އާންމު ސިއްހަތުގެ ނިޒާމުގެ ޕޮލިސީތަކުގެ އަމާޒަކީ ރައްޔިތުންގެ ފުރާނަ
ސަލާމަތް ކުރުން ކަމުގައިވާ ނަމަ، އެ ޕޮލިސީތަކުގެ ކާމިޔާބީ ވަޒަންކުރާނީ ނެރެވޭ
ނަތީޖާއިންނެވެ. ހަދާ ގަވައިދުތަކުގެ އަދަދަކުން ނޫނެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭ ދުންފަތާ ދެކޮޅަށް ރާއްޖެއިން ވަނީ
ވަރުގަދަ ފިޔަވަޅުތަކެއް އަޅާ ގާނޫނުތަކާއި ގަވައިދުތައް ހަރުކަށިކޮށްފަ އެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިޔުޓީ ބޮޑުކޮށް ވޭޕް މަނާކޮށްފަ އެވެ. އެގޮތުން، 2007 އިން
ފެށިގެން ފަހުގެ އަހަރުތަކުގައި އުފަންވާ މީހުންނަށް ދުންފަތް މަނާކޮށްފަ އެވެ.
ދުންފަތް މަނާކޮށް ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.
ނަމަވެސް މި މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެނެއޭ ބުނެވޭކަށް ނެތެވެ.
ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކުރާ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ކަސްޓަމްސް
އިން އަތުލައިގަންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މި ބާވަތްތަކުގެ
ވިޔަފާރި ފުޅާ ދާއިރާއެއްގައި ސޯޝަލް މީޑިއާގައި ވެސް ކުރަމުން އަންނައިރު
ހަގީގަތުގައި ދުންފަތާ ދެކޮޅަށް ކުރަންޖެހެނީ ހީކުރާ ވަރަށް ވުރެ އުނދަގޫ އަދި ބުރަ
މަސައްކަތެކެވެ.
މީގެ ކުރިން ދުންފަތާ ދެކޮޅަށް މިހާ ހަރުކަށި ފިޔަވަޅެއް ސަރުކާރުތަކުން
އަޅާފައެއް ނުވެ އެވެ. މި ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް ދުންފަތުގެ ބާވަތްތަކުގެ
ކަޅު ބާޒާރު ފުޅާވެ، މަނާކޮށްފައިވާ ބާބަތްތައް ފަސޭހަކަމާ އެކު ކަޅުބާޒާރުން
ލިބެން އެބަހުއްޓެވެ. މިއާ އެކު، އުފެދޭ ސުވާލަކީ ދުންފަތް މަނާކޮށް، ދުންފަތާ
ދެކޮޅަށް އަޅާ ފިޔަވަޅުތަކުން ނެރެން ބޭނުންވާ ނަތީޖާ ހާސިލްކުރެވޭ ހެއްޔެވެ؟ މިއީ
އުނދަގޫ ސުވާލެއް ނަމަވެސް މި ފިޔަވަޅުތަކުގެ ހަގީގީ ބޭނުމަކީ ދުންފަތުން ލިބޭ
ގެއްލުމުން ރައްޔިތުންގެ ސިއްހަތު ސަލާމަތްކުރުންތޯ ސުވާލު ކުރަންޖެހެ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ސުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގައި
އަހަރެއްގެ މައްޗަށް ރާއްޖޭގައި 150 އާއި 200އާ ދެމެދުގެ އަދަދަކަށް މީހުން
މަރުވެ އެވެ. މިއީ ހަމައެކަނި ތަފާސްހިސާބުގެ ނަންބަރެއް ނޫނެވެ. މިއިން ކޮންމެ
މީހަކީ ވެސް އަހަރެމެންގެ ކޮންމެވެސް މީހެއްގެ އާއިލާގެ މެންބަރެކެވެ. އެކުގައި
މަސައްކަތް ކުރާ ކޮލީގެއް ނޫނީ ރައްޓެއްސެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ
މީހުންނަށް ދޭން ޖެހޭ މެސެޖަކީ ސިއްހަތަށް ގެއްލުން ހުރި އެ އަމަލު މުޅިން
ހުއްޓާލާށޭ އެވެ. އެހެން ނޫން ނަމަ އޭގެ ހިއްޗާ ކުރިމަތިލާން ޖެހޭނެ އެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރާ 'ކުއިޓް އޯ ޑައި'
އެޕްރޯޗުގެ ސަބަބުން ބައެއް މީހުން އެ އަމަލާ ދުރަށް ދިޔަ ނަމަވެސް ރާއްޖޭގައި
ހާއްސަކޮށް ފިރިހެނުންގެ މެދުގައި މިއީ އެންމެ ރަނގަޅު ނަތީޖާއެއް ނުކުންނަ
އެޕްރޯޗެއް ނޫނެވެ. ދުންފަތާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް
އެ އަމަލާ ދުރަށް ނުދެވޭ އެތައް ބައިވަރު މީހުން އެބަތިއްބެވެ. ގާނޫނަކުން ވޭޕް
މަނާކުރި އިރު ވޭޕް ބޭނުންކުރާ އެތައް ބަޔަކު ރާއްޖޭގެ މުޖުތަމައުގައި މިހާރު ވެސް
އެބައުޅެ އެވެ.
ދުންފަތާ ދެކޮޅަށް އަވައްޓެރި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ
އިން އެނގެނީ އަހަރެމެންގެ އަތުން ބީވެގެން ދަނީ މުހިއްމު ފުރުސަތެއް ކަމެވެ.
މެލޭޝިއާގައި ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާތަކުގެ މައްޗަށް
މިފަހުން އާންމުކޮށްފައިވާ ރިޕޯޓަކުން އެނގޭ ގޮތުގައި އެ ގައުމުގައި ދުންފަތާ
ދެކޮޅަށް ތަންފީޒު ކުރި ޓޮބޭކޯ ހާމް ރިޑަކްޝަން ޕޮލިސީތަކުގެ ސަބަބުން އެކަނި ވެސް
ގާތްގަނޑަކަށް 416،000 މީހުންގެ ފުރާނަ ވަނީ ސަލާމަތްކުރެވިފަ އެވެ. ރާއްޖޭގެ
އާބާދީ ކުޑަ ނަމަވެސް ބޭނުންވަނީ އެއް ނަތީޖާ އެކެވެ. ދުންފަތާ ދެކޮޅަށް ހަރުދަނާ
މަސައްކަތްތަކެއްކޮށް އާންމު ރައްޔިތުންގެ ސިއްހަތު ސަލާމަތް ކުރުމެވެ.
ދުންފަތުގެ 'އޯލްޓަނޭޓިވްސް'ގެ ގޮތުގައި ބޭނުންކުރާ ނިކޮޓުން ޕެޗާއި ވޭޕް
ފަދަ ތަކެއްޗަކީ ދުންފަތުގެ އިސްތިއުމާލުކުރުން ނޯމަލައިން ކުރާ އާދަތަކޭ ބުނާ
މީހުން ވެސް އުޅެ އެވެ. ނަމަވެސް އިނގިރޭސިވިލާތާއި ސްވިޑެންގެ ތަޖުރިބާ މީގެ
އިދިކޮޅެވެ. މި އޯލްޓަނޭޓިވް އުފެއްދުންތަކުގެ ކޮންޓްރޯލު ސަރުކާރު އަތުގައި
އޮވެއްޖެ ނަމަ، ހަރުދަނަ ސިޔާސަތުތައް
ތަންފީޒުކޮށްގެން އާންމުން ދުންފަތާ ދުރުކުރެވޭނެކަން އެ ގައުމުތަކުގެ
ތަޖުރިބާއިން އޮތީ ފެންނާށެވެ.
ނަމަވެސް ރާއްޖޭގައި ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަނީ
މިއާ އިދިކޮޅަށެވެ. މިފަހުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި
ކޮމެޓީއެއްގައި ކުރިއަށް ގެންދިޔަ މަޝްވަރާއަކުން އެނގުނީ ދުންފަތް ވިއްކާއިރު
އުމުރު ހަމަވޭތޯ އައިޑީ ޗެކް ކުރުން ފަދަ
ކަންތައް ވެސް ރާއްޖޭގައި ނުކުރާ ކަމެވެ. ދުންފަތުން ދައްކަންޖެހޭ ޓެކްސް
ދައުލަތަށް ނުދައްކާ ކަމެވެ. ދުންފަތުގެ ބާވަތްތަކުގެ ރައްކާތެރިކަމާއި
ސާފުތާހިރުކަން ކަށަވަރު ނުކުރެވޭ ވާހަކަ އެވެ.
ދުންފަތުގެ އޯލްޓަނޭޓިވްސް ރެގިޔުލޭޓު ކުރުމުގެ ބަދަލުގައި ރާއްޖޭގައި
ފެންނަނީ ނިކޮޓިންގެ ބްލެކް މާކެޓަކަށް ފުރުސަތު ދީފައި އޮތް ތަނެވެ.
ދުންފަތުން ލިބޭ ގެއްލުން ކުޑަކުރުމުމަކީ ނިކޮޓިން ޕްރޮމޯޓު ކުރުމެއް ނޫނެވެ.
އެއީ އެ އަމަލުގެ ސަބަބުން ގެއްލޭ ފުރާނަތަކުގެ އަދަދު މަދުކުރުމެވެ. ދުންފަތުގެ
އިސްތިއުމާލު ކުރާ މީހުން އެ އަމަލު ކުރަނީ ނިކޮޓިންގެ ސަބަބުންނެވެ. ނަމަވެސް އެ
އަމަލު ކުރާ މީހުންގެ ފުރާނައަށް ނުރައްކާވަނީ ސިނގިރޭޓުގައި އެކުލެވޭޓާ އަދި
ދުންފަތުގެ ސަބަބުންނެވެ.
ދުންފަތުން ލިބޭ ގެއްލުން ކުޑަކުރުމުގެ ސިޔާސަތުތަކަށް ރާއްޖެއިން
ބަދަލުވެއްޖެ ނަމަ އޭގެ ނަތީޖާ ވެސް ތަފާތުވާނެ އެވެ. އެގޮތުން:
ދުންފަތުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގެއްލުން ބޮޑު ސިނގިރޭޓުގެ ޓެކްސް
އާއި ޑިޔުޓީ ބޮޑުކޮށް، އެ ނޫން އޯލްޓަނޭޓިވްސްއަށް ބަދަލުވެ ސިނގިރޭޓާ ދުރަށް ދިޔުމަށް ފުރުސަތު ފަހިކުރެވިދާނެ
ވޭޕްގެ ކަޅުބާޒާރަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި އެ އޯލްޓަނޭޓިވް ބޭނުންކުރަ މީހުންނަކީ އުމުރު ހަމަވެފައިވާ މީހުންކަން ޔަގީންކުރުމަށް ސިޔާސަތުތައް ތަންފީޒު ކުރެވިދާނެ؛ މިއާ އެކު، ކުޑަކުދިންނަށް ވޭޕް ފަދަ ތަކެތި ބޭނުންކުރުމަށް އޮންނަ ފުރުސަތު ނައްތާލެވޭނެ
އެންމެ މުހިއްމު ކަންތަކަށް ފޯކަސްކޮށް، ފިޔަވަޅުތައް ހަރުކަށިކުރުމުގެ ބަދަލުގައި ސިނގިރޭޓާ ދުރަށް ދާ މީހުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރެވިދާނެ
އެންމެ މުހިއްމު އިސްކަމެއް ދޭން ޖެހެނީ އާންމު
ސިއްހަތު ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށެވެ. ދުންފަތުގެ
ސިނާއަތަށް ބޯލެނބުމަކަށް ނޫނެވެ. އީޖާދީ ގޮތްތައް ބޭނުންކޮށްގެން ދުޅަހެޔޮ
އާބާދީއަކާ ދިމާއަށް ދިޔުމަށް މަސައްކަތް ކުރުމެވެ.
އެހެން ގައުމުތަކުގެ ތަޖުރިބާއިން ފެންނަނީ
ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް އަޅާ ހަރުދަނަ ފިޔަވަޅަކީ ވަގުތުން
ވަގުތަށް ދުންފަތާ ދުރަށް ދިޔުމަށް މަޖުބޫރު ކުރުވުން ނޫން ކަމެވެ. އެއަށް ވުރެ
މުހިއްމީ ދުންފަތާ ދުރު، ރައްކާތެރި ދިރިއުޅުމަށް ދިޔުމަށް މަގުފަހިކޮށްދިނުމެވެ.
ދުންފަތުގެ ކަޅުބާޒާރު ނައްތާލާ ދުޅަހެޔޮ ރާއްޖެއަކަށް ކުރަންވީ ކޮން ކަމެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ