މިއަހަރުގެ ރިޔާސީ އިންތިހާބާ ގުޅުވައިގެން އެކިއެކި ފަރާތްތަކުން ނަގާ ޕޯލްތަކުގެ ނަތީޖާ ދައްކާގޮތުން އެމްޑީޕީ ވެއްޓެމުންދާ މަންޒަރު ފެންނަ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ގުޅުމުން އަމީރު އަހުމަދު ސްކޫލް ކައިރީ "ހެންވޭރު ދެކުނު ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުޅުމަށް މިހާރު ފުރަތަމަ ބުރުންވެސް އެއްވަނަ ލިބޭނެ ކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ ފުރަތަމަ ބުރުން 51 އިންސަތައަށް ވުރެ މަތިން ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބު ކުރުމަށެވެ.
"ކުރިން އަޅުގަނޑުމެން މަސައްކަތްކުރަމުން އައީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އައުމަށް. ނަމަވެސް މިހާރު މަސައްކަތްކުރަމުން މިދަނީ އެއްފަހަރުން ނިންމާލަން،" ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އިތުރަށް ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމަށް ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރުމަކީ ނުވާނެ ކަމެއް ނޫންކަމަށާއި ޖުމްހޫރީ ޕާޓީއާއި އެޕާޓީއާއި ގުޅިފައިވާ ޕާޓީތަކާއި ބޭފުޅުންގެ އަދަދަށް ބަލާއިރު 60 ހާހަށް ވުރެ މަތި ކަމަށެވެ. އެހެންކަމުން ކޮންމެ މެމްބަރަކު އިތުރު އެއްވޯޓު ހޯދުމުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ރައީސް ނަޝީދުއަށް ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވީ ރައީސް ނަޝީދުއާއި ރައީސް ނަޝީދުގެ ފަހަތުގައި ތިއްބެވި ދެތިން މީހަކު ނޫނީ އެމްޑީޕީގައިވެސް ތިބީ ރަނގަޅު ރައްޔިތުން ކަމަށެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން އުމަރު ނަސީރު ވިދާޅުވީ ގާސިމް އިބްރާހިމް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ހޮވަންޖެހެނީ "ރާއްޖެ މަހުޖަނަކަށް" ހެދުމަށް ކަމަށާއި އެކަން ގާސިމްއަށް ކުރެއްވޭނެ ކަމަށެވެ. އަދި އެކަން ގާސިމްގެ އަމިއްލަ ތަޖުރިބާއިން މިހާރުވެސް ދައްކާފައިވާ ކަމެއްކަމަށް އުމަރު ވިދާޅުވިއެވެ.
އެމްޑީޕީގެ ތާއީދު ނެތިގެންދާކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ