިން އެއްގަމު މަގުން ދީފާނެ ހަމަލާއަކަށް އީރާނުން އިންޒާރު ދެމުންދާއިރު، ޕާކިސްތާނުން ދަނީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ ދިދަ ޖަހާފައިވާ އިތުރު 20 އުޅަނދަކަށް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ދިނުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެ އެވެ. މިއީ ދަތުރުފަތުރަށް ހުރަސް އެޅިފައިވާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ