ބިރުދެއްކުމަށް ދައުވާކޮށް ޖަލަށްލިޔަސް ރައީސް ޔާމީނަށް ދުލެއް ނުދޭނަން - އަބްދުﷲ ރިޔާޒް

ކިތަންމެ ވަރަކަށް ބިރު ދެއްކި ނަމަވެސް ރައީސް ޔާމީން ދެކެ ބިރު ނުގަންނަކަމަށާއި ދައުވާކޮށް ޖަލަށްލީ ނަމަވެސް ރައީސް ޔާމީނަށް ދޫނުދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީ ތަކުން މާފަންނު ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ރިޔާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މީހުންނަށް ބިރު ދެއްކުމަށް ރައީސް އަބްދުﷲ ޔާމީން ކުރައްވާ އެއްވެސް ކަމެއްގެ ސަބަބުން ބިރު ފަހަތަށް ޖެހޭނެ މީހަކު ގުޅިފައިވާ ޕާޓީ ތަކުގައި ނުހުންނާނެ ކަމަށާއި އެހެންކަމުން ބިރު ދެއްކުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ އާންމުކޮށް މީހުންނަށް ބިރު ދައްކާނީ އެންމެ ބޮޑަށް ބިރުގަންނަ މީހާ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ދައްކާ ބިރަށް އެއްވެސް މީހަކު ފަހަތަށް ނުޖެހުމަށް ވެސް ރިޔާޒު ވަނީ އެެދިވަޑައިގެންފަ އެވެ.
ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ އަތްޕުޅުން ބާރުތައް ދޫވެ މިހާރު އަތްޕުޅުގައި އޮތީ އެންމެ ކާޑެއް ކަމަށެވެ. އެއީ ފަނޑިޔާރުގެ ކަން ފާހަގަކުރައްވަމުން ރިޔާޒު ވިދާޅުވީ ފަނޑިޔާރުގޭގެ އިތުބާރު ވެސް މިހާރު ރައީސް ޔާމީނަށް ގެއްލިފައިވާ ކަމަށެވެ.
ފަނޑިޔާރުންނަށް ފިޔަވަޅު އަޅައި އެބޭފުޅުން އެއް ކޯޓުން އަނެއްކާ ބަދަލުކުރަނީ ވެސް އިތުބާރު ނެތުމުން ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުވާކުރާ މައްސަލައަށް އިޝާރަތްކުރައްވާ ރިޔާޒް ވިދާޅުވީ މެންބަރުންނަށް ދައުވާ ކުރަން ފެށީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ޔާމީން ބޭނުންވާ ގޮތަށް ކަންކަން ކުރެވޭ ގޮތް ނުވުމުން ކަމަށެވެ.
މެންބަރުންނަށް ކިތަންމެ ވަރަކަށް ދައުވާ ކުރި ނަމަވެސް މެންބަރުން ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި މެންބަރުން ކުރައްވާފައިވާ ހުވާގެ މަތީގައި ދެމިތިބޭނެ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ މިވެރިކަން ބަދަލުވެގެން ދާނެ ކަމަށާއި އެބަދަލު އަންނާނީ ރައްޔިތުން އެދޭ ގޮތަށް ކަންވެސް ރިޔާޒު ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ