ފުލުހުންނަށް ފައިސާ ބަހައި މަގާމުގެ ކުރިއެރުމަށް ވައުދުވާނެ، އެދުމަކީ ކޮރަޕްޝަންގައި ނުޖެހުން: އިހުސާން
ފުލުހުންގެ ޚިދުމަތުގެ ޒިންމާ އަދާކުރަމުންދާއިރު، މަގާމު ކުރިއެރުމަށް ވައުދުވެ، ފައިސާ ބަހާނެ ކަމަށް ވިދާޅުވެ، ކޮރަޕްޝަނުގައި ނުޖެހުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ. އަސާސީ ކޯސް ނިންމައި ދަސްވެނިވި ފުލުހުންނަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިހުސާން ވިދާޅުވީ، ފުލުހުންގެ މާހައުލުގައި ކޮރަޕްޝަން ފެތުރިފައި އެބަ އޮތް ކަމަށެވެ. އެހެންވެ، "މީހުން މަގާމުގެ ކުރިއެރުމަށް ވައުދުވާނެ" ކަމަށާއި ފައިސާ ވެސް ބަހާނެ ކަމަށް މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ. ނަމަވެސް، ފުލުހުން ހެދި ތަމްރީނުގެ ހުނަރުތައް ދޫކޮށްލައި، ސާބިތުކަން ދޫކޮށްލައިގެން ނުވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. ފުލުހުންގެ ބައެއް އިސްވެރިންނާއި މިނިސްޓަރު އިހުސާން ފުލުހުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ފުލުހުން އަޅުގަނޑުމެން މި މުއައްސަސާގައި ޒީރޯ ޓޮލަރެންސް އޮންނާނީ ކޮރަޕްޝަނަށް. މި ފަދަ ބަލި މަޑުކަމެއްގައި ނުޖެހުމަކީ އަޅުގަނޑު ދޭ ނަސޭހަތެއްހޯމް މިނިސްޓަރު އަލީ އިހުސާން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، ފުލުހުންނަކީ ފަޚުރުވެރި މާޒީއެއް އޮވެ، ކޮންމެ ރައްޔިތަކު ވެސް ފަޚުރުވެރިވާ ޚިދުމަތްތަކެއް ދެމުން އަންނަ މުއައްސަސާއެކެވެ. އެގޮތުން، ކޮންމެ ދުވަހަކީ ފުލުހުން ނުރައްކާތެރި މާހައުލުތަކުގައި މަސައްކަތް ކުރަން ޖެހޭނެ ދުވަހެއް ކަމަށާއި އެ ކަމަށްޓަކައި އަލަށް ތަމްރީނުވި ފުލުހުން ތިބީ ތައްޔާރަށް ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ރައްޔިތުން އެދެނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން 100 ޕަސެންޓު ކަށަވަރުވެފައި އޮތުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ރައްޔިތުން އެދެނީ ރާއްޖޭގެ ކޮންމެ ރަށަކާއި އަނދިރި ހިސާބަކީ ރައްކާތެރިކަން ކަށަވަރުވެފައި އޮތް ތަނަކަށްވެ، ސަލަމާތައި ރައްކާތެރިކަން ކަށަވަރުވެފައި އޮތް ތަނެއްގެ އިހުސާސް ކުރެވުމަށް ކަމަށް އިހުސާން ވިދާޅުވިއެވެ. ފުލުހުން މަސައްކަތް ކޮށްދޭންވީ ރައްޔިތުންގެ އެ އެދުން ހާސިލުކުރުމަށް ކަމަށާއި ހުރިހާ ފުލުހުންގެ މަސައްކަތުން އެ ކަން ހާސިލުވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ކޮރަޕްޝަނާ ނުގުޅުމަށް މިނިސްޓަރު ވާހަކަތައް ދެއްކެވިއިރު، ފުލުހުންގެ އިސް މަގާމުތަކުގައި ތިބި ބައެއް އޮފިސަރުންނަށް އެފަދަ ތުހުމަތުތައް އަމާޒުވެފައިވެއެވެ. އޭގެ ތެރޭގައި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި ގޮތް ނޭނގޭ ގޮތްތަކަށް ފައިސާ ހޯދުމުގެ ތުހުމަތުތައް ހިމެނެއެވެ. ނަމަވެސް އެ ބޭފުޅުން އެ ތުހުމަތުތައް ދޮގުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ