ގިނަ ކައިވެނިތަކެއް ރޫޅެމުން މިދަނީ ރަނގަޅު ނޫން މީހުން ގިނަވީމައެވެ. ނަމަވެސް އެއިގެ މާނައަކީ އަނެކާގެ ބައިވެރިޔާ ފަދަ މީހަކަށް ތިމާގެ ބައިވެރިޔާވެސް ވާނެކަމަށް ޤަބޫލުކުރަންޖެހުމެއް ނޫނެވެ. އަނެކާ އޭނާގެ ބައިވެރިޔާއަށް ދިން ފަދަ އަނިޔާއެއް ތިމާގެ ބައިވެރިޔާވެސް ތިމާއަށް ދޭނެ ކަމަށް ޤަބޫލުކުރަންޖެހުމެއްވެސް ނޫނެވެ.
ޙަޔާތުގެ ބައިވެރިޔާއާއިމެދު މިފަދަ ޝައްކުތައް ގިނަފަހަރު އުފެދެނީ ކުރިން މިބުނި ކަންތަކަށް ވިސްނައިނުލެވޭތީއެވެ. އެހެންވީމާ މިއީ ދެމަފިރިންވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ތިމާގެ ބައިވެރިޔާއާއިމެދު ކަންކަން ނިންމަންވާނީ އޭނާގެ ކިބައިން ފެންނަ ޢަމަލުތަކުގެ މައްޗަށެވެ. ނޫންނަމަ އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ.
މިޘާލެއްގެ ގޮތުން ކުޑަ ޙާދިސާއެއް ގެނެސްދޭނަމެވެ.
މިހާރަކަށް އައިސް ފިރިމީހާ ގެއަށް އަންނަނީ ވަރަށް ލަހުންނެވެ. އާންމުކޮށް ގެއަށް އަންނަ ވަޤުތަށްވުރެ 2 ގަޑިއެއްހައިއިރުފަހުންނެވެ. އެހެންވެ އަނބިމީހާ ރުޅިގަދަވެ ނޯޓެއް ލިޔުނެވެ.
"ކޮންމެ ދުވަހަކު އެހައިލަހުން ގެއަށް ތިއައަންނަނީ އަހުރެން ދެކެ ފޫހިވެގެންކަން އެނގެއެވެ. ކޮންމެ ދުވަހަކު އިންތިޒާރުކޮށްކޮށް ވަރުބަލިވެއްޖެއެވެ. އެހެންވެ އަހުރެން މިދަނީއެވެ. އަހުރެން ހޯދަން ނުއުޅޭށެވެ."
ފިރިމީހާ ގެއަށް އައުމުން ފެންނާނެ ގޮތަށް ކޮޓަރީގައި ނޯޓް ބާއްވާފައި އަނބިމީހާ ހުރީ ކޮޓަރީގައި ފިލައެވެ. ފިރިމީހާ ގެއަށް އައިސް ނޯޓް ކިޔާފައި އެއިގެ ފުރަގަހުގައި އެއްޗެއް ލިޔުނެވެ. ލިޔެފައި ފޯނުކޯލެއްކޮށް އަނބިމީހާ ގެއިން ހިނގައްޖެކަމަށާއި ދެމީހުން އުފަލުގައި އެކުގައި އުޅެން މިހާރު އެއްވެސް ހުރަހެއް ނެތްކަމަށާއި އިރުކޮޅަކުން ބަލައިދާނެކަމަށް ބުންޏެވެ. އެހެން ބުނެފައި ނުކުމެގެން ދިއައީއެވެ.
އަނބިމީހާ ވީދެރައިން ރޮމުން ފިލައި ހުރިތަނުން ނުކުމެ ނޯޓުގައި ފިރިމީހާ ލިޔެފައި އޮތް އެއްޗެއް ކިޔައިލިއެވެ.
"އަހުރެންގެ ލޯބިވާ އަނބިމީހާއެވެ! އަހުރެންގެ ފޯނު މޭޒުމަތީގައި އެއޮތީއެވެ. އެއިގައި ހުރި ވީޑިއޯތައް ބަލައިލާށެވެ. ގެއަށް އައުން ލަސްވަނީ ކޮން މަސައްކަތެއް ކުރާތީކަން އެނގޭނެއެވެ. ދެރައީ އަހައިވެސް ނުލައި ހުރެފައި ތިއަފަދަ ވިސްނުމެއް ވިސްނީތީއެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ނުބެނެވޭކަން އެއީ އަހުރެންގެ ކުށެވެ. އެކަމަށް މާފަށް އެދެމެވެ.
ވަރުބަލިވެފައި ހުރިވަރުން ގެއަށް މިއާދެވުނީ ތިބާގެ ބޭސް ނުގަނެއެވެ. ވީމާ ފާމަސީއަށް ގޮސް ބޭސް ގަނެލައިގެން ވަރަށް އަވަހަށް އެބަ އަންނަމެވެ. "ޓޭކް ކެޔަރ!"
މިވީ ކިހިނެއް ހެއްޔެވެ؟ ފިރިމީހާ ފޯނުން ދެއްކި ވާހަކައާއި ނޯޓުގައި ލިޔެފައި އޮތް ވާހަކަ ދިމައެއް ނުވެއެވ. އެއިގެ އިތުރުން ގޭގައި ނެތްކަމަށް ބުނި އަނބިމީހާއަށް ދައްކަން ފޯނު ބޭއްވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ދައްކަން ނޯޓެއް ލިޔުނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ އަނބިމިހާ ގެއިން ނުދާކަން ފިރިމީހާއަށް ޔަޤީންވާ ކަމެވެ.
ދެންވީގޮތްވެސް ބުނެލާނަމެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ފިރިމީހާ އެނބުރި ގެއަށް އައުމުން އަނބިމީހާގެ ފުރަތަމަ ސުވާލަކަށްވީ ބަލައިދިއަ މީހާ ކޮބައިތޯއެވެ؟ ފިރިމީހާ ބުންޏެވެ. "އަހުރެންގެ ލޯބިވާއެވެ! އަހުރެން މިގެއަށް ގެންނާނެ މީހާގެ ގެއަށް ބަލައިގޮސް ގެއަށް ގެނެސް އެކަންވަނީ ނިމިފައެވެ. ދެން މިގެއަށް އިތުރު މީހަކު ވެއްދުމަކަށް ޖާގައެއް ނެތެވެ. އެހެން ބުނީ ފިލައިހުރިތަނަކުން އަވަހަށް ނުކުމެ ނޯޓުކިޔާތޯއެވެ!"
މިފަދަ ކަންކަން ވަރަށް ގިނައިން ކުރިމަތިވެއެވެ. ސަބަބަކީ ފަށަމުން ބުނި ފަދައިން ބައިވެރިޔާއާއިމެދު ވިސްނޭތީއެވެ. ވީމާ ދެމަފިރިންގެ މެދުގައި ކަންބޮޑުވާންޖެހޭ އެއްވެސް މައްސަލައެއް އޮތްނަމަ އެކަމަކާއިމެދު ވާހަކަދައްކާށެވެ. މަޝްވަރާކުރާށެވެ! އޮޅުން ނުފިލުވައި އެކަމާއިމެދު ވިސްނަން ފަށައިފިނަމަ އެކަން ވެގެންދާނީ ތިމާ އަމިއްލައަށް ތިމާ ލިބިގަންނަ އަނިޔާއަކަށެވެ.
- އަލަފް / މިއަދުނޫސް
އަނެކާގެ ބައިވެރިޔާ ގޯސްވުމަކީ ތިމާގެ ބައިވެރިޔާ ގޯސްވާނެކަމަށް ޤަބޫލުކުރަންޖެހެންވީ ސަބަބެއް ނޫން! އެގޮތަށް ޤަބޫލުކުރެވުމަކީ ހެދޭ ބޮޑު ގޯހެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ