ޚިދުމަތްތަކެއް ފޯރުކޮށްދެވޭނީ މަޖިލީސް މެންބަރުން އިޚްލާޞްތެރިވެގެން - ގާސިމް

ސަރުކާރުން ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ފޯރުކޮށްދެވޭނީ މަޖިލީސް މެންބަރުން އިޚްލާޞްތެރިވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ރޭ މ. ކުނޫޒްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ 2013 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިޅީހުން އިއްޔެ ފާސްކޮށްފައިވާއިރު ބެޖެޓާ ގުޅިގެން ވޯޓަށް އަހައި ފާސްކޮށްފައިވާ ބައެއް ރިކޮމެންޑޭޝަންތަކަކީ ޤާނޫނާ ޚިލާފު ރިކޮމެންޑޭޝަންތަކެއް ކަމަށެވެ.
"ރައްޔިތުންނަށް ޚިދުމަތްދޭން ފައިސާ ބޭނުންވޭ. ފައިސާ އާއި ނުލައި ދައުލަތަކަށް ރައްޔިތުންނަކަށް ޚިދުމަތެއް ނުދެވޭނެ. ދައުލަތަށް ފައިސާ ހޯދޭނީ ހޯދޭނެ ގޮތަށް މަޖިލީހުން މަގުފަހިކޮށްދިނީމަ. ފައިސާއަކީ މިހެންތިއްބާ މަތިން ފައިބާ އެއްޗެއް ނޫން. މަތިން ރުފިޔާއެއް ނުފައިބާނެ. ކޮމިޓީގައި ވަކި ގޮތަކަށް ކަންކަން ކުރަން ނިންމާފައި މަޖިލީހުގެ ތަޅުމަށް އައިސް އެހެން ގޮތަކަށް ވޯޓު ދިނީމާ މިއެނގެނީ ކޮންކަމެއްތޯ؟ އިޚްލާޞްތެރިކަމަކީ އެއީތޯ؟" ގާސިމް ސުވާލުކުރެއްވި އެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ބަޖެޓުގެ ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލުކުރަން ފާސްކުރާއިރު ޤާނޫނު ހުއްޓުވޭގޮތަށް ރިކޮމެންދޭޝަންތައް ފާސްކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި ޤާނޫނާ ޚިލާފަށް ކަންކަން ކުރާނަމަ މަޤާމުން އިސްތިއުފާދިނުން ރަނގަޅުވާނެ ކަމަށެވެ.
"ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އެކަމަށް ވަރަށް ފުޅާދާއިރާއެއްގައި ބަހުސް ކުރެވި ހުރިހައި މެންބަރުންވެސް އިމްޕޯޓް ޑިޔުޓީއަށް ބަދަލު ގެނައުމަށް އެއްބަސްވި. ކޮމިޓީގައި އެގޮތަށް އެއްބަސްވި ނަމަވެސް މިއަދު ފާސްވެގެން އެދިއައީ ކިހިނެއްތޯ؟ މިއީ ސަރުކާރު ދަމަހައްޓަން ތިބި ބައެއްގެ އިޚްލާޞްތެރިކަމާމެދު ހަމަޔަޤީނުންވެސް ސުވާލު އުފެދޭ ކަންކަން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އިއްޔެ އަކީ މުހިންމު ދުވަހެއްކަމަށާއި ފަސާދަ އާއި ހިނާޔާތުން ގައުމު ސަލާމަތްކުރުމަށް މުހިންމު ބިލްތަކެއް ފާސްކޮށްފައިވާކަމަށެވެ. ބިލްތަކުގެ ތެރޭގައި ސިޔާސީ ޕާޓީގެ ބިލާއި ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރ ކޮށް އިވެލުއޭޓް ކުރުމުގެ ބިލް ހިމެނޭކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަންނަވާނީ 30000 މެމްބަރުންގެ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ ހަދައިގެން އެ އެންމެންނާއެކުގައި ކަމަށާއި އެއަދަދަށް މެންބަރުން ހަމަކުރުމުގެ ގޮތުންނާއި އަދި އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރުމަށް ނިންމާފައިވާކަމަށެވެ. ގާސިމް ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުން ފެއިލް ނުވާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕޭންތައް އަންނަ މަހު ފަށާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ