މިއަދުގެ މޫސުން ގޯސް: ވިއްސާރަކުރުމާއިއެކު ކަނޑުތައް ގަދަވާނެ

މިއަދު ރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރުމާއިއެކު ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ، މިއަދު ހަވީރު 18:00 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެކަމަށާއި، މެދު ރާއްޖެތޭރެގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
Advertisement
އެއިދާރާއިން ބުނީ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓާއި ދެމެދު ހުންނާނެކަމަށެވެ.
ހޯމަ ދުވަހުން ފެށިގެން އަނެއްކާވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، އެއިދާރާއިން ބުނީ، ރާއްޖޭގެ އިރުމަތީގައި ސަރކިއުލޭޝަންއެއް އުފެދެމުން އަންނައިރު، އޭގެ އަސަރު މިއަދުން ފެށިގެން ކުރާނެކަމަށް ބެލެވޭކަމަށެވެ. 
ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށްވާރޭވެހޭނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މި ހަފްތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ބުނެފައެވެ. މެޓް އޮފީހުން ބުނީ، އެދުވަސްތަކުގައި ރާއްޖެ ސަރަޙައްދުގެ ވައި ބާރުވެ، ކަނޑުތައް ގަދަވާނެކަމަށް ބެލެވޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ