ރައީސް ޔާމީންގެ ޖަލުހުކުމުގެ ހުލާސާ ރިޕޯޓު ކޯޓުން އަދިވެސް ނުދޭ!

ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ޖަލުހުކުމުގެ ހުލާސާ ރިޕޯޓު ކްރިމިނަލް ކޯޓުން އަދިވެސް ދޫނުކުރާކަން "ވީނިއުސް" އަށް ކަށަވަރުކުރެވިއްޖެއެވެ.
އެކޯޓުގެ މީޑިއާ އޮފިޝަލް "ވީނިއުސް"އަށް ވިދާޅުވީ، ރައީސް ޔާމީންގެ ޖަލުހުކުމުގެ ހުލާސާ ރިޕޯޓު ކޯޓުން އަދި ދޫނުކުރާ ކަމަށާއި، ކަމާބެހޭ ސެކްޝަނުން އެމަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. ހުލާސާ ރިޕޯޓު ދޫކުރާނެކަމަށް ލަފާކުރެވޭ ވަކި ތާރީޚެއް އޮފިޝަލް ވިދާޅުނުވިއެވެ.
އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލަށްލާފައި ވަނީ، ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަމުގެ ކުށް ސާބިތުވެ، 11 އަހަރުގެ މުއްދަތަކަށެވެ. މިހުކުމް އިއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް ކުރި މި ހުކުމް ދެމިއޮތްހާ ހިނދަކު، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލޭނެއެވެ.
އެކަމަކު ދަށު ކޯޓުގެ ހުކުމް މަތީ ކޯޓެއްގައި އިސްތިއުނާފުކޮށް ބާތިލުކުރެވިއްޖެނަމަ ރައީސް ޔާމީނަށް އެ ފުރުސަތު އަދިވެސް އެބަ އޮތެވެ. އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީނަށް ހުކުމްކުރި ދުވަހާއި ޖެހިގެން އައި ދުވަހު، ކޯޓުން ހުކުމުގެ ހުލާސާ ރިޕޯޓު ނުދީގެން އިސްތިއުނާފު ނުކުރެވި ލަސްވާކަމުގެ ކަންބޮޑުވުން ވަކީލުން ފާޅުކުރިއެވެ. އަދި ޕީޕީއެމް ލީޑަޝިޕްގެ ބޭފުޅުން އެ ރިޕޯޓު ލަސްވެގެން ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓަށްވެސް ވަޑައިގަތެވެ.
ޖަލުހުކުމް އިސްތިއުނާފުކުރުމަށް ކޯޓަށް ހުށަނާޅާކަން ކޯޓުން އާއްމުކުރާ މައުލޫމާތުތަކަށް ބަލައި "ވީނިއުސް"އަށް ޔަގީންވާއިރު، ހުކުމް އިސްތިއުނާފުކުރުމާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިއަދު މިނޫހުން ގުޅުމުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ފޯނު ނަންގަވާފައި ނުވެއެވެ.
މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށްދިން މައްސަލާގައިވެސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލުހުކުމެއް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު އިއްވިއެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ