ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ފޭބި އިޓަލީގެ ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒަންކުރައްވައިފި އެވެ.
އެ އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސްގެ ފަރާތްޕުޅުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.
ބަންޑާރަކޮށީގައި ބޭއްވި އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީގެ އިތުރުން ފުލުހުންނާއި، ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.
ޑައިވިންގް އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގުވަޒަންކޮށް އެ ރަސްމިއްޔާތުގައި ރައީސްގެ ފަރާތްޕުޅުން ވަނީ ހަނދާނީ ލިޔުން ހަވާލުކުރައްވައިފަ އެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި، ޑައިވިންއާ ގުޅުން ހުރި އެންމެ ހިތާމަވެރި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިޓަލީގެ ބޯގޯމަނޭރޯގެ ޑައިވަރު ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް އާއި އިޓަލީގެ ޓޫރިންގެ މިއުރިއަލް އޮޑެނީނޯ އަދި އިޓަލީގެ ޕަޑުއާގެ ޖިއަންލޫކާ ބެނެޑެޓީ ހިމެނެ އެވެ.
މީހުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފަ އެވެ. މަހުދީ ނިޔާވުމާ ގުޅިގެން އެ އޮޕަރޭޝަން މެދުކަނޑާލައި ދެން އެ މަސައްކަތުގައި އުޅުނީ ފިންލޭންޑުގެ ޑައިވަރުންނެވެ.
ޑައިވް އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގުވަޒަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ