ރާއްޖޭގެ ސިއްހީ ދާއިރާގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރަން ތައިލެންޑާއެކު އެއްބަސްވެއްޖެ

ރާއްޖޭގެ ސިއްހީ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި، ތައިލެންޑް ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިން ސޮއި ކުރި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ.
އަދި، ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ އޮފް ހެލްތު ޑޭޝް-އިސް ކައުތޯން އެވެ. މީގެ އިތުރުންވެސް އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓާ ސައިމާ ވާޒިދް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު، ނާޒިމް ވަނީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ޕާޓްނާޝިޕްގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
އަދި ރާއްޖެއާ ތައިލޭންޑުގެ ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް، އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ